ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް އެޕް ވައިބާގައި އެއްފަހަރާ ވީޑިއޯ ކޯލް ކުރެވޭ އަދަދު 20 އަށް އިތުރުކޮށްފި އެވެ.
ވައިބާ އިން ބުނީ މި ބަދަލަކީ ކޮވިޑް-19އާ އެކު ތަބާވާން ޖެހިފައިވާ ސޯޝަލް ޑިސްޓެންސިންއާ އެކު، މިހާރު އެކަކު އަނެކަކަށް ޖިސްމާނީ ގޮތުން ބައްދަލުވުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އާއިލާ އާއި ރައްޓެހިންގެ ގިނަ ބަޔަކާ އެއްފަހަރާ ފެނި ބައްދަލުކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
މި ބަދަލު ގެނައިކަން ވައިބާގެ އަހުލުވެރިންނަށް މިހާރު މެސެޖަކުން ވެސް ލިބިފައިވާނެ އެވެ.
ވައިބާގެ ސީއީއޯ އޮފީރު އެޔާލް ވިދާޅުވީ މިހާރު އެއްފަހަރާ 20 މީހުންނާ އެކު ވީޑިއޯ ކޯލް ކުރެވުނަސް އަދި މި ހިސާބުން އެ އަދަދު ލިމިޓްވީ ނޫން ކަމަށެވެ.
"މާނަ އަކީ އަނެއްކާ ވެސް އެ އަދަދު ވަރަށް އަވަހަށް އިތުރުވެގެންދާނޭ،" އޭނާ ވިދާޅުވި އެވެ.
ވައިބާ އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަނީ ޗެޓްކުރުމާއި ފޮޓޯ އާއި ކުދިކުދި ވީޑިއޯކޮޅުތައް ފޮނުވުން ކަހަލަ ކަންކަމަށެވެ.
ވައިބާ އަކީ މީގެ ނުވަ އަހަރު ކުރިން ޑިސެމްބަރު 2، 2010 ގައި ވުޖޫދަށް އައި ޕްލެޓްފޯމެކެވެ. ވައިބާ އުފެއްދީ އިރްޒާއީލްގެ ވައިބާ މީޑިއާއިންނެވެ. އަދި 2014 ގައި ރަކޫޓެން އިން ވަނީ ވައިބާ ގަނެފަ އެވެ.
ވައިބާގެ އެކްޓިވް ޔޫޒަރުންގެ އަދަދު 260 މިލިއަނަށް އަރަ އެވެ.