ކޭޓަށް ޕްރިންސް ވިލިއަމް ދެއްވި އެންމެ ކަމުނުދާ ހަދިޔާ އަކީ ދުރުމިއެއް

އަނބިކަނބަލުން ކޭޓް މިޓްލްޓަންއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތްތާ ކައިރީގައި ދެއްވުނު އެންމެ ކަމުނުދާ ހަދިޔާ އަކީ ދުރުމިއެއް ކަމަށާއި ދުވަހަކު ވެސް އެކަން ހަނދާން ނައްތައިނުލެއްވޭނެ ކަމެއް ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.


ބީބީސީ ރޭޑިއޯ ފައިވް ލައިވްގެ "ދެޓް ޕީޓާ ކްރައުޗް ޕޮޑްކާސްޓް" ގައި ވިލިއަމް ވިދާޅުވީ އޭނާ އަކީ ހަދިޔާ ދެއްވުމުގައި "ވަރަށް ނުފޯރާ ބަލިކަށި" ބޭފުޅެއް ކަމަށެވެ. ވިލިއަމް ވިދާޅުވި ގޮތުގައި ހަދިޔާއެއް އިހުތިޔާރުކުރައްވަން ޖެހިވަޑައިގަތުމަކީ އަބަދުވެސް ވަރަށް ހާސްވެ، ކަންބޮޑުވަޑައިގަންނަވާ އުނދަގޫ ކަމެކެވެ.

"އެހެންވެ ކޭޓަށް ހަދިޔާއަކަށް ދުރުމިއެއް ދިން ދުވަހަކީ ދުވަހަކު ވެސް ހަނދާން ނައްތައިލެވޭނެ ކަމެއް ނޫން. އެ ދުވަހަކީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ވެސް އުޅެން ޖެހުނު ދުވަހެއް،" ވިލިއަމް ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ޖޯކް ޖައްސަވައި ވިލިއަމް ވިދާޅުވި ގޮތުގައި ދެ ބޭފުޅުން ބައްދަލުވެވަޑައިގަތްވާ ވަރަށް ކުރީކޮޅު ހަދިޔާއަކަށް ދުރުމިއެއް ދެއްވި މައިގަނޑު ސަބަބަކީ އެ ހަދިޔާއާ އެކު އެ ގުޅުން ފުރަތަމަ މަރުހަލާގައި ވެސް ފައްކާވާނެކަމުގެ އުންމީދު އޮތުމެވެ. އަދި އޭރު ކޭޓް އޭނާއާ ވަރަށް ހިތްޕުޅާވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ވިލިއަމް، 38، ވިދާޅުވި ގޮތުގައި ލޯބިވެރިޔާ އަށް ހަދިޔާއަކަށް ދުރުމިއެއް ދެއްވުމަކީ މާ ހާއްސަ ކަމަކަށް ވެސް ނުވެދާނެ އެވެ. އެކަމަކު ދުރުމި އަކީ އޭގެ ޒާތުގައި ވަރަށް ބޭނުންތެރި މުހިއްމު އާލާތެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު ހަދިޔާއަކަށް ދެއްވަން ދުރުމިއެއް ބައްލަވައިގަންނަވަން ހިޔާލުފުޅު ކުރެއްވުނީ ސީދާ ކޮން ސަބަބަކާ ހުރެކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބޭނުންފުޅުވީ "ހާއްސަ" އެއްޗެއް ކަމަށް ވިދާޅުވި އެވެ.

ޝޯގެ ޕްރެޒެންޓަރު ކްރިސް ސްޓާކް ދުރުމިއާ ބެހޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރެއްވުމުން ވިލިއަމް ވިދާޅުވީ ދުރުމި އަކީ ދުރު ގާތްކޮށްދޭ އެއްޗެއް ކަމަށާއި ކޭޓަށް ހަދިޔާއަކަށް ދުރުމިއެއް ދެއްވި މުހިއްމު ސަބަބަކީ ވެސް ދެ ބޭފުޅުން ގާތްކަން ބޮޑުކުރެއްވުން ކަމަށެވެ.

"އެހެންވެ ހިތަށް އެރީ ކިހާ ރީތި ހަދިޔާއަކަށްވާނެހޭ ކޭޓަށް ދުރުމިއެއް ދިނުމަކީ؟ އެކަމަކު ދެން ދުރުމި ދިނީމަ ކޭޓަށް ބުނާނެ އެއްޗެއް ނޭނގިގެން އަހަންނާ ދިމާލަށް ބަލަން ހުރެވުނީ. ދެން އަހަނީ މިއީ ކޮން ކަމެއްހެއްޔޭ؟" ހަނދާންތައް އާކުރައްވަމުން ވިލިއަމް ވިދާޅުވި އެވެ.

ވިލިމާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ގަ އެވެ.