ހީކުރީ ބިއްލޫރިކޮޅެއް ކަމަށް، އެކަމަކު އެއީ ޖަވާހިރެއް

އެމެރިކާގެ ކަންސަސްގެ ކްރޭޓާ އޮފް ޑައިމަންޑްސް ސްޓޭޓް ޕާކަށް އާންމުކޮށް ގޮސް އުޅޭ ޒުވާނަކަށް އެތަނުން ފެނުނު ބިއްލޫރިކޮޅެއްހެން އޮތް އެއްޗެއްގެ ހަގީގަތް ބެލި އިރު އެއީ 19 ކެރަޓްގެ ޖަވާހިރެއްކަން އެނގިއްޖެ އެވެ.


ކެވިން ކިނާޑް، 33، އަށް ފެނުނީ 9.07 ކެރަޓްގެ ޖަވާހިރެކެވެ.

އޭނާ ކިޔައިދިން ގޮތުގައި ޖަވާހިރު ފެނުނީ މި މަހުގެ 7 ވަނަ ދުވަހު ރައްޓެހިންތަކަކާ އެކު ޕާކަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. ތަންކޮޅެއް ދުރުން ބިއްލޫރިކޮޅެއް ކަހަލަ އެއްޗެއް ވިދާތީ ފެނިގެން ގޮސް ނެގީ އެވެ. އެކަމަކު އެ ނެގި އިރަކު ޖަވާހިރެއް ކަމެއް ނޭނގެ އެވެ.

"އަހަންނަކީ އެގޮތަށް ފެންނަ ވިދާ އެއްޗެހި އާންމުކޮށް ނަގާ މީހެއް. އެ ދުވަހު ވެސް ރީތި ބިއްލޫރިކޮޅެއް ކަހަލަ އެއްޗެއް ފެނިގެން ނެގި ގޮތަށް ދެން ގެންގުޅުނު ދަބަހުގެ ތެރެއަށް ލީ،" ބޭންކް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ކިނާޑް ބުންޏެވެ.

އަދި ޕާކުން ދިއުމުގެ ކުރިން ރައްޓެހިންގެ ވެސް އެދުމުގެ ގޮތުން އެއީ ކޯއްޗެއްތޯ ކަށަވަރުކުރަން ޕާކްގެ ޑައިމަންޑް ޑިސްކަވަރީ ސެންޓަރުގައި ޓެސްޓްކުރަން ހަވާލުކުރި އެވެ. ގަޑިއިރުތަކެއް ފަހުން އެތަނުން ގުޅާފައި ކިނާޑަށް ދިން ޚަބަރަކި އޭނާ ހޮވި އެއްޗަކީ 9.07 ކެރެކްޓްގެ ޖަވާހިރެއް ކަމެވެ.

"އުފަލުން ގޮސް ހަދާނެ ގޮތެއް ވެސް ނޭނގުނު. ބޮޑު ޝޮކަކަށްވީ،" ފަހުން އެ ޖަވާހިރުގެ ނަމަކަށް "ކިނާޑް ފްރެންޑްޝިޕް ޑައިމަންޑް" ގެ ނަން ދިން ކިނާޑް ބުންޏެވެ.

މި ޖަވާހިރުގެ ވާހަކަ އާކަންސަސް ސްޓޭޓް ޕާކްގެ ވެބްސައިޓްގައި ވެސް ހިމަނާފައިވެ އެވެ. އެތަނުން ބުނި ގޮތުގައި ކިނާޑް ހޮވި ޖަވާހިރަކީ 1972 ގެ ފަހުން އެތަނުން މީހަކު ދެވަނަ އަށް ހޮވި އެންމެ ބޮޑު ޖަވާހިރެވެ. ކުރިން އެތަނުން ހޮވި އެންމެ ބޮޑު ޖަވާހިރަކީ 1975 ގައި ހޮވި 16.37 ކެރަޓްގެ "ވައިޓް އެމަރީލޯ ސްޓާލައިޓް" އެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އާކަންސަސް ސްޓޭޓް ޕާކްގެ ތެރެއިން އެކި މީހުން ޖަވާހިރު ހޮވާފައިވެ އެވެ.