ސެމްސަންގް އެސް21 ޑިސެމްބަރުގައި؟

މި އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ތާށިކަން ބޮޑު އުނދަގޫ އަހަރެއް ނަމަވެސް ފޯނު ނެރޭ ކުންފުނިތައް ތިބީ މަޑަކުންނެއް ނޫނެވެ. އޭގެ ހެއްކަކީ އެޕަލްގެ އައިފޯން 12 މި އަހަރު ނެރޭނެކަމާ ދޭތެރޭ ވެސް ސުވާލު އުފެދިފައި ވަނިކޮށް، ފޯނު ނެރުމެވެ. އެހެންވެ އަދި މި ހިސާބުން މި އަހަރުގެ ފޯނުގެ ފޯރިއެއް ނުނިމެ އެވެ.


ރިޕޯޓްތައް ބުނާ ގޮތުން ސްމާޓްފޯނުގެ ވިޔަފާރީގައި އެންމެ ނަގާކިޔާ އެއް ކުންފުނި ކަމަށްވާ ދެކުނު ކޮރެއާ ސެމްސަންގުން މިހާރު އަންނަނީ އެ ކުންފުނީގެ އެސް ސީރީޒްގެ އެސް21 ނެރެން ތައްޔާރުވަމުންނެވެ. އެސް20 ނެރުނީ މިދިޔަ އަހަރު އެވެ.

ދެކުނު ކޮރެއާގެ ބަައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސެމްބަރުގެ ފަހުކޮޅު އެސް21 ނެރޭނެ އެވެ. އަދި ބައެއް މީޑިއާތަކުން ބުނަނީ ޑިސެމްބަރުގައި ނުނެރޭނެ ނަމަ ޖެނުއަރީ ކަށަވަރު ކަމަށެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެސް21 ޑިސެމްބަރު މަހުގެ ތެރެގައި ނެރުމަށް، ފޯނުގެ ޕްރޮޑަކްޝަންސް ވަރަށް ބާރުގައި ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު މިތަންވަޅު ފޯނު ނެރެން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. އަދި ޑިިސެމްބަރު ނުވަތަ ޖެނުއަރީގައި އެސް21 ނެރުނަސް ޝިޕްކޮށްދޭން ފަށާނެ ކަމަށް ބުނަނި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ދި އިލެކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެސް21 ގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. އަދި އެ އެއްޗެހީގެ ނަމަކީ އޯ1 (ގެލެކްސީ އެސް21)، ޕީ3 (ގެލެކްސީ އެސް21+) އަދި ޓީ2 (ގެލެކްސީ އެސް އަލްޓްރާ) އެވެ. އަދި ފަސް ކުލައަކުން މި މޮޑެލްތައް އަންނާނެ ކަމަށްވެ އެވެ. އެއީ ގްރޭ، ޕިންކް، ސިލްވާ، ވައިލެޓް އަދި ވައިޓެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އެސް21 ސީރީޒްގެ ފޯނުތަކުގެ ތެރެއިން ކޮންމެވެސް އެއް މޮޑެލްއެއްގެ ސެލްފީ ކެމެރާ އިންނަނީ ނުފެންނަ ގޮތަށް ޑިސްޕްލޭ ދަށުގަ އެވެ.