ސިންގަޕޫރުގައި ކްލައިމެޓް ޗޭންޖާ ދެކޮޅަށް ބަޔަކު އުފުލާ އަޑުތަކަށް ހިތްވަރު ދީ ތާއިދުކުރާކަން ދެއްކުމުގެ ގޮތުން ކަރުދާސްގަނޑެއްގައި ސްމައިލީ ފޭސްއެއް ކުރަހައިގެން މަގުމަތީގައި ހުންނާތީ މީހެއްގެ މައްސަލަ ކޯޓާ ހަމައަށް ހިނގައްޖެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމު ތަންތަނަށް އުސޫލުތަކާ ހިލާފަށް އަދި ކޮވިޑް-19 ފެތުރިފައި ވަނިކޮށް ހުއްދަ ހޯދުމަކާ ނުލައި އެއްވާ ކަމަށް ބުނެ ފުލުހުން ދައުވާކުރަން ކޯޓަށް ހުށަހެޅީ ސިވިލް ރައިޓްސް އެކްޓިވިސްޓެއް ކަމަށްވާ ޖޮލޯވަން ވަމް، 40، ގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑު އެހުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވެ އެވެ.
ސިންގަޕޫރުގެ ފުލުހުންނާއި މި މައްސަލާގައި ޝާމިލުވާ އެހެން މުއައްސާތަކުން ބުނެފައި ވަނީ ވަމްގެ މައްސަލަ އަކީ ހުއްދަ ހޯދުމަކާކާ ނުލައި މަގުމައްޗަށް ނުކުމެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. މި ދައުވާ އޭނާގެ މައްޗަށް ފުލުހުން ކުރާ އިރު ކުށް ސާބިތުވެއްޖެ ނަމަ 5،000 ސިންގަޕޫރު ޑޮލަރު (3،700 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
ވަންގެ މައްޗަށް 2018 ގައި ވެސް ހަމަ މިފަދަ މައްސަލައެއްގެ ދައުވާ އުފުލާފައިވެ އެވެ. އަދި މިދޔަ މާޗް މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ސިންގަޕޫރުގެ ޖުޑީޝަރީ މެލޭޝިއާއާ އަޅާކީ މައްސަލައަކާއި ހޮންކޮންގުގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯޝުއާ ވޮންގްއާ އެކު ސްކައިޕް މެދުވެރިކޮށް ނޫސް ކޮންފަރެންސެއްގައި ބައިވެރިވި މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ޖަލުގައި ވެސް ބަންދުކުރި އެވެ. އަދި ފަހުން އޭނާ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރަކީ އެ ގައުމުގެ އަމަލުކުރަމުން އަންނަ އުސޫލުތަކާ ހިލާފުވާ ނަމަ، ފިޔަވަޅު އަޅައި ގާނޫނު ތަންފީޒުކުރުމުގައި ހަރުކަށި ގައުމެކެވެ.
ވަމް ބުނެފައިވާ ގޮތުގައި އޭނާ ސްމައިލީ ފޭސްއަކާ އެކު މަގުމަތީގައި ހުންނަ ހުރުމަކީ މުޒާހަރާއެއް ނޫނެވެ. އަދި އެއީ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލާ ޒުވާން ދެ އެކްޓިވިސްޓަކަށް އޭނާ ދޭ ހިތްވަރެކެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު "އެސްޖީ [ސިންގަޕޫރު] އިޒް ބެޓާ ދެން އޮއިލް" ޖަހާފައިވާ ބެނާއަކާއި އެކަކު ސިންގަޕޫރުގައި ހުންނަ އެމެރިކާގެ ތެޔޮ ކުންފުނި އެކްޒޯންް މޮބިލްގެ އޮފީސް ކައިރީގައި ޝުއޫރު ފާޅުކުރުމުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވެ އެވެ. އަދި ދެ މީހުންގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ނަމަވެސް އެ މީހުން ބުނެފައި ވަނީ މަގުމައްޗަށް ނުކުމެ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް އަޑު އުޑުލަނީ ގާނޫނުތަކާއި ގަވައިދުތަކަށް ގޮންޖެހުމުގެ ގޮތުން ނޫން ކަމަށެވެ. އަދި މިއީ ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ސްވިޑްންގެ ގްރެޓާ ތާމްބާގްގެ ކިބައިން ހިތްވަރު ލިބިގެން މުސްތަގުބަލަށްޓަކައި ފާޅުކުރާ ހިޔާލުުތަކެއް ކަމަށް ބުންޏެވެ.
"ސްމައިލީ ފޭސް" އަކާ ހެދި ވަމްގެ މައްޗަށް ކުރާ ދައުވާ ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން ވަނީ "ތާކުންތާކު ނުޖެހޭ ދައުވާއެއް" ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"ސިންގަޕޫރްގެ ސަރުކާރު އެބަޖެހޭ މިހާރު ތަސައްރަފު ފުދެން. އަދި މި އުޅެވެނީ އެކާވީސް ވަނަ ގަރުނުގައިކަން ރައްޔިތުންނަށް އިހުސާސް ވެސް ކޮށް ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ވަމް އަށް ކުރާ ދައުވާއާ ގުޅިގެން މިހާރު އާންމުންގެ ވަރަށް ގިނަ ބައެއް ސަޕޯޓް އޭނާ އަށް އަންނަނީ ލިބެމުންނެވެ.