ޓްވިޓާގެ ފީޗާތައް އިތުރަށް ވަރުގަދަކޮށް އޭގެ ޝައުގުވެރިކަން މިހާރަށް ވުރެ އިތުރުކުރުމުގެ ގޮތުން، ސްކްރީން-ޝެއަރިން އެޕެއްގެ ގޮތުގައި މަޝްހޫރު ސްކޮޑް، ޓްވިޓާ އިން ގަނެފި އެވެ.
މި މުއާމަލާތް ދެ ކުންފުނިން ހުކުރު ދުވަހު ކަށަވަރުކޮށްދިން ނަމަވެސް ޓްވިޓާ އަށް ސްކޮޑް ވިއްކައިލި އަގެއް ހާމައެއްނުކުރެ އެވެ. ސްކޮޑް ވިއްކައިލުމާ އެކު ހޮނިހިރު ދުވަހު ވަނީ އެ އެޕް އޮފްލައިނަށް ގެނެސް، އެ ބޭނުންކުރާ މީހުންނަށް ނޮޓފިކޭޝަން ވެސް ފޮނުވައިފަ އެވެ.
ޓްވިޓާ އިން ބުނި ގޮތުގައި ސްކޮޑް ގަތުމުގެ މައިގަނޑު މަގުސަދަކީ ޓްވިޓާގައި ފޮލޯކުރާ މީހުންނާ އޮންނަ ގުޅުމާއި މުއާމަލާތް އިތުރަށް ހަރުދަނާކޮށް، ޝައުގުވެރިކަން އިތުރުކޮށްދޭ އެއްޗަކަށް ހެދުމެވެ.
"ސްކޮޑް ޓްވިޓާގެ ދަށަށް އައުމުގެ ނަތީޖާ އަކީ އޭގެ ޓީމު ދެން އަހަރެމެންނާ އެކީ މަސައްކަތްކޮށް އުފެއްދުންތެރި ޝައުގުވެރި ޓޫލްތަކެއް ޓްވިޓާ އަށް ތައާރަފުވެގެން ދިއުން،" ޓްވިޓާގެ ޕްރޮޑަކްޓްގެ ވައިސް ޕްރެޒިޑެންޓް އިލިއާ ބްރައުން ވިދާޅުވި އެވެ.
ޓްވިޓާ އަކީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ޕްލެޓްފޯމްތަކުގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ އެކައްޗެވެ. ޖެކް ޑޯޒީގެ ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 330 މިލިއަނަށް އަރަ އެވެ. މި ވުޖޫދަށް އައީ މީގެ 14 އަހަރު ކުރިންނެވެ.