ދެކުނު އޭޝިއާގައި ހަދާ ފުރަތަމަ ޑިޒްނީލޭންޑް ސްރީ ލަންކާގައި ހަދަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ދެކުނު ކޮރެއާގެ ކެވިޓޭޝަން ކޮމްޕެނީން މިތަން ހަދަން ނިންމާފައިވަނީ ސްރީ ލަންކާގެ ބޮޕިޓިޔާގައި ޕާކެއް ހަދަން ކަނޑައަޅާފައިވާ ބިމެއްގަ އެވެ. މިތަނަށް ހޭދަކުރާނީ މެލޭޝިއާ އާއި ކޮރެއާގެ އިންވެސްޓްމަންޓްތަކުންނެވެ.
ކެވިޓޭޝަން ކޮމްޕެނީގެ ރައީސް ބައީކްގިއަމް ކިމް އާއި ސްރީ ލަންކާ އަށް އެ ކުންފުނިން ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. ޕަރިމަލާ ރާޖޯ އީސާ މައިކަލްއާ ހަވާލާދީ ނިއުސްއިން އޭޝިއާ ނޫހުން ބުނީ ޕާކު ހަދަން 150 އޭކަރުގެ ބިމެއް ކުއްޔަށް ހޯދަން ސަރުކާރަށް މިހާރު ހުށަހަޅާފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ މި މަޝްރޫއަށް ބައިނަލްއަގުވާމީ އެކި ފަރާތްތައް މެދުވެރިވެގެން 400 މިލިއަން ޑޮލަރު ހޯދޭނެ ކަމަށް. އެއީ މައިގަނޑު ގޮތެއްގައި މެލޭޝިއާ އާއި ކޮރެއާ އިން. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ވެސް ވާނީ ބޭނުންވާ ފައިސާގެ 30 ޕަސެންޓް ކަށަވަރުކޮށްފައި،" ކިމް ވިދާޅުވެފައިވެ އެވެ.
ލަންކާގައި ކޮވިޑް ވެކްސިން ދޭން ފަށައި އެ ބަލީގެ މީހުން މަދުވެ ހާލަތު ރަނގަޅުވަމުން އައުމަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރަށް ލިބޭނެ ސަބަބެއް ކަމަށް ޑިޒްނީލޭންޑް ހަދާ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން އިންޑިއާ އިން ވެސް އިންވެސްޓަރުން ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ކިމް ވިދާޅުވީ މިތަން މެލޭޝިއާގެ ޖެންޓިން ހައިލޭންޑްސްއާ އެއްގޮތްވާނެ ކަމަށެވެ. މިތަނަށް ރޭލުގައި ދަތުރުކުރެވޭ ގޮތް ވެސް ހަދާނެ ކަމަށާއި މުނިފޫހިފިލުވުމުގެ އިތުރު އެތައް ކަމެއް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕާކާ އެކު، އެތަނަށް ދާ ދަތުރުވެރިންނަށް ހާއްސަކޮށްގެން 300 ކޮޓަރީގެ ހޮޓަލެއް ހަދައި އިންޓަނޭޝަނަލް އޮޕަރޭޓަރަކާ ހަވާލުކޮށްގެން ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.
ލަންކާގައި ޑިޒްނީލޭންޑް ހަދާ ކުންފުންޏަކީ އެ ގައުމުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏެކެވެ.