އެމެޒޯން، ރެޑިޓް އަދި ޓުވިޗް ހިމެނޭ ގޮތަށް ދުނިޔޭގެ މަޝްހޫރު ބޮޑެތި ވެބްސައިޓްތަކެއް ޑައުންވެއްޖެ އެވެ.

ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ވެބްސައިޓާއި މަޝްހޫރު ނިއުސް ވެބްސައިޓުތައް ކަމަށްވާ ފައިނޭންޝަލް ޓައިމްސް އާއި ދަ ގާޑިއަން އަދި ދަ ނިއު ޔޯކް ޓައިމްސް ވެސް ވަނީ ޑައުންވެފަ އެވެ.

ޑައުން ވެފައިވާ ވެބްސައިޓްތަކަށް ވަނުމުން އަރަނީ، "އެރާ 503 ސާވިސް އަންއަވައިލެބަލް" އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ގިނަ ވެބްސައިޓްތަކެއް މި ވަގުތު ޑައުން ވެގެން އުޅެނީ ވަރަށް ގިނަ ވެބްސައިޓްތަކުން ސަޕޯޓް ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރާ، ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތްދޭ ފާމެއް ކަމަށްވާ "ފާސްޓްލީ" އަށް ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ.

"ފާސްޓްލީ" އިން ބުނީ އެމީހުންގެ ގްލޯބަލް ކޮންޓެންޓް ޑެލިވަރީ ނެޓްވޯކް (ސީޑީއެން) އަށް ދިމާވި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ބައެއް ވެބްސައިޓްތަކަށް ދިމާވި މައްސަލަ މިހާރު ހައްލުވަމުން އަންނަ ކަމަށެވެ.

ވެބްސައިޓްތައް ލޯޑުވާ ސްޕީޑް އަވަސްކުރުމަށްޓަކައި އަދި ސައިބާ އެޓޭކްސްތަކުން ވެބްސައިޓް ރައްކާތެރިކޮށްދިނުމަށް އެ ފާމުން ބޭނުންކުރަނީ "އެޖް ކްލައުޑް" ކިޔާ ގްލޯބަލް ކޮންޓެންޓް ޑެލިވަރީ ނެޓްވޯކްކެވެ.

މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި މި މައްސަލަ ދިމާވެގެން އުޅެނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ބައެއް ވެބްސައިޓްތަކަށް އެކަންޏެވެ.

މި މައްސަލަ އެންމެ ފުރަތަމަ ދިމާވާން ފެށީ ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރު އެވެ. މިކަމުގެ ސަބަބުން އަސަރުކޮށްފައިވާ އެހެން ވެބްސައިޓްތަކުގެ ތެރޭގައި ނިއުސް ވެބްސައިޓް ސީއެންއެން، ސްޓްރީމިން ވެބްސައިޓް ހުލޫ ހިމެނެ އެވެ. އަދި ޓުވިޓާ އީމޯޖީސް އަށް ވެސް މިކަމުގެ ސަބަބުން މައްސަލަތަކެއް ދިމާވެފައިވެ އެވެ.

ހަމަ މި ކަހަލަ މައްސަލައެއް މީގެ ކުރިން، ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތްދޭ އެހެން ފާމެއް ކަމަށްވާ އެމަޒަން ވެބް ސާވިސް އަށް ވެސް ދިމާވެފައިވެ އެވެ.