މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ބުރު ސްޕޯޓްސް ކުލަބަށް ހޯދައިދީ، ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން، ކެޕްޓަން އިބްރާހިމް މައިސާން (މައި) އަންނަ ސީޒަނަށް ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.

އދ. މާމިނގިއްޔަށް އުފަން މައިސާން، 24، ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެން ފެށުމުގެ ކުރިން ވަނީ 2015 ވަނަ އަހަރު އިންޑިއާގައި އޮތް 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ކުރިން މައިސާން ފާހަގަވީ މިނިވަން 50 ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ރަށު ޓީމުންނެވެ. އޭގެ ކުރިން އިންޓަ ސްކޫލް މުބާރާތްތަކުގައި އިސްކަންދަރު ސްކޫލް ޓީމަށް ވެސް ކުޅުނު މައިސާން އަކީ ކަނާތް ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިޔެކެވެ.

މައިސާން (މ)، އާ އެކު މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި ބުރު ސްޕޯޓްސް އަށް ކުޅުނު ޔާމިން މުހައްމަދު (ޔާންޓޭ) (ވ)، އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) (ކ)، މުބާރާތުގެ ތައްޓާ އެކު.-- ފޮޓޯ: ބުރު ސްޕޯޓްސް
މައިސާން (މ)، އާ އެކު މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި ބުރު ސްޕޯޓްސް އަށް ކުޅުނު ޔާމިން މުހައްމަދު (ޔާންޓޭ) (ވ)، އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) (ކ)، މުބާރާތުގެ ތައްޓާ އެކު.-- ފޮޓޯ: ބުރު ސްޕޯޓްސް

ޔޫވީން ފުރަތަމަ ޑިވިޝަނުގައި 2016 ވަނަ އަހަރު އަލަށް ވާދަކުރި އިރު މައިސާން ކުޅުނީ އެ ޓީމުގެ ފަހަތަށެވެ. އެއީ ޔޫވީ ވަނީ އެ އަހަރުގެ ލީގު ގަދަ ހަތަރެއްގައި ހިމެނި، ގައުމީ މުބާރާތް ވެސް ކުޅެފަ އެވެ.

ދެވަނަ ޑިވިޝަނުގައި 2018 ވަނަ އަހަރު ކްލަބް ޕީކޭ އަށް ކުޅުނު މައިސާން ޖެހިގެން އައި ސީޒަނުގައި ގުޅުނީ، އޭއެފްސީ ކަޕަށް ވަރުގަދަކުރި ޓީސީ ސްޕޯޓްސް ކުލަބަށެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ލިބުން މަދުވުމާ އެކު އޭނާ ދެން ފެނުނީ މި އަހަރު ތިންވަނަ ޑިވިޝަނުގައި ވާދަކުރި ބުރު ސްޕޯޓްސް ކުލަބުންނެވެ.

އީގަލްސް އިން އާދިއްތަ ދުވަހު ސޮއި ހޯދި ދެ ކުޅުންތެރިން؛ ޒައިން (ކ)، އަދި ސައިފް (ވ).-- ފޮޓޯ: އީގަލްސް
އީގަލްސް އިން އާދިއްތަ ދުވަހު ސޮއި ހޯދި ދެ ކުޅުންތެރިން؛ ޒައިން (ކ)، އަދި ސައިފް (ވ).-- ފޮޓޯ: އީގަލްސް

އީގަލްސް އިން ވަނީ މާމިނގިއްޔަށް ނިސްބަތްވާ އިސްމާއިލް ސައިފް އާއި، ސ. ހިތަދޫގެ ހުސެއިން ޒައިންގެ ސޮއި ހޯދައިފަ އެވެ. ޒައިން ވަނީ މިދިޔަ އަހަރު އައްޑޫގައި ބޭއްވި އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރި އެފްސީ ޒެޕިއާ އަށް ކުޅެފަ އެވެ.

މިދިޔަ ތިން ސީޒަނުގައި އީގަލްސްގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ވަނީ ކޮންޓްރެކްޓް ހަމަވުމާ އެކު، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާއާ އިއްޔެ ގުޅިފަ އެވެ.