ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯގެ އެއްވަނަ ވޯޓް، އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ނުދިނުމުން އިޓަލީގެ މީޑިއާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފީފާ ދަ ބެސްޓް އެވޯޑުގެ، އެންމެ މޮޮޅު ކުޅުންތެރިޔާ ހޮވުމަށް ފީފާގެ މެންބަރު ގައުމުތަކުގެ ސީނިއާ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންނަށް ހުޅުވައިލި ފުރުސަތުގައި ރާއްޖޭގެ ކޯޗު މޮރިއޭރޯގެ އެއްވަނަ ކުޅުންތެރިޔަކަށް ވޯޓް ދީފައި ވަނީ، ޕޮލެންޑްގެ ރޮބަޓް ލެވެންޑޯސްކީ އަށެވެ. ދެވަނަ ކުޅުންތެރިޔެއްގެ ވޯޓް އޭނާ ދީފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށެވެ. އޭނާގެ އަމިއްލަ ގައުމުގެ ޖޯޖީނިއޯ އަށް މޮރިއޭރޯ ދިނީ ތިންވަނަ އެވެ.

އިންޓަނޭޝަނަލް ފުޓްބޯޅައިގައި މަސައްކަތް ކުރާ އިޓަލީގެ އަށް ކޯޗުންގެ ތެރެއިން، ޖޯޖީނިއޯ އަށް އެއްވަނަ ކުޅުންތެރިޔާގެ ވޯޓް ނުދޭ ހަތަރު ކޯޗުންގެ ތެރޭގައި މޮރިއޭރޯ ވެސް ހިމެނެ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ހެންގޭރީގެ ކޯޗު މާކޯ ރޮސީ، މޯލްޓާގެ ކޯޗު ޑެވީސް މަންޖާ، ސެން މެރީނޯގެ ކޯޗު ފްރެންކޯ ވަރޭލާ އެވެ.

"އެމީހުން އަހަރެމެން ދޫކޮށްލީ،" ޖޯޖީނިއޯ އަށް އެއްވަނަ ކުޅުންތެރިޔާގެ ވޯޓް ނުދިން ކޯޗުންގެ ނަންތައް ފާހަގަކޮށް އިޓަލީގެ ކުޅިވަރު ނޫހެއްގައި ލިޔެފައިވެ އެވެ.

ޖޯޖީނިިއޯ އަށް ވޯޓް ދިން ކޯޗުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ކޯޗުންނަކީ، އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އާއި އަލްބޭނިއާގެ ކޯޗު އެޑީ ރޭޔާ، އަޒަރުބައިޖާންގެ ކޯޗު ޖިއާނީ ޑި ބިއަސީ، ދެކުނު ސޫދާންގެ ކޯޗް ސްޓެފަނޯ ކުޒިން އެވެ. އިޓަލީގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ އާއި އިޓަލީގެ ފުޓްބޯޅަ ނޫސްވެރިޔާގެ އެއްވަނަ ވޯޓް ވެސް ދީފައި ވަނީ ޖޯޖީނިއޯ އަށެވެ.

އެކަމަކު އެންމެ މޮޅު ކީޕަރު އަދި އެންމެ މޮޅު ކޯޗު ހޮވުމުގައި މޮރިއޭރޯ އިސްކޮށްފައި ވަނީ އިޓަލީ އެވެ. މޮޅު ކީޕަރު ހޮވުމަށް ދިން ވޯޓްގައި އެއްވަނަ ކީޕަރުގެ ގޮތުގައި މޮރިއޭރޯ ވޯޓް ދީފައި ވަނީ އިޓަލީގެ ގައުމީ ޓީމުގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ އަށެވެ. އެންމެ މޮޅު ކޯޗު ހޮވުމުގައި އެއްވަނަ އާއި ދެވަނަ ވޯޓް ވެސް މޮރިއޭރޯ ދީފައި ވަނީ އިޓަލީގެ ކޯޗުންނަށެވެ. އެއްވަނަ ކޯޗަކަށް އޭނާ ވޯޓް ދީފައި ވަނީ އިޓަލީގެ ގައުމީ ކޯޗު މަންޗިނީ އެވެ. ދެވަނަ އަށް އޭނާ ވޯޓް ދީފައި ވަނީ އެންޓޯނިއޯ ކޮންޓޭ އަށެވެ.

މިދިޔަ އަހަރަކީ ޖޯޖީނިއޯ މޮޅު ކުޅުމެއް ދެއްކި އަހަރެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީއަށް ކާމިޔާބުކޮށްދިނުމާއި، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އިޓަލީ އަށް ހޯދައިދިނުމުގައި ޖޯޖީނިއޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.