އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކުލަބުން 6-0 އިން ބިސްބުރު ސްޕޯޓްސް ކްލަބް ބަލި ކޮށްފި އެވެ.

ގުރޫޕް އޭގައި ހިމެނޭ މި ދެ ޓީމަކީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ފައިނަލުގައި ވެސް ވާދަކުރި ދެ ޓީމެވެ. ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ހޯދީ ފައިނަލުގައި ތަފާތު ބޮޑުކޮށް 11-0 އިން ބިސްބުރު ސްޕޯޓްސް ބަލި ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރު ސްޕޯޓްސްގެ ގޯލު ބެލެހެއްޓީ، ބަދަލު ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އެވެ. ބަބޭ އަކީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގައި ވެލެންސިއާ އާއެކު ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކީޕަރެވެ.

އެޓީމުގެ އެއް ނަމްބަރު ކީޕަރު އަދި ކެޕްޓަން، އަބްދުﷲ އަރުޝަން މިއަދު އިނީ ބެންޗުގަ އެވެ. ބަދަލުގައި ކެޕްތަން ބޭންޑް އަޅައިގެން ކުޅުނީ، ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކުޅުނު ޑިފެންޑަރު ފާރޫގް އިސްމާއިލް އެވެ.

ބުރު ސްޕޯޓްސްގެ އަހުމަދު ވިސާމް އަތުން ބޯޅަ ހޯދަން ބިސްބުރު ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު އިހްސާން ސައީދު މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް
ބުރު ސްޕޯޓްސްގެ އަހުމަދު ވިސާމް އަތުން ބޯޅަ ހޯދަން ބިސްބުރު ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު އިހްސާން ސައީދު މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ބުރު ސްޕޯޓްސްގެ ސާބިއާގެ ސްޓްރައިކަރު ސްޓެފާން ޑުރިކް ވަނީ މި މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެޓީމުން މެޗުގެ 17 ވަނަ މިނިޓުގައި ލީޑު ނެގީ ވެސް ޑުރިކްގެ ލަނޑަކުންނެވެ. އަދި 29 ވަނަ މިނިޓުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ޖަހައިދިން ލަނޑާ އެކު ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑުރިކް އެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ލަނޑު ކާމިޔާބުކުރީ 62 ވަނަ މިނިޓުގަ އެވެ.

ބުރު ސްޕޯޓްސްގެ ފަސްވަނަ ލަނޑަކީ، ބިސްބުރު ސްޕޯޓްސްގެ އިބްރާހިމް އީމައު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެޓީމުގެ ހަވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މި ނަތީޖާއާ އެކު ބުރު ސްޕޯޓްސް ވަނީ މިހާތަަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ، ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.

ހަތަރު މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ބިސްބުރު ސްޕޯޓްސް މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ޓެންޓް ސްޕޯޓްސް އާއި ތިންވަނައިގައި އޮތް ކުޑަހެންވޭރު ޔުނައިޓެޑަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ކުޑަހެންވޭރު ޔުނައިޓެޑާއި، ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ. ކެޕިޓަލް ސިޓީ އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ޕޮއިންޓެއް ނުލިބި އެވެ.