އާ ފޯމެޓުގައި ފަށާ މާލޭ ރީޖަންގެ ދެވަނަ ޑިވިޝަން ލީގުގެ ފުރަތަމަ މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ބައްދަލުކުރާނެ އެވެ.
ދެވަނަ ޑިވިޝަން، ޖުލްމަ 12 ޓީމާ އެކު މާލޭ ލީގުގެ ނަމުގައި ކުރިއަށް ގެންދާއިރު، މުބާރާތް ކުރިއަށް ގެންދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިފައިވާއިރު، ފަހު ބުރު ބާއްވާނީ ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ހިމަނައިގެން ލީގު އުސޫލުންނެވެ.
ގުރޫޕް 1: ބިސް ބުރު ސްޕޯޓްސް ކްލަބް، ލެގޫންސް ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، ޑަ ގްރާންޑޭ، ކްލަބް ޕީކޭ
ގުރޫޕް 2: ޓެންޓް ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް، މަހިބަދޫ ސްޕޯޓްސް ކްލަބް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ހެންވޭރިއަންސް
ގަލޮޅު ދަނޑުގައި މެޗު ކުޅޭ ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑު ކުޅޭގޮތަށް މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ އަންނަ މަހުގެ ހައެއްގެ ނިޔަލަށެވެ.
އެ އަށް ފަހު ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމުގެ މެދުގައި ލީގު ބުރު ކުރިއަށް ގެންދާނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މި ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ އިރު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ވާދަ ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް ލިބޭނެ އެވެ.
އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ. އެއީ ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ލީގު ޗެމްޕިއަނުންގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ލެގޫންސް އަކީ އެފްއޭއެމް އެންމެ ފަހުން، 2022 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ. އެ ޓީމު އެންމެ ފަހުގެ ދެވަނަ ޑިވިޝަން ނިންމާލީ ކުއާޓާ ފައިނަލާ ހަމައިންނެވެ. އަދި ގްރާންޑޭ އަކީ 2018 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގު ކުޅުނު ޓީމެކެވެ. އެ ޓީމު ރެލިގޭޓް ވީ 2022 ގަ އެވެ.
ލެގޫންސާއި ގްރާންޑޭ ބައްދަލުކުރާ މެޗު މިއަދު ހަވީރު ހަތަރެެއް ޖަހާއިރު ފަށަން ހަމަޖެހިފައިވާއިރު، މިރޭ ނުވައެއް ޖަހާއިރު ބައްދަލުކުރާނީ ބިސް ބުރާއި ޕީކޭ އެވެ.
އެފްއޭއެމް އެންމެ ފަހުން ދެވަނަ ޑިވިޝަން ކުރިއަށް ގެންދިޔައީ 2023/2024 ސީޒަންގަ އެވެ.
އެ ސީޒަންގެ ދެވަނަ ޑިވިޝަންގެ ތަށި އުފުލާލީ އޮޑި ސްޕޯޓްސް ކްލަބެވެ. އޮޑި އާ ދެކޮޅަށް އެ ސީޒަންގެ ފައިނަލްގައި ކުޅުނު ވިކްޓަރީ އަށް ވެސް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުން ފުރުސަތު ދީފަ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުރިމަތިވި މާލީ މައްސަލަތަކަކާ ގުޅިގެން އެ ޓީމު ޕްރިމިއާ ލީގުގެ ފުރުސަތު ދޫކޮށްލުމުން، ކުރީ ސީޒަންގައި ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރި ނިއު ރޭޑިއަންޓަށް ވެސް މި ސީޒަންގެ ޕްރިމިއާ ލީގުން ފުރުސަތު ދީފައިވެ އެވެ. މިއާ އެކު ސަސް ވަނީ ޖޫރިމަނާކޮށް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލައިފަ އެވެ.