މާލޭ ރީޖަން ލީގު، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބިސް ބުރު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ބިސް ބުރު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފަހު މެޗުގައި 5-2 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލި ކޮށްގެންނެވެެ.
ފުރަތަމަ ހާފުގައި ބިސް ބުރުން ދެ ގޯލުގެ ލީޑެއް ނެގި އިރު، ދެވަނަ ހާފުގައި ލޮރެންޒޯ އިން ނަތީޖާ އެއްވަރު ކުރި އެވެ. ނަމަވެސް ބިސް ބުރުން ވަނީ އިތުރު ތިން ގޯލު ޖަހައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޖުލްމަ 12 ޓީމާ އެކު އާ ފޯމެޓްގައި މި އަހަރު ކުރިއަށް ގެންދިޔަ ލީގު ބޭއްވީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިފައިވާއިރު، ފަހު ބުރު ކުރިއަށް ގެންދިޔައީ ކޮންމެ ގުރޫޕަކުން އެއް ވަނަ އަދި ދެ ވަނަ ޓީމު ހިމަނައިގެން ލީގު އުސޫލުންނެވެ.
ފަހު ބުރުގައި ބިސް ބުރާއި ކްލަބް ޕީކޭ ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ބިސް ބުރު އެއް ވަނަ ހޯދީ ފައިދާ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ބުރުގައި ދެން ވާދަކުރި ޔުނައިޓެޑް ހެންވޭރިއަންސް އާއި ލޮރެންޒޯ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މި ކާމިޔާބީއާ އެކު ބިސް ބުރަށް ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބިފަ އެވެ.
އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ. ބިސް ބުރުން ދެވަނަ ޑިވިޝަން ކާމިޔާބު ކުރުމާ އެކު، މި ހަ ޓީމުގެ ތެރެއިން ތިން ޓީމު މި ވަނީ ޔަގީން ވެފަ އެވެ. ބިސް ބުރުގެ އިތުރުން ދެން ހިމެނެނީ މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ބާކީ ޖާގަތައް އޮންނާނީ ނޯތު، ސެންޓްރަލް، ސައުތު ލީގު ޗެމްޕިއަނުންނެވެ. ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.
ތިން ވަނަ ޑިވިޝަންގައި ވާދަ ކުރަމުން އައި ބިސް ބުރު، ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވީ 2021 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިގެންނެވެ. އެ އަހަރު ބިސް ބުރު ވަނީ ފައިނަލްގައި ވާދަ ކޮށްފަ އެވެ. ފައިނަލުން ބަލިވީ ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ.
އެއަށް ފަހު މިއީ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ ތިންވަނަ އަހަރެވެ. ކުރީ ދެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އަރައި ނުގަނެވުނު ނަމަވެސް މި އަހަރު މި ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.