ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގައި ފުޓްސަލް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ކޮންމެ ރަށެއްގައި ވެސް ގަވާއިދުން ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނައިރު އޮފީސްތަކުގެ މެދުގައި ވެސް މިހާރު ބާއްވަނީ ފުޓްސަލް އެވެ. އެ ކުޅިވަރު ކުރިއަރައިގެން ގޮސް ފުޓްބޯޅަ އަށް ވުރެ މާ ފޯރިގަވެފައިވާ މި ދަނޑިވަޅުގައި ފުޓްސަލާއި ފުޓްބޯޅަ ވަކިކުރުމަށް އެފްއޭއެމުން މި ވަނީ މަސައްކަތް ފަށައިފަ އެވެ. މިއީ ކުރަން ޖެހިފައި އޮތް އެކަމަކު ގޮންޖެހުން ބޮޑު މަސައްކަތެކެވެ.
ފީފާގެ އެންގުމުގެ މަތިން މިދިޔަ އަހަރު އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރިއިރު، ފުޓްސަލް އެސޯސިއޭޝަނެއް ވަނީ އުފައްދަން ވަނީ ހިމަނައިފަ އެވެ. އެ އެސޯސިއޭޝަން އަދި ވުޖޫދު ނުވިޔަސް، ފުޓްސަލް ފުޅާކޮށް ގަވާއިދެއްގެ ދަށުން ކުރިއަށް ގެންދަން ވަނީ ޕްލޭންތަކެއް ހަދައިފަ އެވެ.
ދާދި ފަހުން ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްލުމަށް ފަހު ކުޅުންތެރިން މީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ކުރިމަގުގައި އިހުތިޔާރުކުރަން ޖެހޭނެ ކަމަށެވެ.
ކުޅުންތެރިން ޕްރޮފެޝަނަލް ކުރުން މުހިއްމު
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ ހަމައެކަނި ކުޅުމަށް ބަރޯސާވެގެން އުޅޭވޭނެ ކުޅުންތެރިންނަށް ނުވާތީ ކޮންމެވެސް އެހެން ވަޒީފާއެއް އަދާކުރަން ޖެހެ އެވެ. އެހެން ކަމުން ވަޒީފާގެ ގޮތުން ވެސް ބައެއް ކުޅުންތެރިން މުބާރާތްތަކުގައި ކުޅެން ޖެހެ އެވެ.
މީގެ އަށް ހައްލެއް ހޯދެން އޮތީ އެފްއޭއެމުން ރަނގަޅު މިންގަނޑުތަކެއް އެކުލަވާލައިގެންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ވިދާޅުވީ މިކަމުގައި ވިސްނަން ޖެހޭ ކަންތައްތައް ގިނަ ކަމަށެވެ.
ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ރާއްޖޭގެ ހާލަތު އޮތްގޮތުން ފުޓްސަލާއި ފުޓްބޯޅަ މުޅިން ވަކިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްލުން ރަނގަޅު. އެކަމަކު ރާއްޖޭގެ ހާލަތު އޮތްގޮތަށް ވެސް ވިސްނާލުން މުހިއްމު. އެއީ ވަޒީފާ އަށް ބަލާއިރު ގިނައީ އޮފީސްތަކުގައި އުޅޭ ކުޅުންތެރިން ކަމަށްވާތީ އެބަޖެހޭ އަމިއްލަ ވަޒީފާ އަށް ވެސް ވިސްނަން،" ފެސްކޯ ބުންޏެވެ.
އޭނާ ބުނީ މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ފުޓްސަލް މުބާރާތްތައް ރޭވުން ހަރުދަނާ ކުރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފްއޭއެމުން ހުރިހާ މުބާރާތެއް ހިންގުން ބަލަހައްޓަންވީ. ދެން ފުޓްސަލް މުބާރާތްތައް ކުރިއަށްގެންދަންވީ ފުޓްބޯޅަ އޮފް ސީޒަނުގައި. އެއީ ސީޒަނުގެ ތެރޭގައި މި މުބާރާތްތައް ބާއްވަން ވެއްޖެނަމަ ކުޅުންތެރިންގެ ފޯކަސް ގެއްލި ހުރިހާ ގެއްލުމެއް ލިބޭނީ ކުޅުންތެރިޔާގެ އިތުރުން ކްލަބަށް،" ފެސްކޯ ބުންޏެވެ.
އެފްއޭއެމުގެ އިސްނެގުމާ އެކު ކްލަބްތަކާ ކުންފުނިތަކާ މިހާރު ވަނީ ގުޅާލައިފަ އެވެ. ކުޅުންތެރިންގެ މުސާރަ އަށް ކްލަބްތައް ބަރޯސާވެފައި މިހާރު އޮތީ ކުންފުނިތަކަށެވެ. އެގޮތަށް ބަލާއިރު ވެސް ކުޅުންތެރިންނަށް އޮފީސްތަކުގައި އޮންނަ މުބާރާތްތަކުގައި ކުޅުން ބައެއް ފަހަރު ލާޒިމްވެދާނެ އެވެ. އެހެން ކަމުން ކުޅުންތެރިންނަށް މީގެ ފަސޭހަތަކެއް ހޯދައިދިނުމުގައި އެފްއޭއެމްގެ ދައުރު ބޮޑެވެ.
"މިއީ ދެ ކުޅިވަރެއް. އެއްކޮށް ކުރިއަށް ނުގެންދެވޭނެ"
ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު ފުޓްސަލާއި ފުޓްބޯޅަ އަކީ މުޅިން ވަކި ދެ ކުޅިވަރެކެވެ. ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ވެސް އޮންނަނީ މި އުސޫލެވެ. ރާއްޖެއާ އެންމެ ކައިރިން ބަލާއިރު އިންޑިއާގައި ވެސް ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ފުޓްބޯޅައިގައި މިހާރު ބައިވެރިނުވެވެ އެވެ.
ބައެއް ގައުމުތަކުގައި އެކެޑަމީ ލެވެލްގައި ކުޅުންތެރިން ޓެކްނިކަލީ ރަނގަޅު ކުރުމަށް ފުޓްސަލްގައި ބައިވެރިކުރުވަ އެވެ. އެހެން ނަަމަވެސް އުމުރުފުރާ ލެވެލަށް ކުޅުންތެރިން ގެނެސް ވަކި ކުޅިވަރަކަށް ކުޅުންތެރިން ހާނުވަ އެވެ. ކުޅުންތެރިން ކުރިއަށްދަނީ އިހުތިޔާރުކުރާ ކުޅިވަރަކުންނެވެ.
ޔޫތު ޑިވެލޮޕްމެންޓުގައި ގިނަ މަސައްކަތްތަކެއްކޮށް މިހާރު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ފުޓްސަލާއި ފުޓްބޯޅަ ވަކިކުރުމަކީ ދެ ކުޅިވަރަކަށް ވެސް އޮތް ފައިދާއެއް ކަމަށެވެ.
"އެއް މަސް ދުވަހުން އޮންނަ މުބާރާތަކަށް ކުޅުންތެރިންގެ ފޯކަސް އެބަގެއްލޭ. ފުޓްބޯޅަ އާއި ފުޓްސަލް އަކީ މުޅިން ދެ އެއްޗެއް. ދެ ކުޅިވަރަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ވަކިކުރުން. އެއީ އެއްކޮށް ކުރިއަށް ގެންގޮސްގެން ކުޅުންތެރިޔާ އަށް ހުރިހާ ގެއްލުމެއް އޮތީ،" ސާންތީ ބުންޏެވެ.
މިއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް އެފްއޭއެމުން ކުރިމަގުގައި ފުޓްބޯޅައިގެ ފައިދާ އަށް ވިސްނާނަމަ ނެގުން މުހިއްމު ފިޔަވަޅެއް ކަމަށް ސާންތީ ގަބޫލުކުރެ އެވެ.
"އަޅުގަނޑު ވަރަށް ތާއީދު ނިންމުމެއް މިއީ. އެއީ ކުޅުންތެރިންނަށް ވެސް މުސްތަގުބަލުގައި ފައިދާ ބޮޑު ގޮތަކީ މިއީ. އެއީ ދެ ކުޅިވަރަކަށް އެއްވެސް ކުޅުންތެރިއަކަށް އެއް ލެވެލެއްގައި ކުރިއަށް ނުދެވޭނެ. ފުޓްސަލް ޕްރެކްޓިސް ކޮށްފައި އައިސް އަނެއްކާ 11 ކުޅުންތެރިންގެ ފުޓްބޯޅަ އަކަށް ޕްރެކްޓިސް ކުރުމަކީ އެއް ލެވެލެއްގައި ނުވާނެ ކަމެއް،" އޭނާ ބުންޏެވެ.
ރާއްޖޭގެ ގިނަ ކުޅުންތެރިންނަކީ އެކި ލެވެލްތަކުގައި މުބާރާތް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ކުޅުންތެރިން މޮނިޓާ ކުރުމުގެ ރަނގަޅު ސިސްޓަމެއް އަދި އެކުލަވާލެވިފައިނުވާއިރު، ފުޓްބޯޅަ އާއި ފުޓްސަލް އެއްވިޔަނުދީ ހިފެހެއްޓުން ފަސޭހެނުވާނެ އެވެ.
ފުޓްސަލް ޓީމުތަކަށް ވެސް ކޯޗުކޮށްދެމުން އަންނަ ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު ހަސަން ހަމީދު (ޑަކޭ) ބުނީ ދެ ކުޅިވަރު ވަކިކުރާނަމަ ކުޅުންތެރިންނަށް ލިބޭނެ ގެއްލުންތަކަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"ކުޅުންތެރިންނަކީ ހަމައެކަނި ކްލަބަށް ބަރޯސާވެގެން ތިބޭ ބައެއް ނޫން ވަޒީފާ އަށް ވެސް އިސްކަން ދޭން ޖެހޭ. އެ ކަންކަމަށް ވިސްނުމަށް ފަހު ފުޓްސަލާއި ފުޓްބޯޅަ ވަކިކުރުން ވަރަށް ރަނގަޅު. އެކަމަކު ކުޅުންތެރިންނަށް ފުރިހަމަ ވާން ޖެހޭ ކަންތައްތައް ނުވެ. މިކަންތައް ކުރުމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ކުޅުންތެރިންނަށް،" ޑަކޭ ބުންޏެވެ.
ރާއްޖޭގައި ބާއްވާ ގިނަ ފުޓްސަލް މުބާރާތްތަކަކީ މި ފަހަކަށް އައިސް ބޮޑު އަދަދެއްގެ ފައިސާގެ އިނާމު ދޭގޮތަށް ބާއްވާ މުބާރާތްތަކެކެވެ. މި މުބާރާތްތަކުން ކުޅުންތެރިންނަށް މާލީ ގޮތުން ލިބޭ ފައިދާ ވެސް ބޮޑެވެ. ނިސްބަތުން ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކަށް ވުރެ ފުޓްސަލް މުބާރާތްތަކުގައިދޭ ފައިސާ އިނާމް އަންނަނީ އިތުރުވަމުންނެވެ.
ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ މަސައްކަތް އެފްއޭއެމުން ފަށާއިރު، ފުޓްސަލް މުބާރާތްތަކުގެ އިންތިޒާމް ކުރުމުގެ ކަންތައްތައް ވެސް އެފްއޭއެމުން ބަލަހައްޓަން ޖެހެ އެވެ. މި ދެ ކުޅިވަރު ވަކިކުރުމަށް ފުޓްބޯޅައިގެ ގިނަ ބަޔަކު ތާއީދުކުރެ އެވެ. އެހެން ނަމަވެސް މީގެ ސާމާލުވާންވީ ގިނަ ކަންތައްތަކެއް ހުރުމުން މިކަން ކުރަން ޖެހޭނީ ރަނގަޅު ޕްލޭނަކާ އެކު އެވެ. އެހެން ނޫނީ މިކަމުން ފައިދާއެއްނުވެ ކުޅުންތެރިންނަށް ގެއްލުން ލިބުމުގެ ފުރުސަތު މާ ބޮޑެވެ.