ގްރީންސްޓްރީޓްސް އާއި މާޒިޔާ އަތުން ފަހު ވަގުތު ބަލިވި ށ. މިލަންދޫ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
މިއަދު މެޗުގައި ވެސް މިލަންދޫ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން މޮޅު ޑިފެންސިވް ކުޅުމެއް ދެއްކި އެވެ. އެކަމަކު މާޒިޔާ މެޗާ ހިލާފަށް މި މެޗުގައި އެ ޓީމުން އެޓޭކް އުފައްދައި ޓީސީ އަށް ނުރައްކާ ވެސް ކުރި އެވެ. މިލަންދޫ ވެފައިވަނީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން، މާލޭ ލީގުގެ ޓީމެއްގެ އަތުން މަދުވެގެން ޕޮއިންޓެއް ހޯދި ފުރަތަމަ ޓީމަށެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ޓީސީ ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. އެކަމަކު ހަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަތަރު ވަނައިގައި އޮތް ގްރީން އިން މި ހަފުތާގައި ކުޅޭ މެޗުތަކަށް ފަހު ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިލަންދޫ އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ބްރޭކަށް ދިއުމުގެ ކުރިން ޕޮއިންޓެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަދި މިއީ ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"މެޗުގެ ކުރިން ކުޅުންތެރިން ގާތު ބުނިން މާޒިޔާއާ ދެކޮޅަށް ކުޅުނު ގޮތަށް ކުޅެފިއްޔާ މި މެޗުގައި ވެސް ފުރުސަތު އޮންނާނެޔޭ. މި މެޗަށް ނުކުތީ ތިން ޕޮއިންޓަށް އަމާޒުކޮށްގެން. ފުރުސަތުތައް ވެސް ލިބުނު. އެކަމަކު ޕޮއިންޓެއް ލިބުމަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް،"
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މިލަންދޫ އަށް ކުޅޭ އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ މުބާރާތުގައި ކުޅެމުން އަންނަނީ ޓީމާ އެކު ޕްރެކްޓިސް ނުކޮށެވެ. އެއީ ވަޒީފާ އިން ރިލީޒް ނުލިބޭތީ އެވެ.
"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މުހިއްމު. އެކަމަކު ސައްޓު އަޅުގަނޑުމެންނާ އެކު ގަވާއިދުން ޕްރެކްޓިސް ކުރާނަމަ އެއީ އިދިކޮޅު ޓީމުތަކަށް ލިބޭނެ ޕްރެޝަރެއް. އޭނާ މިހާރު ވެސް ތަފާތު ދައްކާ،" ނާސިރު ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޑިފެންސިވް ގޭމެއް ކުޅޭ ޓީމަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނެތްތަން ދެއްކި ކަމަށެވެ.
"އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް ތިބި ޓީމެއް (މާޒިޔާ) އާ ކުޅުނު މެޗުގައި މިލަންދޫ އިން އެ ޓީމު ތާށިކޮށްލި. އަޅުގަނޑުމެންނަށް ވެސް ދެއްކި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނެތްތަން. ވަރަށް އުނދަގޫ މެޗެއް މިއީ،" ނިޒާމްބެ ބުންޏެވެ. "ހަމަލާތައް އުފެއްދުމުގައި ވެސް މިއަދު ދަށްކޮށް ދިޔައީ."
އޭނާ ބުނީ ކުރިއަށް މިއޮތް ބްރޭކުގައި ޓީމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމަށާއި މި މެޗުތަކުން ޕޮއިންޓްތަކެއް ގެއްލުނު ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އެބައި ރިކަވާކުރާނެ ކަމަށެވެ.
"މިއީ އަދި ޑިސައިޑިން ޕޮއިންޓްތަކެއް ނޫން،" ނިޒާމްބެ ބުންޏެވެ
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލި އެވެ. އެގޮތުން 26 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މިލަންދޫގެ ސައްޓު ފޮނުވާލި ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައިރު 38 ވަނަ މިނެޓުގައި އެ ޓީމުގެ އިބްރާހިމް ސައީދު އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޓީސީގެ ގޯލްކީޕަރު ކިރަން ޝެމޮސޮން މަތަކުރި އެވެ.
މި ހާފުގެ 33 ވަނަ މިނެޓުގައި ޓީސީން ނުރައްކާތެރި ބޯޅައެއް ފޮނުވާލިއިރު މިލަންދޫގެ ގޯލްކީޕަރު މުހައްމަދު އިމްރާން އެ ބޯޅަ ސޭވްކުރި އެވެ. އަދި 41 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވެސް އިމްރާން ސަލާމަތްކުރި އެވެ.
ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ނުރައްކާތެރި ބޯޅައެއް ފޮނުވާލިއިރު 90 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް އެ ޓީމުގެ މުހައްމަދު އައްޒާމް ފޮނުވާލުމުން ގޯލަށް ނުވަނީ ކިރިޔާ އެވެ. މި ހާފުގައި މިލަންދޫ އަށް ކައުންޓާ އެޓޭކުގައި ޓީސީ އަށް ނުރައްކާކުރި އެވެ. އެގޮތުން 83 ވަނަ މިނެޓުގައި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސައްޓު އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ގޯލަށް ނުވަނީ ކިރިޔާ އެވެ.