ދ. ކުޑަހުވަދޫ އަތުން 6-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓުން ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނިއު އެއް ވަނަ އަށް އެރީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 13 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން މާޒިޔާ އޮތްއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ތިން ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބެވެ. ހަތަރު ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ކްލަބް ގްރީންސްޓްރީޓްސް އެވެ. މިއަދުގެ މެޗުން ބަލިވި ކުޑަހުވަދޫ އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލް 18 ވަނަ މިނެޓުގައި ޖެހީ އެޑްރިއަން ގަލާޑޯ އެވެ. ދެ ވަނަ ލަނޑު 24 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗުގައި ނިއުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ދެ ލަނޑު ވައްދާލި އެވެ. ފުރަތަމަ ގޯލް 62 ވަނަ މިނެޓުގައި އޭނާ ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ 72 ވަނަ މިނެޓުގަ އެވެ. ނިއުގެ ފަސް ވަނަ ގޯލް 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއާ ހަސަން އަދުހަމް (ސަޑޭ) ޖެހިއިރު ފަހު ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކުރީ މާކޮވިޗް ސްޓެވަން އެވެ.

މެޗަށް ފަހު ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ މިއަދު މެޗަށް ނުކުތްއިރު އެ ޓީމަށް ދެ ޗެލެންޖެއް އޮތް ކަމަށާއި އެ ދެކަން ވެސް ފުރިހަމަ ވެގެން ނިމުމުން ލިބުނު ހިތްހަމަ ޖެހުން ވަރަށް ބޮޑު ކަމަށެވެ.

ކުޑަހުވަދޫ ކީޕަރު ކައިރިން ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޑަހުވަދޫ ކީޕަރު ކައިރިން ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއަދުގެ މެޗަށް ނުކުތްއިރު އަހަރެމެންނަށް އޮތް ވަރަށް ބޮޑު ދެ ޗެލެންޖެއް. އެއީ މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރުން. ދެން ގިނަ ލަނޑުތަކެއް ޖަހައިގެން ފައިދާ ލަނޑު އިތުރުކުރުން. އެ ދެ ކަން ވެސް މިއޮތީ ފުރިހަމަވެފައި. އެހެންވުމުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޭނާ ބުންޏެވެ.

ނިއުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކަންތައްތައް މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަ ކަމަށާއި މިއީ މި ޓީމު ރަނގަޅު މިސްރާބުގައި އޮތް ކަމުގެ ހެެއްކެއް ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި މެޗުގައި އެ ޓީމުން ކުޅެން ޖެހުނީ މުހިއްމު ފަސް ކުޅުންތެރިން ނުލައި ކަމަށާއި ތަޖުރިބާ މަދުވުމުގެ މައްސަލަތައް މި މެޗުގައި ވެސް ދިމާވި ކަމަށެވެ.

"މި ކަހަލަ ޓީމެއްގައި މުހިއްމު ކުޅުންތެރިން ނެތްތަން ވަރަށް ބޮޑަށް ދައްކާނެ ދެއްތޯ. ދެން 16 އަހަރުގެ ދެ ކުޅުންތެރިން ލައިގެން މި ކުޅެން ޖެހުނީ. މެޗު އެކްސްޕީރިއަންސް ނެތްތަން މި މެޗުގައި ވެސް ދެއްކި. މިއީ ވަރަށް މަސައްކަތް ކޮށްގެން މެޗަކަށް ފަހު މެޗަކުން ރަނގަޅު ކުރެވޭނެ ކަންތައްތައް،" އޭނާ ބުންޏެވެ.

އޭނާ ބުނީ ތަފާތު ބޮޑު ނަތީޖާތަކުން ޓީމު ބަލިވުމުގެ ފުރުސަތު ބޮޑުކަން މުބާރާތުގައި ވާދަކުރަން އައިއިރު ވެސް އެނގޭ ކަމަށާއި ކުޅުންތެރިންނަށް މި ޗެލެންޖު ނަގައިގެން ކުރިއަށް ދިއުމަކީ ފަސޭހަކަމަކަށް ނުވި ނަމަވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ކުޅުނު ހަތް މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ކުޑަހުވަދޫ އޮތީ ލީގުގެ އެންމެ ފުލުގަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ގދ.ތިނަދޫ ކުޅޭނީ ށ. މިލަންދޫއާ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.