އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އަތުން 2-1 އިން މޮޅުވެ އއ. މާޅޮސް އިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 5-0 އިންނެވެ.
މި މެޗުން ގްރީން ސްޓްރީޓްސް ބަލިވުމުން ލީގުގެ ގަދަ ހަތަރަކަށް ވަންނަން ފަހަތުގައި އޮތް ޓީމުތަކަށް ވަނީ އުއްމީދުއާ ވެފަ އެވެ. އަދި ގްރީން ސްޓްރީޓްސް އަށް ވަނީ ލީގުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ. މާޅޮސް ލީގުގެ ހަތް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ށ. މިލަންދޫއާ އެއްވަރަށް އަށް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ގްރީން ސްޓްރީޓްސް އަށް ކުޅޭ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އެ ޓީމުގެ އެއް ވަނަ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ވެސް ހުރީ އަނިޔާގަ އެވެ. މާޅޮހަށް މި ލީގުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް ވަނީ ސަސްޕެންޝަނަށް ފަހު އަލުން ޓީމާ ގުޅިފަ އެވެ.
މެޗު ފަށައިގެން މާޅޮހުން ދިޔައީ ގްރީން އަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނިޓްގައި މުނޯޒް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން މުނޯޒް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މާޅޮހުން ލީޑުނެގީ މެޗުގެ 12 ވަނަ މިނިޓްގައި މުނޯޒް ޖެހި ހިތްގައިމު ލަނޑުންނެވެ. އޭރިއާ ބޭރުން މުނޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކޮޗީ ބޯމަތިން އޮއްސިގެން ގޮހެވެ. އެ ބޯޅަ މަތަކުރަން ކޮޗީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މާޅޮހަށް ލީޑު ހިފަހައްޓާ ލެވުނީ އަށް މިނިޓް ވަންދެނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ލަނޑު ޖަހައިދިނީ ޔުނައިޓެޑް ވިކްޓަރީ އަށް ކުރިން ކުޅުނު ޒުވާން ކުޅުންތެރިއާ މުހައްމަދު ނައްޒާމް އެވެ. ނައްޒާމް މި ލަނޑު ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު އަތްމަތިން ގޯލު ރޮނގުމައްޗަށް ވެއްޓުނު ވަގުތު ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
އޭގެ ހަތް މިނިޓް ފަހުން ކައުންޓަ އެޓޭކުގައި މާޅޮހުގެ އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ފޮނުވާލި ހަމަލާ ކީޕަރު ޒަމީރު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 38 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން މުހުތާރު ނަސީރު (ޓޫކިލޯ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެ ހުސްކޮށްހުރެ ޓޫކިލޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އަދި އޭގެ ފަހުން 42 ވަނަ މިނިޓްގައި ޓޫކިލޯ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށްހުރެ ފަރޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި މާޅޮހަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ކުރިން އީގަލްސް އާއި ވެލެންސިއާ އަށް ކުޅުނު މުނޯޒް އެވެ. މިއީ ގްރީން ސްޓްރީޓްސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ކޮވަލްޗަކް ޕެޓްރޯ މާޅޮހުގެ މުނޯޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މުނޯޒް ވަނީ ކީޕަރު ކޮޗީ އަށް އެއްވެސް ފުރުސަތެއް ނުދީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
މާޅޮހުން ލީޑުނެގުމުން ގްރީން ސްޓްރީޓްސް އިން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އާދަމް އިޝާމް އާއި ފަރޭގެ ބަދަލުގައި އަލީ ޝާމިސް (ތޮއްޕޭ) އާއި އިބްރާހިމް ރިޒުހާން (ރިޒްކޯ) ވަނީ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރުވިތާ އެއް މިނިޓު ވެސް ނުވަނިސް ރިޒްކޯ އަށް ހުސްކޮށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ޒަމީރު ވަނީ މަތަކޮށްފަ އެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ އެ ޓީމުގެ ފަހު ބަދަލުގެ ގޮތުގައި މެޗުގެ 67 ވަނަ މިނިޓްގައި ޓޫކިލޯގެ ބަދަލުގައި އަހުމަދު ނިޒާމް ކުޅެން އަރުވައިފަ އެވެ.
މި މެޗުގެ ފަހު 20 މިނިޓް ތެރޭ މާޅޮހުގެ ކުޅުންތެރިން މެޗު ލަސްކުރަން އުޅޭ ކަމަށް ބުނެ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މެޗުގެ ރެފްރީ ގާތުގައި ގިނަ ޝަކުވާތަކެއް ވަނީ ކޮށްފަ އެވެ. އަދި ދެ ޓީމުގެ މެދުގައި ދެބަސްވުންތަކެއް ވެސް ހިނގި އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އިލިއާ ފޮނުވާލި ހިލޭ ޖެހުމަކުން ކީޕަރު ޒަމީރު އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ގްރީން ސްޓްރީޓްސްގެ ޕެޓްރޯ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން މާޅޮހުގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.
މެޗުގެ ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅުނުއިރު ކައުންޓަ އެޓޭކުގައި މާޅޮހަށް ލިބުނު ހުސް ފުރުސަތުތައް އެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ. އެގޮތުން އެންމެ ގިނަ ހުސް ފުރުސަތު ލިބުނީ މާޅޮހުގެ ކުރިއަށް ކުޅޭ އަހުމަދު އާރިފް (އާރީ) އަށެވެ.
މާޅޮހުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މިއީ އޭނާގެ ޓީމަށް ސީޒަނުގެ ފެށުމުގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މި މޮޅު ލިބުމުން ހަގީގަތުގައި ސީޒަން މި ސްޓާޓްވީ. ދެން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރާ އެކު ކުޅެފި. ދެން އަމާޒަކީ ކުރިއަށް އޮތް މިލަންދޫ މެޗު. އެ މެޗުން މޮޅުވެއްޖިއްޔާ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ކުރިއަށްދެވޭނެ،" ނިސްތާރު ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ބުނީ މި މެޗުން ބަލިވުމުން މި ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންގެ ކުޅުން ދަށްކޮށް ދިޔަ ދުވަހެއް މިއީ. މި ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް. އަނިޔާގެ ސަބަބުން އައްމަޑޭ ނުލައި މި ކުޅުނީ އާ ފޯމޭޝަނަކަށް އެ ބަދަލުތަކާ އެކު އުނދަގޫތަކެއް ވެސް ހުރި. މި މެޗުގައި މިހެން ދިމާވިޔަސް އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ނިއު ރޭޑިއަންޓް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން،" ފަރިއްޓެ ބުންޏެވެ.
އޭނާ ބުނީ މި މެޗުން ބަލިވިޔަސް ގްރީން ސްޓްރީޓްސް އަށް މާ ބޮޑު މައްސަލަތަކެއް ދިމާނުވާނެ ކަމަށާއި އެ ޓީމު ދެން ހުރި މެޗުތަކުގައި ކުޅުން ރަނގަޅުކުރާނެ ކަމަށެވެ.