ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ދަގަނޑޭގެ ހެޓްރިކާ އެކު ނިއު ތާވަލުގެ ކުރިއަށް

އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު އއ. މާޅޮސް 7-1 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް އަލުން އަރައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭ ދ. ކުޑަހުވަދޫ އަތުން 4-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް 25 ޕޮއިންޓާ އެކު އެއް ވަނަ އަށް އެރި ނަމަވެސް ނިއު މި ވަނީ 27 ޕޮއިންޓް ހަމަކޮށް އެ ޓީމު ފަހަތަށް ޖައްސާލައިފަ އެވެ. އަދި މިރޭގެ މޮޅާ އެކު ނިއު އާއި ޗެމްޕިއަން މާޒިޔާއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް ވަނީ އައިސްފަ އެވެ. މާޒިޔާ އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ކްލަބް ގްރީންސްޓްރީޓްސް އާއި ށ. މިލަންދޫ ބަލިކޮށް ރަނގަޅު ފޯމެއްގައި އޮތް މާޅޮހަށް ހިތްދަތި ނަތީޖާއެއް ކުރިމަތިވިއިރު އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މިރޭގެ މެޗުގެ ފަސް ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ގެ ލަނޑުން ނިއު ކުރި ހޯދާފައިވަނިކޮށް 17 ވަނަ މިނެޓުގައި މާޅޮހުގެ އަހުމަދު އާރިފް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭނާ މި ގޯލް ޖެހީ ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ގޯލްކީޕަރު އިމްރާން މުހައްމަދު ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ.

މާޅޮހުގެ މައްޗަށް އަލުން ކުރި ހޯދަން ފުރަތަމަ ހާފުގައި ނިއު އަށް ރަނގަޅު ތިން ފުރުސަތު ލިބުނެވެ. އެގޮތުން 16 ވަނަ މިނެޓުގައި މާޅޮހުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ޖަހަޖަހާ އޮއްވާ މާޅޮހުގެ ކުޅުންތެރިއަކު ވަނީ ބޭރުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އިބްރާހިމް ފަޒީލް (އޮއްޕޮ) ނެގި ހުރަހެއް އެޑްރިއެން ގަލާޑޯ ބޮލުން ޖެހުމުން އަމާޒުވީ ދަނޑި އަށެވެ. އަދި 27 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ވެސް ދަނޑިއަށް އަމާޒުވި އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ދަގަނޑޭ ވަނީ ނިއު އަށް އަލުން ކުރި ހޯދައިދީފަ އެވެ. އޭރިއާ ތެރެއަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ކޯނަރަކުން ދަގަނޑޭ ނެގި ހުރަހެއް އަހުމަދު އަބްދުﷲ (ލިލީ) ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

މި ލަނޑާ އެކު މާޅޮސް ވަރަށް ބޮޑަށް ހިތްވަރު އެލުނެވެ. އަދި ނިއު އަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތު ލިބި ގިނަ ހަމަލާތަކެއް އުފައްދަން ފެށި އެވެ. އެގޮތުން 58 ވަނަ މިނެޓުގައި ސެންޓޭ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ދިޔައީ ގޯލް ރޮނގު މަތިން ހުރަސްވެގެންނެވެ.

ނިއުގެ ހަތަރު ވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ ދިން ބޯޅައަކުން އޮއްޕޮ އެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގަލާޑޯ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ ޖެހުމުން އަމާޒުވީ ގޯލް ދަނޑިއަށެވެ.

ނިއުގެ ފަސް ވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖެހީ ސެންޓޭ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލަށް ވައްދާލީ މާޅޮހުގެ ގޯލްކީޕަރު ކައިރިން ނައްޓާލުމުން ބޯޅަ ބްލޮކްވި ގަޑީގައި ބޮލުން ޖަހަ އެވެ. އޭގެ ދެ މިނެޓު ފަހުން ދަގަނޑޭ ވަނީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ބާރު ޝޮޓަކުން ގޯލަށް ވައްދާލައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނިއުގެ ހަތް ވަނަ ގޯލް 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސެންޓޭ އެވެ. ގަލާޑޯ ދިން ބޯޅަ ސެންޓޭ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ޖަހަ އެވެ.

މިރޭގެ މެޗާ އެކު ނިއު އިން މި ވަނީ ތިން ވަނަ ބުރުގެ ތިން މެޗުން ޖުމްލަ 17 ގޯލް ޖަހައިފަ އެވެ. ފުރަތަމަ މެޗުން ށ. މިލަންދޫ އަތުން ހަމަ މި ނަތީޖާ އިން 7-1 އިން މޮޅުވިއިރު ދެ ވަނަ މެޗުން ގްރީންސްޓްރީޓްސް އަތުން މޮޅުވީ 3-0 އިންނެވެ.

7 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 3%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

28 October 2017

ނިއުރޭޑިއަންޓުއަށް ބޮޑެތި ކާމިޔާބީއަށް އެދެން! މިއަދުވެސް މާދަމާވެސް އަނެއް ދުވަހުވެސް! -އިބްރާހީމް-

ޕެނިކުފަރީދާ

27 October 2017

32 އަހަރަކީ ފުޓްބޯޅައިގެ އުމުރުން ބަލާއިރު މުސްކުޅިފުޅު އުމުރު. އެއުމުގައިވެސް ދެމެޗުން އެއްމެޗުގައި ދެލަނޑު ނޫނީ ހެޓްރިކެއް ހާދާލެވުމަކީ ދަނގަޑޭގެ ބަލިކަށިވަމުންދާ ސްޕީޑާ ހުނަރު އެހެން ކުޅުންތެރިންނަށް ވުރެ އަދިވެސް އުހުގައި ހުރިކަން ދައްކައިދޭ މިސާލެއް. މިހާރު ގައުމީޓީމަށް ބޭނޫންވަނީ އެކަހަލަ އެހެން ދަނގަޑޭއް އުފެދި ގައުމީ ކުޅިވަރު އިތުރަށް އާލާވެގެން ދިއުން.

އަބުދުﷲ7

27 October 2017

މަރުހަބާ އަޝްފާގު. ރޭގެ ލަނޑުތަކާއެކު އަޝްފާގު އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ނިއުއަށް މިހޯދަދިނީ 107 އެކު...

ހޯރަ

27 October 2017

އަސްލުވެސް ދަގޭ ވަރަށް މޮޅަށްކުޅުނު މެޗެއް މިއީ، އަދިވެސް ބޮޑަށް ދަގޭ ކުރިއަށް ޖައްސާލާފަ ސެންޓޭ އާ ހަމްޕު ދެވިންގަށް ކުޅުވަނިކޮށް އެތިންކުޅުންތެރިންގެ ހަޤީގީ މޮޅުކުޅުން ފެނިގެންދާނެ، މިހާރު ހަމްޕު ސެންޓްރަލް މިޑްފީލްޑަށް ކުޅުވާތީ އޭނަގެ އަސްލުކުޅުމެއް ނުފެނޭ

މޫސަ

27 October 2017

ދަނގޭ ހާދަ މޮޅޭ ރޭގަ . ދަނގޭ ރަންޒަމާނުގެ ކުޅުން ފެނިންޖެ

ޓޮޓީ

27 October 2017

ސާބަހޭ ތި ދައްކާ ހިތްގައިމް ކުޅުމަށް

އަލިފުދާލު

27 October 2017

ދަގޭގެ ސައިޒް ނޭގޭ މީހުންނައް އިނގިއްޖެ ކަމައް ހީކުރަން. 100

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454