ކްލަބް އީގަލްސްގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އަހުމަދު ނިޒާމް އަންނަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކުޅެން ސޮއިކޮށްފި އެވެ.

ވާތު ބެކަށް ކުޅޭ ތ. ތިމަރަފުއްޓަށް އުފަން މުޖޭ އަކީ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނުކުތް ކުޅުންތެރިއެކެވެ. އޭނާ އީގަލްސް އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ ވަނީ އީގަލްސްގައި އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައިފަ އެވެ.

އަރިމަތިން ކުޅޭ ނިޒާމަކީ ހުނަރުވެރި އަދި މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުން ވެސް ފުރުސަތު ހޯދައިފަ އެވެ. ނިޒާމަކީ މީގެ ކުރިން ވީބީ ސްޕޯޓްސް އާއި ޓީސީން ފާހަގަކުރެވުނު ކުޅުންތެރިޔެކެވެ.

ގްރީން ސްޓްރީޓްސްގެ ނިޒާމްބެ ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގްރީން ސްޓްރީޓްސްގެ ނިޒާމްބެ ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުޖޭ އާއި ނިޒާމުގެ އިތުރުން މާޒިޔާ އިން ވަނީ އާ ސީޒަނަށް ޓީސީގެ ހުނަރުވެރި މިޑްފީލްޑަރު ނާއިޒް ހަސަން (ދާދު) އާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަން (އައްމަޑޭ) ގެނެސްފަ އެވެ. އަދި މީގެ އިތުރުން އެ ޓީމަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މޫސާ ޔާމީން (ޔާމްބެ) އާއި މުހައްމަދު އިރުފާން (އިރޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

މާޒިޔާ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއު ރޭޑިއަންޓަށް ބަދަލުވި މުހައްމަދު އުމެއިރެވެ.