ކުޅިވަރުގެ މައިދާންތަކުގައި މަރްހޫމް ސައްޔިދު ހަސަން ދެއްކެވި ހުނަރުވެރިކަން މިއަދުގެ ޖީލަށް ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައި އެކަމަށް ބޭނުންވަނީ ހަމަ އެންމެ ފޮޓޯގަނޑެކެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބުން 1976 ވަނަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ހުރިހާ މުބާރާތެއް ކަހަލަ ގޮތަށް ކާމިޔާބުކޮށް ތަށިތަކާ އެކު ނަގާފައިވާ ފޮޓޯ އެވެ. އެ ހުރިހާ ތަށްޓެއް އެ ކްލަބަށް ހޯދައިދިނުމުގައި ހަސަންގެ ދައުރު ވަރަށް ބޮޑެވެ.

ގިނަ ދުވަސް ވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން އަންނަނިކޮށް އިންޑިއާގައި ރޭ އަވަހާރަވި މއ. ބޮޑުގަލުމާފަތްގޭ، އުމުރުފުޅުން 60 އަހަރުގެ ސައްޔިދު ހަސަނަކީ ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. އޭނާ ވާދަނުކުރައްވާ ކުޅިވަރެއް، ކާމިޔާބު ނުހޯއްދަވާ ކުޅިވަރެއް 1970ގެ ތެރޭގައި މާލޭގައި ބާއްވާފައެއްނުވެ އެވެ. ފުޓްބޯޅައިން ފެށިގެން ވޮލީބޯޅަ، ޓެނިސް، ޗެސް، ޓޭބަލް ޓެނިސް، ކްރިކެޓް، ހޮކީ އަދި ބައިސިކަލް ރޭސްތަކުގަ އެވެ.

ރާއްޖޭގެ ރަސްކަން 1935-1943 އަށް ކުރެއްވި ސުލްތާން ހަސަން ނޫރައްދީން (ދެވަނަ) ގެ ދަރިކަނބަލުން އަލް އަމީރާ އަނީސާ ނޫރައްދީންގެ ދެ ވަނަ ދަރިކަލުން ސައްޔިދު ހަސަން އަކީ ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ އުފެއްދެވުމެކެވެ. އެމަނިކުފާނުގެ އިނގިލި ކުރީގައި ހިއްޕައިގެން އެންއެސްއޭގެ ތެރެއިން ކުޅިވަރުގެ ތެރެއަށް ނުކުމެވަޑައިގެންނެވި ހަސަންގެ ކުޅިވަރުގެ ހަޔާތުގެ ފެށުން ގުޅިފައިވަނީ ވެސް ދިވެހި ކުޅިވަރުގެ ހާއްސަ ހަރަކާތަކާ އެވެ.

އެގޮތުން ހަސަން އެންމެ ފުރަތަމަ ވާދަކުރެއްވި އެއް މުބާރާތަކީ ރާއްޖޭގެ ކުޅިވަރުގެ ދަންމަރު ބައިނަލްއަގްވާމީ މައިދާނުގައި ރޯކުރި 1973 ވަނަ އަހަރުގެ ތުރީއޭ ގޭމްސްގަ އެވެ. ޗައިނާގައި ބޭއްވި އޭޝިއަން އެފްރިކަން ލެޓިން އެމެރިކަން ޓޭބަލް ޓެނިސް ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޯނަމަންޓުގައި ބައިވެރިވި ރާއްޖޭގެ ޓީޓީ ޓީމުން ކުވޭތު ބަލިކުރިއިރު ހަސަންގެ އުމުރުފުޅުން އެންމެ 15 އަހަރެވެ.

"އަޅުގަނޑުމެން އޭރު ދިޔައިރު ވަރަށް ބޭސިކް ލެވެލަކަށް ކުޅެން އެނގެނީ. ރަނގަޅަށް ދަސް ވެސް ނުވޭ. ހަގީގަތުގައި މިހާރު ކުޅޭ ގޮތަށް ރެލީ ސްޓައިލަށް ކުޅެން އެނގުނީ ވެސް އެ ދަތުރުން،" އެ ޓީމުގައި ހިމެނިވަޑައިގެންނެވި އަދި ފަހުން ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި ސީވީޑް އަހުމަދު ލަތީފް ވިދާޅުވި އެވެ.

"[އެކަމަކު] އޭރު ވެސް ހަސަން އަކީ ރާއްޖޭގެ ޓޮޕް ނުވަތަ ޓޮޕް ތިނެއްގައި ހިމެނޭ ކުޅުންތެރިއެއް."

ތުރީއޭ ގޭމްސް އަށް ދިޔަ ޓީމުގެ މެމްބަރުންނާ އެކު ސައްޔިދު ހަސަން (ކ-3) އަދި ސީވީޑް ލަތީފް (ކ).
ތުރީއޭ ގޭމްސް އަށް ދިޔަ ޓީމުގެ މެމްބަރުންނާ އެކު ސައްޔިދު ހަސަން (ކ-3) އަދި ސީވީޑް ލަތީފް (ކ).

އެ މުބާރާތަށް ފަހު ހަސަންގެ ތަރި މެދު އުޑުގައި ފިޔަ ޖަހަން ފެށި އެވެ. އިންޑިވިޖުއަލް އިވެންޓްތަކާއި ޓީމް އިވެންޓްތަކުން އޭނާ ގެންދެވީ ކާމިޔާބީ ހާސިލްކުރައްވަމުންނެވެ. ވިކްޓަރީ އާއި މާލޭ ޓެނިސް ކްލަބުގެ ވާދަވެރިކަމުގައި ވިކްޓަރީ އަށް ކުރި ހޯދައިދިނުމުގައި ހަސަންގެ ދައުރު ނުހަނު ބޮޑެވެ.

އިންޑިވިޖުއަލް ކެރިއަރަށް ބަލާއިރު 1973 ވަނަ އަހަރު ޓީޓީ ޑަބަލްސް ޗެމްޕިއަންކަން ހޯއްދެވި އެވެ. ޖެހިގެން އައި އަހަރު ވޮލީބޯޅައިގައި ވިދާލިއިރު އެ އަހަރުގެ އެންއެސްއޭ ފުޓްބޯޅަ މުބާރާތުގެ އޯލް ސްޓާއަކަށް ހޮވިވަޑައިގަތެވެ. އެއަށް ފަހު 1975 ގައި ބައިސިކަލް ރޭހުން އެއް ވަނަ، ޓީޓީ މިކްސް ޑަބަލްސް ޗެމްޕިއަންކަން އަދި ވޮލީގެ އޯލް ސްޓާގެ މަގާމް ކާމިޔާބުކުރެއްވި އެވެ. އެ އަހަރު އަނެއްކާވެސް ރާއްޖެ ތަމްސީލްކުރައްވަން ބޭރަށް ވަޑައިގަތެވެ. މި ފަހަރު ނައިޖީރިޔާގައި އޮތް ތުރީއޭ ގޭމްސް އެވެ.

ޖެހިގެން އައި 1976 ގައި ބައިސިކަލް ރޭހުން ތިން ވަނަ، ޓީޓީ ޗެމްޕިއަންކަން، ޓެނިސް ރަނަރަޕް، ވޮލީގެ އޯލްސްޓާކަން ހާސިލްކުރެއްވި އެވެ. ދެން އައީ އޭނާގެ ކެރިއަރުގެ އެންމެ ވިދުން ގަދަ އަހަރެވެ. އެގޮތުން ބައިސިކަލް ރޭހާއި ޓީޓީގެ ޗެމްޕިއަންކަން ހޯއްދަވައި ފުޓްބޯޅައިގެ އެންމެ މޮޅު ފޯވާޑުގެ މަގާމާއި ހޮކީގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އަދި ވޮލީބޯޅައިގެ އޯލް ސްޓާގެ މަގާމް ހާސިލްކުރެއްވި އެވެ. އަދި އޭރު ނެރޭ "ހަފުތާ" ނޫހުން ހޮވި ސްޕޯޓްސްމަން އޮފް ދަ އިޔާގެ މަގާމް ވެސް ހޯއްދެވި އެވެ.

ޓީމް ކުޅިވަރު ކެރިއަރުގައި ވެސް އެހާމެ ކާމިޔާބެވެ. އެގޮތުން އޭނާ ހިމެނުނު ޓީމުތަކުން ގައުމީ ޓެނިސް މުބާރާތް ވިދިވިދިގެން ހަ އަހަރު ޓީޓީ ޗެމްޕިއަންކަން ހަތަރު އަހަރު، ވޮލީ ތިން އަހަރު އަދި ދެ އަހަރު ހޮކީގެ ޗެމްޕިއަން ހޯދި އެވެ.

އެންއެސްއޭގެ ވޮލީބޯޅަ ޓީމުގެ ގްރޫޕް ފޮޓޯއެއް: މި ޓީމުގައި ވެސް ހިމެނިވަޑައިގަތް.
އެންއެސްއޭގެ ވޮލީބޯޅަ ޓީމުގެ ގްރޫޕް ފޮޓޯއެއް: މި ޓީމުގައި ވެސް ހިމެނިވަޑައިގަތް.

ކުރީގެ ކުޅުންތެރިޔާ އަދި ފަހުން ވެލެންސިއާގެ މެނޭޖަރުކަން ކުރެއްވި އަހުމަދު މުހައްމަދު (ދޮނާ) ވިދާޅުވި ގޮތުގައި އެއްވެސް ވަސީލަތެއް، ކޯޗެއްގެ އެހީތެރިކަން ނެތް ޒަމާނެއްގައި ހަސަން ދެއްކެވި ހުނަރު އެއީ އަޖާއިބެކެވެ.

"އެއީ ބޭރުގެ މެޗުތަކެއް މިހެން އާއްމުކޮށް ފެންނަ ދުވަސްވަރެއް ނޫން. ކޯޗެއްގެ ތަމްރީންތަކެއް ނުލިބޭ. ހަމަ އަމިއްލަ އަށް ހުނަރު ތަރައްގީކުރައްވައިގެން ވާދަކުރެއްވީ. އެނގިވަޑައިގެންނެވި އެއްޗެއް އެނގިވަޑައިގަތީ ޒާހިރު ނަސީރުގެ ފަރާތްޕުޅުން އެންއެސްއޭގެ ތެރެއިން،" ދޮނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑަށް ފެނުނު ތަނުގައި ހަމަ ނަމްބަރު ވަން."

އެ ދުވަސްވަރަކީ ހުރިހާ ކުޅުންތެރިން ވެސް ހުރިހާ ކުޅިވަރެއް ކުޅުނު ދުވަސްވަރެވެ. އެ އެންމެންނާ އެ ދުވަސްވަރު އެންމެ މަތީ ފެންވަރުގައި ވާދަކުރެއްވި ކުރެއްވުން އެއީ ދިވެހި ކުޅިވަރު ތާރީހުގެ އެންމެ ބޮޑު އެއް އުސް އައްޔެވެ.

ވިކްޓަރީގެ ކުރީގެ އިސް ހިންގުންތެރިޔާ ކެނެރީ އަބްދުއްސައްތާރު ވިދާޅުވީ "އިހެއް، މިހާރެއް" ކިޔުމުގެ ޖާގައެއް ނެތް ކަމަށާއި ހަސަން އަކީ ދިވެހި ކުޅިވަރު ތާރީހު ދުށް އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށެވެ.

"އަޅުގަނޑު މިއީ 1947 އިން ފެށިގެން ފަހާ ޖެހެންދެން ވެސް ރާއްޖޭގެ ކުޅިވަރު ބަލަމުން އަންނަ މީހެއް. މިހާތަނަށް ދުށް އެންމެ ހުނަރުވެރި ބޭފުޅަކީ ހަސަން. އޭނާ އަވަހާރަ ވުމަކީ ކުޅިވަރަށް އެކަންޏެއް ނޫން، އެންމެންނަށް ވެސް ލިބުނު ހިތާމައެއް،" ސައްތާރު ވިދާޅުވި އެވެ.

"އޭރުގެ ކޮންމެ ކުޅިވަރެއް ކިޔަސް ހަސަން އަކީ އެހެންޏާ ޗެމްޕިއަނެއް، އެހެންޏާ ރަނަރަޕެއް."

ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު، ފުޓްބޯޅައިގައި ހަސަނަކީ ބައްޕާފުޅު ބޮޑުގަލުމާފަތްގޭ އަލް ސައްޔިދު އަހުމަދު ފަދަ މޮޅު ފޯވާޑެކެވެ. ރާއްޖޭގައި އުފެދުނު މޮޅު ގޯލްކީޕަރެއްގެ ގޮތުގައި އޭނާގެ ބޭބޭފުޅު ސައްޔިދު އަލީ މަޝްހޫރުވެވަޑައިގެންނެވި އިރު ހަސަން ހުނަރުވެރިކަން ދެއްކެވީ ލަނޑު ޖެއްސެވުމުންނެވެ. އެގޮތުން ލަޔަންސް ސްޕޯޓްސް ކްލަބުގެ ހަރުގަނޑަށް 1976 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ލެވުމުގެ ސިއްރަކީގެ ހަސަންގެ ޖެއްސެވި ލަނޑުތަކެވެ.

ސައްޔިދު ހަސަން (މ) ބޭބޭފުޅު ސައްޔިދު އަލީ (ކ) އާއި ކޮއްކޯފުޅާ އެކު.
ސައްޔިދު ހަސަން (މ) ބޭބޭފުޅު ސައްޔިދު އަލީ (ކ) އާއި ކޮއްކޯފުޅާ އެކު.

ހަސަންގެ މި ވިދުން ގަދަ ކުޅިވަރު ހަޔާތަށް ހުރަސް އެޅިގެން ދިޔައީ 1978 ގައި ބޯޓްދަތުރުކުރެއްވުމަށްޓަކައި ރާއްޖެ ދޫކޮށްލެއްވުމުންނެވެ. އެއީ އެ ދުވަސްވަރު ރާއްޖޭގެ ކުޅިވަރަށް ލިބުނު ބޮޑު ސިހުމެކެވެ.

"ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ ވިދާ ކުޅުންތެރިއެއް ކަމަށްވާ ސައްޔިދު ހަސަން ކަނޑު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްޕުޅު ކުރައްވަން އަރާވަޑައިގެންނެވުމުން އޭނާގެ ކުލަގަދަ ކުޅިވަރު ހަޔާތަށް ކުއްލި ހުރަހެއް އެޅިއްޖެ އެވެ،" އޮކްޓޯބަރު 13، 1978 ގައި ނުކުތް "ހަފުތާ" ނޫހުގައި ލިޔެފައިވެ އެވެ.

ޖެހިގެން އައި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިވަޑައިގަތެވެ. އެއީ ހަގީގަތުގައި ވެސް ހަސަން ކުރެއްވި ހިތާމަފުޅެކެވެ. ހަސަންގެ ޝަރަފުގައި މާލޭ ސްޕޯޓްސް އިން އިންތިޒާމްކުރި ވަދާއީ ވޮލީ މެޗަށް ފަހު ހަސަން ވަނީ އެ ގޭމްސްގައި ރާއްޖެ އަށް ބައިވެރިވެވޭ ގޮތް މެދުވެރިވެފައި ރާއްޖޭގައި ހުންނެވޭނެ ގޮތް މެދުވެރި ނުވީތީވެ ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައިފަ އެވެ.

"ގޭމްސް އަށް ވަޑައިގެންނެވި ނަމަ ވަރަށް ތަފާތު ކުޅުންތެރިޔަކަށް ވީސް،" ސީވީޑް ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުގައި ހަސަން ފަދައިން އެތަކެއް ކާމިޔާބެއް ހާސިލްކުރައްވައި އަދި ފަހުން ކުޅިވަރު ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިބްރާހިމް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި "ހަސަން ފަދަ ސްޕޯޓްސްމަނެއް ރާއްޖޭގައި އަދި ނުއުފެދެ" އެވެ.

"ބައްޕާފުޅު ކަހަލަ މޮޅު ފޯވާޑެއް. ހިތްވަރުގަދަ ޖެހިލުން ކުޑަ ހޮކީ ކީޕަރެއް. (ކްރިކެޓުގައި) ލޯ ހުޅުވޭ ވިކެޓް ކީޕަރެއް. އެ ކުޅިވަރަކަށް ބަދަލު ގެނައި ޗެމްޕިއަން ޓެނިސް ޕްލެޔަރެއް. ޓީޓީ ޗެމްޕިއަނެއް. (ބޭބޭފުޅު) ސައްޔިދު އަލީ ކަހަލަ މޮޅު ވޮލީ ކުޅުންތެރިއެއް. ބައިސިކަލް ޗެމްޕިއަން ދުއްވުންތެރިއެއް. ބެޑްމިންޓަން ކުޅުންތެރިއެއް. އަދި ސްމާޓް ޗެސް ކުޅުންތެރިއެއް،" އިބްރާހިމް އިސްމާއިލް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އެ ވަރުގަދަ ޝަހުސިއްޔަތުގެ ވަކިވުމަކީ ދިވެހި ކުޅިވަރުގެ ދުނިޔެއަށް މިއަދު އައި ބަނަކަމެކެވެ.