ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބް ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ އެ ކްލަބުގެ 39 އަހަރުވީ ހަޔާތުގައި ކަޅު ލައްގަނޑެއް ޖެހިއްޖެ އެވެ.
އެ ކްލަބް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެއް ވަނަ ޑިވިޝަނުން ފުރުސަތު ގެއްލުނީ، މާލޭ ލީގު ކޮލިފައިންގެ ދެ ވަނަ ލެގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ 2-2 އިން އެއްވަރުވުމުން ދެ ލެގުގެ އެގްރިގޭޓުން 4-2 އިން ޔުނައިޓެޑް ވިކްޓަރީ އަށް ކުރި ލިބުމުންނެވެ. މާލޭ ލީގުގެ ފުލަށް ދިޔަ ވެލެންސިއާގެ މައްޗަށް، ލީގުގެ ފަހަތުން ދެ ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދުމާ އެކު އެ ޓީމަށް ވަނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވެފަ އެވެ.
ޒުވާނުންތަކެއް އިސްވެ 1979 ވަނަ އަހަރު އުފެއްދި ވެލެންސިއާ އަކީ ރީތި ކުޅުމެއް ކުޅެ ކާމިޔާބު ހޯދުމުގައި މަޝްހޫރުވި ކްލަބެކެވެ. ނުވަ ދިހައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ މެދަކާ ހަމައަށް ދިވެހި ފުޓްބޯޅައިގެ ގަދަ ދެ ޓީމުގެ ތެރޭ އަބަދުވެސް އޮވެ އެވެ. ކަޕްވިނާސް ކަޕް މިލްކުކޮށް އަދި ސަރަހައްދީ މުބާރާތްތަކުގައި ވެސް ކާމިޔާބު ހޯދި އެވެ. އެކަމަކު 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ހޯދި ފަހުން އެ ޓީމު އަޑިއަޅާލި ގޮތަށް ނާރައި އޮތީ އެވެ. މިދޭތެރިން ކޮންމެވެސް ވަރަކަށް ރަނގަޅުކޮށް 2016 ވަނަ އަހަރު އެފްއޭ ކަޕް ވެސް ކާމިޔާބުކުރި އެވެ. އެކަމަކު މިދިޔަ އަހަރު ފެނުނީ އަނެއްކާ ވެސް ނިކަމެތިކޮށެވެ.
އެ ޓީމާ އެކު ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި އޮތް ނިއު ރޭޑިއަންޓާއި ވިކްޓަރީން ދޭތެރެއަކުން ރެލިގޭޝަނުގައި ކުޅެން ޖެހި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެދާނެ ކަމުގެ ބިރާ ކުރިމަތިވިއިރު، ވެލެންސިއާ ފަހަކާ ޖެހެންދެއް ވެސް އެ ހިސާބަށް ވެސް ނުގޮސް އޮތް ޓީމެވެ. އެކަމަކު މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ތިން ފަހަރު ރެލިގޭޝަނުގައި ކުޅެން ޖެހި އެންމެ ފަހުން މި ފަހަރު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އޯކިޑް ސްޕޯޓްސް ކްލަބާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީ ވެސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. އެކަމަކު އަލުން އަރައިގަތުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ވިކްޓަރީ ވެސް 2013 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ނުވެއްޓުނީ ކިރިޔާ އެވެ. އެ ފަހަރުގެ ޕްލޭއޮފުގެ ފަހު މެޗުގައި އެ ޓީމުން ފަހު ވަގުތު ޖެހި ގޯލުން ސަލާމަތްވެ ވީބީ ރެލިގޭޓްވީ އެވެ.
ވެލެންސިއާ އިން 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުން މިހާތަނަށް މޮޅުވީ ހަތަރު މެޗުންނެވެ. އެއީ މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބޫޓާނުގެ ތިމްޕޫ ސިޓީ އަތުންނާއި މިދިޔަ އަހަރުގެ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން އަދި މި އަހަރުގެ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓްސް އަތުންނެވެ.
މޮޅުވާން މަޖުބޫރުވެފައި އޮތުމުން ވެލެންސިއާ އިން މިއަދުގެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ކުޅެމުން ދިޔައީ ވަރަށް ކުރިއަށް ޖެހިގެންނެވެ. އެގޮތުން ކުރީކޮޅު ދެ ލަނޑުގެ ލީދެއް ނެގި އެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ މުހައްމަދު ސިފާން (ކުޑައްޓެ) އެވެ. އޭރިއާ ތެރެއިން ކުޑައްޓެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި ވެލެންސިއާ މުހައްމަދު ފާރިޝް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. ފާރިޝް ޖެހި ބޯޅައެއް ތޮލާލް އަތުގައި ޖެހިފައި ލިބުނީ އަންކޮ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ ހަަމަލާ ފޮނުވާލީ މެޗުގެ 25 ވަނަ މިނިޓްގަ އެވެ. ރަފީނިއާ އެ ބޯޅަ ގޯލަށް ޖެހިއިރު، އެ ބޯޅަ އެ ޓީމުގެ ފޯވާޑް ކެރިޗް އަންދްރޭ އަށް ދީގެން ފޮނުވާލެވެން ވެސް އޮތެވެ. އޭގެ ފަސް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް ވަނީ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ 30 މިނިޓަށް ފަހު ދިން ވޯޓާ ބްރޭކުގައި ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ އެ ޓީމު ކުޅުންތެރިންގެ މަސައްކަތުގެ ރޭޓާ މެދު ހިތްހަމަ ނުޖެހި އެކަން ރަނގަޅުކުރަން އަންގައިފަ އެވެ. އަލުން ކުޅުން ފެށިތާ ފަސް މިނިޓް ތެރޭ ވެލެންސިއާގެ އިބްރާހިމް އަފްލާހް ޖެހި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރަފީނިއާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ ފަހު 20 މިނިޓްގައި ވެލެންސިއާ އިން ކުރިއަށް ޖެހިގެން ޔުނައިޓެޑް ވިކްޓަރީ ހާފް ތެރޭގައި ގިނަ ވަގުތުގައި ކުޅުނެވެ. އެހެން ނަމަވެސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިނުލެވުނެވެ. ކައުންޓަ އެޓޭކުގައި ޔުނައިޓެޑް ވިކްޓަރީން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.
މި ފަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ ދަ ގޭންގް އެވެ. އެ މުބާރާތުގެ ރަނަރަޕަށްދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބް މާލީ ދަތިކަމާ ހުރެ، ރެލިގޭޝަނުގައި ނުކުޅެ އެވެ. އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ދަ ގޭންގުގެ އިތުރުން މާލޭ ލީގުގެ ހަޔެއް ކަމަށްވާ ނިއު، އީގަލްސް، މާޒިޔާ، ޓީސީ، ވިކްޓަރީ އަދި ގްރީންސްޓްރީޓްސް އެވެ.
ފުރަތަމަ ޑިވިޝަނުގެ ޖާގަ މިއަދު ކަށަވަރުކުރި ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދައިދިނުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ ވެސް މިހާރުގެ ކޯޗު މުހައްމަދު ނަޒީހު އެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ވިކްޓަރީ އަށެވެ. އަލުން ޔުނައިޓެޑް ވިކްޓަރީއާ ގުޅުނީ މިދިޔަ އަހަރު އެވެ.