ސާފް ޗެމްޕިއަންކަން ހޯދުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
15 ސެޕްޓެމްބަރ 2018 - 20:15
އިންޑިއާ އަތުން މޮޅުވެ ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިތާ 10 އަހަރު ފަހުން އަނެއްކާވެސް އިންޑިއާގެ މައްޗަށް 2-1 އިން ކުރި ހޯދައި ސާފް ސުޒުކީ ކަޕުގެ ތަށި މިއަދު އުފުލާލައިފި އެވެ.
ގްރޫޕް ސްޓޭޖުގައި ނަތީޖާތައް ދަށްވެ ގުރުލައިގެން ސެމީ އަށް ދިޔަ ނަމަވެސް ސެމީ ފައިނަލުގައި ނޭޕާލް 3-0 އިން ބަލިކޮށް ރާއްޖޭން ވަނީ ފެންވަރު ދައްކާލައިފަ އެވެ. ވަރުގަދަ ރޫހެއްގައި އެ މެޗު ކުޅުނުއިރު މިރޭ ފައިނަލުގައި ވެސް ދެއްކީ އެ ހިތްވަރާއި ރޫހެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ އަތުން 2-0 އިން މޮޅުވި އިންޑިއާގެ މައްޗަށް ރާއްޖޭން މެޗުގެ ކުރީކޮޅު ލީޑު ނެގި އެވެ. މި ލަނޑު 19 ވަނަ މިނެޓުގައި ޖެހީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ.
އޭގެ ފަހުން އިންޑިއާގެ އެޓޭކްތައް ހުއްޓުވުމުގައި ރާއްޖޭން ވަނީ ވަރުގަދަ ދިފާއީ ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ ސަބަބުން އިތުބާރު ޑިފެންޑަރު އަދި ކެޕްޓަން އަކްރަމް އަބްދުލްގަނީ ފައިބަން ޖެހުނު ނަމަވެސް ހިތްވަރު އެލުވާނުލައި މަސައްކަތްކުރި އެވެ.
ރާއްޖޭގެ ދެ ވަނަ ގޯލް ފަހު ހާފުގައި ކައުންޓާ އެޓޭކެއްގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އިންޑިއާ އިން ގޯލެއް ޖެހި ނަމަވެސް ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވި އެވެ.
ބަންގްލަދޭޝްގެ ޑާކާގައި ރާއްޖެ މީގެ ކުރިން 2003 އަދި 2009 ގެ ފައިނަލުން އޮތީ ބަލިވެފަ އެވެ. ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން 2003 ގައި ބަލިވިއިރު 2009 ގައި ޕެނަލްޓީ ޖަހައިގެން ބަލިވީ އިންޑިއާ އަތުންނެވެ.
ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗަށް ރާއްޖޭން ނެރުނީ ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް ނުކުތް ފުރަތަމަ 11 އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ރާއްޖޭގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހަލުވިކަމުން އިންޑިއާގެ ފަހަތަށް ދިޔައީ ބާރުބޮޑުވަމުންނެވެ.
ރާއްޖޭން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. ހާފުގެ މެދުތެރެއިން ދާދު ހުސްކޮށްލާފައި އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭނާ ވަނީ އިންޑިއާގެ ކީޕަރު ވިޝާލް ކެއިތު އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން އިންޑިއާ އިން ކުރިއަށް ޖެހިގެން ރާއްޖޭގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އަދި އިންޑިއާ އިން އަރިމަތިން ލިބޭ ބޯޅަތަކުގައި ދިގު އެއްލުންތައް ކުޅެމުންދާތީ އެ ބޯޅަތައް ހުއްޓުވަން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެ ގޮތުން މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އިންޑިއާގެ ފޯވާޑް މަންވީރު ސިންގް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
މެޗުގެ 37 ވަނަ މިނިޓްގައި ކެޕްޓަން އަކްރަމްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނީ ރާއްޖޭގެ ޓީމުގެ ފަހަތަށް ބާރުބޮޑުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ފުރަތަމަ އަނިޔާ ލިބުމުން ފަރުވާ ހޯދައިގެން އަކޫ ކުޅެން އެރި އެވެ. އެކަމަކު ކުޅެވޭ ގޮތް ނުވުމުން އަކޫ އެދުނީ އޭނާ ބަދަލުކުރާށެވެ.
އޭގެ ފަހުން މެޗުގެ 41 ވަނަ މިނިޓްގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ޖެހި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
ރާއްޖޭގެ ފޭދޫ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އިމޭޖަސް،އެމްވީ
ދެ ވަނަ ހާފް ފަށައިގެން އިންޑިއާ އިން ރާއްޖޭގެ ފަހަތަށް ބާރުބޮޑުކުރި ނަމަވެސް ރާއްޖޭގެ ފަހަތުގައި ކުޅެމުންދިޔަ ނަމަވެސް ރާއްޖޭގެ ފަހަތުން ދިޔައީ ވަރަށް އޮގަނައިޒްކޮށް ކުޅެމުންނެވެ. އިންޑިއާ އިން ހުރަސް ނަގައިގެން ކުޅުނު ނަމަވެސް ކީޕަރު މުހައްމަދު ފައިސަލް ދިޔައީ އެ ބޯޅަތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ.
ރާއްޖޭގެ ދެ ވަނަ ލަނޑު ސެންޓޭ ކާމިޔާބުކުރީ 65 ވަނަ މިނެޓުގަ އެވެ. ހަމްޕު ހުސްކޮށްލާފައި ދިން ބޯޅައެއް އިންޑިއާ ޑިފެންޑަރުން ކީޕަރަށް ދޫކޮށްލި ވަގުތު ސެންޓޭ ވަނީ އެ ބޯޅަ ހޯދައިފަ އެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިފަ އެވެ.
އަނިޔާވެގެން މެޗުގައި ނުކުޅެވުނު ނަމަވެސް އަކޫ ދިޔައީ ބެންޗުގައި ހުރެގެން ވެސް ޓީމަށް ހިތްވަރު ދެމުންނެވެ. ބެންޗުގައި ހުރެގެން ރެފްރީގެ ނިންމުމަކާ ހިތްހަމަ ނުޖެހުން ފާޅުކުރުމުން އަކޫ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު 10 މިނިޓަށް ކުޅެން ނުކުތް އަސަދުﷲ އަބްދުﷲ އަށް މެޗުގެ 81 ވަނަ މިނިޓްގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކުގައި ފޭދޫ އިއްބެ ދިން ބޯޅައަކުން އަސަދުﷲ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފަހު ވަގުތު އިންޑިއާ އިން ގިނަ ހުރަސްތަކެއް ޖަހައިގެން ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް ކީޕަރު ފައިސަލް ވަނީ އެ ބޯޅަތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިތުރު ވަގުތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި އިންޑިއާގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސުމިތު ޕާސީ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ އެވެ. އޭގެ ފަހުން ރާއްޖެ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ސެންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
މި ކާމިޔާބީ އަކީ ގައުމީ ކޯޗު ޕީޓާ ސެގާޓް އަށް ވެސް ހާއްސަ ކާމިޔާބެކެވެ. މި މުބާރާތް އެންމެ ފަހުން 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި އޮތްއިރު ސެގާޓް އިރުޝާދުދިން އަފްގާނިސްތާން ފައިނަލުގައި ބަލިވީ އިންޑިއާ އަތުންނެވެ. މިއީ އިންޑިއާގެ ކޯޗުކަމާ އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓިން ހަވާލުވި ފަހުން އެ ޓީމު އަތުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމީ
16 September 2018
ދަގަނޑޭ ހުރުމާ ނެތުމުގެ ތަފާތު. ރާއްޖެ ބޭނުންވަނީ ބޮޑާހާކައިގެން އޭނާ ބޭނުންވާ ގޮތަކަށް ޓީމު ނަގަން ބޭނުންވާ، މުސްކުޅި، ސްލޯ ފޯވަރޑެއް ނޫން. މިއަދުގެ ކާމިޔާބީގައި ކޯޗު ޒުވާން ކުޅުންތެރިންނަށް ކުރި އިތުބާރު އެކުޅުންތެރިންގެ ހިތްވަރުން އަދާކޮށްފި. ރާއްޖެ މޮޅުކޮށްދީފި. 2009 ވަނަ އަހަރު ދަގަނޑޭއާ މޮޅު އެތައް ކުޅުންތެރިންނެއް ލައިގެންވެސް އިންޑިޔާގެ 23އަހަރުން ދަށުގެ ޓީމް އަތުން ބަލިވީ ފައިނަލުގަ. މިފަހަރު ނިސްބަތުން ޒުވާން ސްކޮޑެއް ގެންގޮސް ތަށިނެގީ
ރާއްޖެ
16 September 2018
ދިވެހި މީޑިއާއި ދިވެހި މޮޅު ކޯޗުންނަށް ވަރަށް ސަލާމް.
އަމީން ރަސީދު
16 September 2018
ކާމިޔާބު ވެރިންނައް ކަންކަން ކާޔާބުކުރެވޭނީވެސް
ބާލީ
16 September 2018
ގައުމީޓިމަށް މަރުޙަބާ. މިލިބުނު ކާމިޔާބީ ސިޔާސީ ނުކުރުމަކީ ވަރަށްވެސް އެދޭކަމެއް. ސިޔާސީ ކަންތައްތައް ފުޓްބޯޅަޔާ އެކުވުމުން އޭގެ ނޭދެވޭއަސަރު ކުޅިވަރަށްކުރޭ. ސިޔާސީ ކަންތަކުން ގައުމު ބައިބައި ވެގެންދާއިރު ކުޅިވަރުން ލިބޭ މިފަދަ ކާމިޔާބީން އެއްމެން އެއްބައިކުރުވާ. އެހެންކަމުން އެއްބައި ވުމަށް ދިވެހިންނަށް ލިބޭ މިފަދަ ފުރުސަތުތަށް ނަގާ ނުލުމަށް ސިޔާސީ ފަރާތްތަކަށާ ސިޔާސީ ކަންމަކުގަ އުޅޭ އެންމެނަށް ގޮވާލަން.
2ކިލޯ
16 September 2018
ދަނގަޑޭ އަކީ މިގައުމުގާ އުފެދުނު އެންމެ މޮޅު ކުޅުން ތެރިއާ އިހުތިރާމް ވެސް ކުރަން. ޢެކަމަކު ދަގޭ ފޭނުން އުޅެނީ މިކޯޗާ ޖައްސާލައިގެން. ޢެހެންވެ މީހުން ހިތްހަމަ ނުޖެހިގެން އަސްފާގުއައް އެއްޗެހިކިޔަނީ. ޢަސްލު އަސްފާގުވެސް ރަގަޅު ގޯހީ ފޭނުން.
ބަދަލު ބޭނުން
16 September 2018
އިބޫ ސޯލިޙް އެވިދާޅު ވާގޮތަށް، ބަދަލު އެއީ އަންނާނެ އެއްޗެއް. ބަދަލު ނުވާނެ ކަމަށް ދެކިގެން ތިބުމީ ތާކުންތާކު ނުޖެހޭ ކަމެއް. ދަނގަނޑޭ އާއި އިމްރާން ނުލާ މޮޅެއް ނުލިބޭނެ ކަމަށް ބުނި މީހުންނަށް މިހާރު އެއްޗެއް ވިސްނޭނެކަަމަށް އުއްމީދުކުރަން. މީގެން ދައްކާދެނީ ތައްޔާރު ވެ ތިބެންޖެހޭނީ ބަދަލު އަންނާނެ ކަމަށް. ބަދަލަކީ ރިސްކެއް ނޫން. ބަދަލަކީ ކުރިއެރުމެއް ކަމުގައި ދެކިގެން ނޫނީ އަޅުގަޑުމެންނަށް ތަރައްޤީ އާއި ތަހްޒީބް ޙާޞިލްއެއް ނުވާނެ.
ހަގީގަތެއް
16 September 2018
ވަރަށް ތެދު ވާހަކަށް. ވަރަށް ބޮޑު ޙަޤީޤަތެއް
ނަނާ ހުވަފެން
16 September 2018
2008ގަ ގެނައި ބަދަލުން ވެއްޓުނީ އަގަވަތަށް.
އަންކަލޯ
16 September 2018
ދަނގަޑޭއަށް ފާޑުނުކިޔުމަށް އެދެން، އެކަން ހުއްޓަލާ އެއީ މިރާއްޖެދުށް މޮޅު ކުޅުންތެރިޔެއް...އޭނަގެ ބޮލަށް އެރެނީ ސިޔާސީވެފަ ތިބޭ ބައެއް ކުރީގެ ކުޅުންތެރިން...އަކޫގެ ކުރިން ކެޕްޓަން ބޭންޑްއެޅީ އަޑުބަރޭ އަމިއްލަޔަށް ރިޓަޔަރކޮށް މުޅިޓިމް އަދި ފްޓްބޯޅަ އާއިލާ ފަނިކުރަން އުޅުނީ. އެމޮޅު މިޑްފީލްޑަރުގެ ކުޅުމުގެ ފެންވަރު ދަށަށްދިވަރު ދެކިބަލަ. ކޮންމެ ކަމެއްވެސް ބިނާވަނީ އެމީހެއް ނުވަތަ ބަޔެއްގެ ނިޔަތުގެ މަށްޗަށް...މަރުހަބާ ގައުމީޓީމް.
ބައްބު
16 September 2018
ދަނގަޑޭ އަށް އެއްޗެހި ނުކިޔަސް ޓީމަށް ސާބަސް ދެވިދާނެ. ދަނގަޑޭ ގައުމަށާއި ޓީމަށް ހޯދައިދިން ކާމިޔާބާއި ފަޚުރަކީ އަގުވަޒަންކުރަންޖެހޭ ކާމިޔާބެއް.. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ދަނގަޑޭކަމީ ދެބަސް ނުވެވޭނެ ހަގީގަތެއް.. ޓީމަށް އައްސަރިބަސް.. ޙައްޤު މޮޅެއް މިއީ..
ޝޭމްފުލް
16 September 2018
ޔާމިން ދެކެ ވަރަށް ފޫހިވެއްޖެ! މިއަދު ބަންދުވެސް ނުކޮށްދިން... ވަޓް އަ ޝޭމްފުލް ޕްރެސިޑެންޓް
ބަރާބަރު އ އަޒީޒް
16 September 2018
މަރުޙަބާ ޤައުމީޓީމްގެ ކުޅުންތެރިން, މެނޭޖްމަންޓް އާއި އޮފިޝަލުން އަދި ކޯޗް އާއި އެސިސްޓެންޓުން.