ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސީއެސް ސްޕޯޓްސް އިން މިއަދު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ސީއެސް ނުކުތީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ސީއެސް މެޗުން މޮޅުވީ ޓައިގެ ފުރަތަމަ ތިން ގޭމް ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ސިންގަލްސް ގޭމްގައި ވާދަކުރީ ދެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. މި މެޗުން ސީއެސް އަށް ކުޅޭ ތައިލެންޑުގެ ކުޅުންތެރިއާ ވަނީ ސީދާ ދެ ސެޓުން ޔުނައިޓެޑް ވިކްޓަރީގެ ނޭޕާލް ކުޅުންތެރިއާ ރަތުނަޖީތު ތަމަން ބަލިކޮށްފަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-19، 21-16 އިންނެވެ.

ދެ ވަނަ ސިންގަލްސް ގޭމްގައި ވާދަކުރީ ސީއެސްގެ ހަސަން އަފްޝީން ޝަހީމް އާއި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ އަހުމަދު ތޯއިފް އެވެ. މި މެޗުގެ ފުރަތަމަ ސެޓު ތޯއިފް ގެންދިޔައީ 18-21 އިންނެވެ. އަފްޝީން މޮޅުވީ ދެން ކުޅުނު ދެ ސެޓު 21-15 އަދި 22-20 އިން ގެންގޮސްގެންނެވެ.

ފުރަތަމަ ދެ ގޭމް ލިބުމުން ސީއެސް ތިން ވަނަ ގޭމަށް ނުކުތީ އިތުބާރާ އެކު މޮޅުވެ މެޗު ކާމިޔާބު ކުރުމަށެވެ. ތިން ވަނަ ގޭމްގައި ވާދަކުރީ ސީއެސް އިން ތަޖުރިބާކާރު ކުޅުންތެރިއާ އިބްރާހިމް ޝާމިއު އެވެ. އޭނާއާ ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީން ނެރުނީ ރިޝްވާން ޝިޔާމް އެވެ. މި މެޗުން ޝާމިއު މޮޅުވީ 21-14، 16-21 އަދި 21-12 އިންނެވެ.

ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން އެންމެ ފަހުން ހަ ފަހަރު ވެސް ހޯދީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިންނެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރި އަނެއް ދެ ޓީމަކީ އޮއްފު އެފްސީ އާއި ޓީއެސްއޭ އެވެ.

ޓީމް އިވެންޓް ބައި ނިމުމުން ދެން ކުރިއަށްދާނީ ގައުމީ މުބާރާތުގެ އޯޕަން ޑްރޯގެ މެޗުތަކެވެ. އޯޕަން ޑްރޯގެ މި ފަހަރު އޮތީ ފުރަތަމަ ޑިވިޝަން މެޗުތަކެވެ. އޯޕަން ޑްރޯގައި އަންހެން ސިންގަލްސް، ފިރިހެން ސިންގަލްސް، އަންހެން ޑަބަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތައް ކުރިއަށްދާނެ އެވެ.

މިދިޔަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދީ ގައުމީ ޓީމުގެ ދެ ކުޅުންތެރިންނެވެ. އެއީ ފިރިހެން ބައިން ޒަޔާން ޒަކީ އަދި އަންހެން ބައިން ޗެމްޕިއަންކަން އައިމިނަތު ނަބީހާ އެވެ.

އެހެން އަހަރުތަކުގައި ގައުމީ މުބާރާތާއި އަތޮޅު ލީގު އެއްކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަަހަރުގެ ދެ މުބާރާތް ވަކިން ކުރިއަށް ގެންދަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވަނީ ނިންމައިފަ އެވެ.