އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމަށް އެފްއޭއެމުގައި އެދޭ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ނިއުގެ ކުރީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދެން ނިއު ތައްޔާރުވަނިކޮށް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް ކަމަށް ބުނެ އެވެ. ފަހުން އެ މައްސަލަ 15 ކްލަބެއްގެ ސޮޔާ އެކު ހުށަހެޅީ ވިކްޓްރީންނެވެ. އެކަމަކު ފީފާއާ މަޝްވަރާކުރުމަށް ފަހު އެފްއޭއެމުން ބުނީ އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވެން ނެތް ކަމަށެވެ. އޭގެ ފަހުން އެފްއޭއެމުން ބުނީ ވިކްޓްރީގެ ހުށަހެޅުމުގައި ސޮއިކުރި ތިން ކްލަބެއްގެ ހައިސިއްޔަތެއް ނެތް ކަމަށާއި އަދި ހަތަރު ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ އެ ހުށަހެޅުމުގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ. އެހެންވެ އެ ވޯޓް ނެގޭނެ މަގެއް މިވަގުތު ކްލަބްތަކަށް ފެންނަން ނެތެވެ.
އަދި ކްލަބްތަކުގެ އެ ހުށަހެޅުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ނުފޫޒެއް އަންނަ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކްލަބްތަކުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ގޭގައި މަޑުކުރަން ރައީސް އެންގެވުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ކްލަބްތަކާއި އެފްއޭއެމާ އެކު އެއް މޭޒެއްގައި މިއަދު މަޝްވަރާކުރެއްވުމަށް ފަހު އެވެ.
މިނިސްޓަރު މިއަދު ދެއްކެވި ވާހަކަތައް އެއީ ނުފޫޒެއްގެ ގޮތުގައި އެފްއޭއެމުން ތަރުޖަމާކޮށްފާނެ ކަމުގެ ބިރު އެބައޮތްތޯ 'މިހާރު"ން ސުވާލު ކުރުމުން ވިދާޅުވީ މަހުލުފޫ ވެސް ނުފޫޒު ފޯރުއްވި ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ހުދު އޭނާ ވެސް ވާހަކަދައްކަނީ ފީފާގެ ގަވާއިދުތަކާއި އަދި ދުނިޔެޔަވީ ހަމަޔާ އުސޫލުގެ މަތިން ކަމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން އެސޯސިއޭޝަންތަކުގެ ތެރެއަށް ނުވަންނާނަން،" އަލީ ވަހީދު ވިދާޅުވި އެވެ. "(އެކަމަކު) އަޅުގަނޑުމެން ކަށަވަރުކުރާނަން މި ގައުމުގައި (ފުޓްބޯޅައިގެ ކަންކަން ދަނީ) ފީފާގެ ސްޓެޓިއުސްޓްސްތަކާ އެއްގޮތަށް (ކަމާއި އަދި) މި ގައުމުގެ ގާނޫނީ އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރޫލް އޮފް ލޯ ހިނގަންޖެހޭކަން."
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެ ކަމަކަށް ރިކުއެސްޓްކުރީ. ބަޔަކު އިތުބާރު ނެތްކަމުގެ ވޯޓަކާ ޗެލެންޖް ކުރަންޏާ އެ ވޯޓު ނަންގަވަން އަޅުގަނޑުމެން ވާނީ އެދިފައި. އެކަން ކުރެވެން ޖެހޭނެ. ކުރުމަށް ފަހު އިތުބާރު ހޯދަން ޖެހޭ އެތަނުގައި ހުންނަވާ ބޭފުޅެއް ވެއްޖެއްޔާ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ކަމަކާ ގުޅިގެން ކްލަބްތަކަށް ފިޔަވަޅު އެޅޭ އެޅުން އެއީ އެއްވެސް އިންސާފެއް ނޫން ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައީ ވެސް ބޭއިންސާފާ ދެކޮޅަށް ކަމަށެވެ. އިތުބާރު ވޯޓަކާ ގުޅިގެން ބަޔަކު މީހުން ސަސްޕެންޑްކޮށް މި ފަސްގަނޑުގައި އަދުލު އިންސާފުން ބޭރުން ނުކުރެވޭނެ ކަމަށާއި އަދި ފީފާގެ އުސޫލުތަކުގައި ވެސް އެކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މާދަމާ އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅީމާ ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ހައްޔަރުކުރަން އަޅުގަނޑުމެން ގޮސްގެންނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުން އެސޯސިއޭޝަންތަކަށް ނުފޫޒު ނުފޯރުވާނެކަން ތަކުރާރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކްލަބްތަކާއި އެސޯސިއޭޝަންތަކާ އެއް މޭޒަކަށް މިއަދު އައީ ވެސް ހައްލެއް ނުލިބުމުން ކަމަށާއި ކްލަބްތައް ނިކަމެވިވެގެންދާތަން ބަލާކަށް ސަރުކާރުން ނުތިބޭނެ ކަމަށެވެ.
"ވަރަށް އިހުތިރާމާއި އަދަބާ އެކު މި އެދެނީ ފީފާގެ ސްޓެޓިއުސްއާ އެއްގޮތަށް އަދި ރާއްޖޭގެ (ގާނޫނުތަކާއި ގަވާއިދުތަކުގެ) އަސާސީ ހަމަތައް ހިފަހައްޓަން. އެއްވެސް ކްލަބަކަށް އެ ކްލަބެއް ފާޅުކުރާ ހިޔާލަކުން ޝުއޫރަކުން ނިކަމެތި ކަމެއް އަންނަން ޖެހޭނެ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަދި ގަބޫލެއް ނުކުރަން ކްލަބްތައް ދިފާއުކުރުމާއި ހައްގުތައް ހޯދުމަކީ ނުފޫޒު ފޯރުވުން ކަމަކަށް ވެސް،" ނިއު އިން 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު ޗެއާމަންކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.