03 މާޗް 2019 - 20:38
އެފްއޭއެމްއާ ގުޅުން ހުރި މައްސަލަތަކެއް ބެލުމަށް ސްޕޯޓްސް މިނިސްޓްރީން ހެދި ކޮމިޓީއެއްގެ މައްސަލައިގައި އޭއެފްސީން އިންޒާރުދީ، އެ ކޮމިޓީގެ ހަރަކާތެއް ނެތިފައި އޮއްވާ، ވަގުތީ މިނިސްޓަރު އަލީ ވަހީދު، ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިއަދު "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިފި އެވެ.
މިވަގުތު ގޭގައި ހުންނެވި މިނިސްޓަރު އަހުމަދު މަހުލޫފު، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން، ކޮމިޓީއެއް އުފެއްދެވުމުން، އެކަމުގައި އެފްއޭއެމުން އޭއެފްސީގެ ލަފާ ހޯދުމުން އެ އިދާރާ އިން ވަނީ އެކަން ހުއްޓާލުމަށް ނުސީދާކޮށް އިންޒާރު ދީފަ އެވެ. އެތަނުން ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތިކަމަށެވެ. އަދި އެކަންކަމަށް ރިއާޔަތްކޮށް، އޭއެފްސީން ޔަގީންކޮށް މިދެނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އަންނަ އައުން ތަހައްމަލުނުކުރާނެކަން ކަމަށެވެ.
ފަހުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވާނީ އަންގާފައި ކަމަށެވެ. އޭގެ ފަހުން މިނިސްޓަރު ވަނީ އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ބައްދަލުކުރައްވައި، ފީފާގެ އަސާސީ ގަވާއިދާ ހިލާފުނުވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާ ގުޅިގެން މަހުލޫފް ގޭގައި މަޑުކުރަން ރައީސް އެންގެވުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އުފެއްދެވި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އިބްރާހިމް ނޫރައްދީނެވެ. ދެން ހިމެނެނީ ގާނޫނީ ވަކީލް އަލްއުސްތާޒް ޝާހީން ހަމީދާއި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަންގެ ގޮތުގައި އެ އެތަން އަހަރެއްހާ ދުވަހު ހިންގެވި އަހުމަދު ޝާހިރެވެ.
ވަގުތީ މިނިސްޓަރު، މި މަސައްކަތް ފެށިއިރު، އޭނާ ވަނީ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ދެ ވަނަ އަށްވީ ދުވަހު އެފްއޭއެމް އާއި ކްލަބްތައް ވެސް އެއް މޭޒު ދޮށަށް ގެނެސް ވާހަކަދައްކަވައިފަ އެވެ. އަދި ކުޅުންތެރިންނަށް މުސާރަ ނުދީގެން ސަސްޕެންޑްކޮށްފައި އޮތް ނިއު ސަސްޕެންޑްކުރި ހަގީގީ ސަބަބަކީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުން ކަމަށާއި އެ ސަސްޕެންޝަން އުވާލައި ވޯޓާ ކުރިމަތިލާން އެ އެސޯސިއޭޝަނުގެ އިސްވެރިންނަށް އިލްތިމާސްކުރެއްވި އެވެ.
އެފްއޭއެމުން އޭރު ތުހުމަތުކޮށްފައި އޮތީ، ކްލަބްތަކަށް ނުފޫޒު ފޯރުވައިގެން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން އިސްވެ މަސައްކަތްކުރައްވަމުން ގެންދަވަނީ މަހުލޫފު ކަމަށެވެ. އެހެންވެ ތިން ވަނަ ފަރާތެއް ނުފޫޒު ފޯރުވާނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
އަލީ ވަހީދުގެ އެ ވާހަކަތަކީ އެފަދަ ނުފޫޒެއްގެ ގޮތުގައި އެފްއޭއެމުން ތަރުޖަމާކޮށްފާނެ ކަމުގެ ބިރު އެބައޮތްތޯ 'މިހާރު"ން ސުވާލު ކުރުމުން ވިދާޅުވީ މަހުލުފޫ ވެސް ނުފޫޒު ފޯރުއްވި ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ހުދު އޭނާ ވެސް ވާހަކަދައްކަނީ ފީފާގެ ގަވާއިދުތަކާއި އަދި ދުނިޔެޔަވީ ހަމަޔާ އުސޫލުގެ މަތިން ކަމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން އެސޯސިއޭޝަންތަކުގެ ތެރެއަށް ނުވަންނާނަން،" އަލީ ވަހީދު ވިދާޅުވި އެވެ. "(އެކަމަކު) އަޅުގަނޑުމެން ކަށަވަރުކުރާނަން މި ގައުމުގައި (ފުޓްބޯޅައިގެ ކަންކަން ދަނީ) ފީފާގެ ސްޓެޓިއުސްޓްސްތަކާ އެއްގޮތަށް (ކަމާއި އަދި) މި ގައުމުގެ ގާނޫނީ އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރޫލް އޮފް ލޯ ހިނގަންޖެހޭކަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޕޯޓަރ
04 March 2019
ބައްސާމް އައް އެމްއެމްޕީއާރުސީ ފައިސާ ލިބުނު ގޮތް ބަލާ ޝަރީއަތައް އެ މައްސަލަ އަވަހައް ފޮނުވީމަ ތި މައްސަލަ ވަގުތުން ހައްލު ވީ. ކޮރަޕްޓު މީހުން ބައޮތިއްބާކައް ފީފާއަކުން ވެސް ބޭނުން ނުވާނެ. އެކަމިގެ ހެއްކެއް ބްލެޓާ ބޭރު ކުރުން. ޔާމީން ކިޔާމީހަކުވެސް އުޅުނު ނިކަން ވަރު ދައްކާލާފަ މިހާރު ވީތަނެއް ބަލާލާނެ މީހަކުވެސް ނުވޭ. ބައްސާމް ވެސް އަދި އެކަން ހަނދާނުގަ ހުންނާނެ ކަން ޔަގީން.
ބީރުބޮލު
03 March 2019
މީ މިހާރު ކިތައްވަނަ ކޮމިޓީތަ؟
އަލީ ޙަމީދު
03 March 2019
ކޮމިޓީ ސަރުކާރު.