13 އަހަރުން ދަށުގެ ތަށި ކާމިޔާބު ކުރުމަށް ފަހު ގާޒީ ސްކޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހާފް ކޯޓް މޯލްޑިވްސް
23 އެޕްރީލް 2019 - 11:59
ޕެނަލްޓީ ޖަހައިގެން 7-6 އިން ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް ދިރާގު މަމެން 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އަބްދުﷲ އަރީން މުހައްމަދުގެ ގޯލުން ޅ. އަތޮޅު ތައުލީމީ މަރުކަޒު ލީޑުނަގާފައިވަނިކޮށް ގާޒީ ސްކޫލުން ވަނީ ދެ ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު އައިހަމް އިބްރާހިމް އާއި ޔޫސުފް އަބްސަމް އެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ އަފްޒާން އިބްރާހިމް އެވެ. ޕެނަލްޓީ ޖަހައިގެން ގާޒީ ސްކޫލް ކުރިހޯދީ 5-4 އިންނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ގާޒީ ސްކޫލްގެ ޔޫސުފް އަބްސަމް އެވެ. އޭނާ ވަނީ ހަ މެޗުން 12 ގޯލު ޖަހައިފަ އެެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ އާރިޒް ބިން ޝާހިދު އެވެ. ހަ މެޗު ކުޅުނުއިރު އޭނާ ކޮޅަށް ވަނީ ފަސް ގޯލެވެ. އެންމެ މޮޅު ކޯޗަކީ ހިރިޔާ ސްކޫލްގެ އަބްދުލް ހަމީދު މުހައްމަދު އެވެ.
މަމެން އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަން ގާޒީ ސްކޫލް.
އެންމެ މޮޅު 10 ކުޅުންތެރިންނަށް ހޮވުނީ ގާޒީ ސްކޫލްގެ މުހައްމަދު އައިހަމް އާއި މުހައްމަދު އުނައިސް ބިން ނޫހް އާއި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަފްޒާން އިބްރާހިމް އާއި އަބްދުﷲ މިސާލް މުހައްމަދާއި ރެހެންދި ސްކޫލްގެ މުހައްމަދު އައިމަން އަލީ އާއި އަޔާން މުހައްމަދާއި އިސްކަންދަރު ސްކޫލްގެ ޔޫސުފް އައިޝް މުހައްމަދާއި ހަސަން ނާވީ އާއި ހިރިޔާ ސްކޫލްގެ ހުސެއިން ޖަނާހު އަދި ދަރުމަވަންތަ ސްކޫލްގެ އަބްދުﷲ ނަބާހު އަހުމަދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޒީ
24 April 2019
އެންމެ ގިނަ ލަނޑު ޖެހި ކުލުންތެރިޔާ ޓޮޕް ޓެން ގަ ނުހިމެނޭ. ކީއްވެބާ؟
ހަވީރު
24 April 2019
މި އަހަރުގެ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރަތުގައި 13 އަދި 15 އަހަރުން ދަށުގެ އުމުރު ފުރާގައި ހުޅުމަލޭގެ ގާޒީ ސްކޫލާއި ރެހެންދި ސްކޫލުން ދެއްކީ ތަފާތު މޮޅު ކުޅުމެއް. ހާއްސަކޮށް 13 އަހަރުން ދަށުގެ ރެހެންދި ސްކޫލުގެ ޓީމު ތަފާތު މޮޅު، ހުނަރުވެރި އެމީހުން ކުއާޓަރ އިން ބަލިވިޔަސް. މާލޭގެ ބޮޑެތި ސްކޫލުތަކާ ވާދަކޮށް މި ދެ ސްކޫލު ސާބިތު ކޮށްދީފި ހުޅުމާލެ ފުޓްބޯޅައިގަ ކުރިއަރަމުން އަންނަކަން.
ހުސެންކަލޯ
23 April 2019
މާޝާﷲ ދޮންކަލޯމެން ހާދަ މޮޅޭ ދޯ. ހިތްވަރާއެކު މަސައްކަތް ކުރީމަ ކާމިޔާބުވާނެކަމުގެ ރަނގަޅު މިސާލެއް ތި ދެއްކީ. މުސްތަޤްބަލުގައި ކަލޯމެން ޤައުމީ ޓީމުން ފެންނާނެކަމަށް ހުސެންބެ އުއްމީދުކުރަން. އުފާވެއްޖެ ވަރަށް