ސައުދީ އަރަބިއްޔާ ކުޅުންތެރިއަކު ކައިރިން ލެޓްވިއާގެ މާކަސް (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު
21 ޖުލައި 2019 - 22:47
ޔުއެފާއާ ގުޅިގެން އެފްއޭއެމުން ބާއްވާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ލެޓްވިއާ އިން ފަހަތުން އަރައި 4-1 އިން ސައުދީ އަރަބިއްޔާގެ މައްޗަށް ކުރިހޯދައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުން އިއްޔެ ރާއްޖެ ވަނީ ބޫޓާނާ ވާދަކޮށް 2-1 އިން ބަލިވެފަ އެވެ. މިއީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގެ އުމުރުފުރާ ޓީމެއް ބޫޓާން އަތުން ބަލިވި ދެ ވަނަ ފަހަރެވެ.
މިއަދުގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލެޓްވިއާ ކުޅުންތެރިން ކުރިއަށް ޖެހި ތިބި ވަގުތެއްގައި ފަހަތަށް ދިޔަ ބޯޅައަކުން ސައުދި އަރަބިއްޔާގެ ލަނޑު ކާމިޔާބުކޮށްދިނީ ބަދުރު ވަހީދު އަލްހާބީ އެވެ. އޭރިއާ ރޮނގުކައިރިން ބަދުރު ފޮނުވާލި ބޯޅަ ވަނީ ލެޓްވިއާ ކީޕަރު ނިކިޓާ ޕާފްޔޯނޯވް އަތްދަށުން ގޮހެވެ.
ލެޓްވިއާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ލެޓްވިއާ އަށް އެއްވަރުކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައި ކްރިސްޓާ ވޮލްކޯވްސް އެވެ. އޭގެ 11 މިނިޓް ފަހުން ލެޓްވިއާ އިން ލީޑުނެގީ ސައުދީ އަރަބިއްޔާގެ ތުރުކީ މަޝޫރު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ލެޓްވިއާ އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ތިން ވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓްގައި ބްރޫނޯ މެލްނިސް ޖެހިއިރު، ފަހު ގޯލު ޖެހީ ނިކް ސިލެޑާ އެވެ.
މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދާނީ ފައިނަލަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހު އެވެ. މި މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ސައުދި އަރަބިއްޔާއާ ދެކޮޅަށެވެ. އެ މެޗުން ބަލިވާ ޓީމަކަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.
އައްޑޫގައި މިހާރު ކުރިއަށްދާ މުބާރާތަކީ ރާއްޖޭގައި ގިނަ އަހަރުތަކެއް ފަހުން ބޭއްވޭ އުމުރުފުރާ ގައުމީ ޓީމުތަކަށް ހާއްސަ ފުރަތަމަ މުބާރާތެވެ. މި މުބާރާތަކީ ބައިނަލްއަގްވާމީ މުބާރާތްތައް އަތޮޅުތެރޭގައި ބޭއްވުމުގެ ފެށުމެއް ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި މި ފަހަރު ޔުއެފާއާ ގުޅިގެން ބޭއްވޭ މި މުބާރާތުގެ ސަބަބުން އައްޑޫ އަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy