ބާސެލޯނާގެ އެކެޑަމީ ލަ މާސިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އިންގްލެންޑްގެ ކޯޗު ޖުޑާން އަލީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ގެންނަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ހުސްވީ މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު އެ މަގާމުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އިސްތިއުފާދިނުމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ޖުޑާންއާ އެކު ހުރިހާ މަޝްވަރާތަކެއް ނިމިފައިވާކަމަށާއި ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ހަވާލުވާން އޭނާ އެއްބަސްވެފައިވާ ކަމަށެވެ.
"މިހާރު އޮތްގޮތުން މި ބަލަނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ރަސްމީކޮށް ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށް،" ޖަވާ ވިދާޅުވި އެވެ.
އޭޝިއާގެ ދަރިކޮޅަކަށް ނިސްބަތްވާ ޖުޑާން ވަނީ 2011 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެކަމަކު އާޖެންޓީނާގެ ޑިއޭގޯ ކުރްސިއާނީ ވަކިކުރުމަށް ފަހު އެފްއޭއެމުން އޭރު ކޯޗުކަން ދިނީ ހަންގޭރީގެ އިސްތަވާން އުރުބާނީ އަށެވެ.
ބާސެލޯނާގެ ލަ މާސިއާ އެކެޑަމީގައި 10 އަހަރު މަސައްކަތްކުރި ޖުޑާން ޕްރޮފެޝަނަލްކޮށް އެންމެ މޮޅެތި ޓީމުތަކުގައި ކުޅެފައިނުވެ އެވެ. އެކަމަކު ޔޫތު ކެރިއަރުގައި ވަނީ ބާސެލޯނާ އާއި އާސެނަލަށް ކުޅެފަ އެވެ. ސީނިއާ ކެރިއަރުގައި ކުޅުނީ ހަމައެކަނި ރެއާލް މުރްސިއާ އަށެވެ.
ޖުޑާން އަކީ ޔުއެފާ އޭ ލައިސަންސް ކޯޗެކެވެ. ބާސެލޯނާ އިން ޔޯހަން ކްރައިފްގެ ފިލޯސަފީގައި ލަ މާސިއާ އެކެޑަމީ ހިންގިއިރު، ޖުޑާން އެންމެ އިސް މަސައްކަތްތަކެއް ކުރީ ޑިވެލޮޕްމަންޓްގަ އެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ޗައިނީސް ޓައިޕޭގެ އެފްއޭގެ އެލީޓް ޑިވެލޮޕްމަންޓް ހެޑް އެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުޑާން ވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ކިޗީގެ ކޯޗިން ސްޓާފެއްގެ ގޮތުގައި 2015 ވަނަ އަހަރު މަސައްކަތްކޮށްފަ އެވެ. އޭގެ ކުރިން 2012 ވަނަ އަހަރު ލެޓްވިއާގައި ކޯޗިން ކޯހެއް ވެސް އެ ގައުމުގެ ކޯޗުންނަށް ނަގައިދިނެވެ.
އޭގެ ފަހުން 2012 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ބްލެކްބާން ރޯވާސްގެ ކޯޗެއްގެ ގޮތުގައި ޖުޑާން ގެންނަން އުޅުނު ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އޭނާ އޭރު މަސައްކަތްކުރީ އެ ކްލަބްގެ ކޯޗިން ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއްގަ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރެ އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރި އެއް ބިދޭސީ އަކީ މެލޭޝިއާގެ ލިމް ކިން ޗޮން އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ލިމްގެ ދުވަސްވަރު އޭނާ ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
ޒަމާންތަކަކަށް ފަހު އެފްއޭއެމުގައި އެންމެ ފަހުން މަސައްކަތްކުރި ބިދޭސީ ޓެކްނިކަލް ޑިރެކްޓަރަކީ ވީބީ އައްޑޫ އެފްސީގެ ކޯޗަކަށް ކުރިން ހުރި ތުރުކީގެ ކޭންޓް ވަންލީ އެވެ. މިދިޔަ އަހަރު ވަންލީ މަގާމުން ވަކިވުމުން ދެން އެ ޒިންމާއާ ހަވާލުވީ ސާންތީ އެވެ.
މީގެ ކުރިން ޓެކްނިކަލް ޑިރެކްޓަރުގެ ގޮތުގައި މަސައްކަތްކުރި ދިވެހިންގެ ތެރޭގައި ކްލަބް އީގަލްސްގެ މިހާރުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ވިކްޓްރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހިމެނެ އެވެ. އަދި އެކްޓިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ގްރީން ސްޓްރީޓްސްގެ މިހާރުގެ ކޯޗު އަލީ ސުޒޭން ވެސް މަސައްކަތްކުރި އެވެ.