ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް

ސައުތު އޭޝިއަން ގޭމްސްގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސެގާޓް (ކ) އާއި އަކޫ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

02 ޑިސެމްބަރ 2019 - 09:10

8 comments

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން ދެން ޝެޑިއުލް ރާވާފައިވާ ގޮތުން ހުރިހާ ގެއްލުމެއް ލިބުނީ ބައިވެރިވި އެހެން ޓީމުތަކަށް ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކުރިން ރާވާފައި އޮތީ ދެ ގްރޫޕަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެކަމަކު އިންޑިއާ ވަކިވެ ފަސް ޓީމަށް ވުމުން ނިންމީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.

މުބާރާތުގެ ޝެޑިއުލް އެންމެ ފުރަތަމަ އޮތްގޮތުން މާދަމާ ރާއްޖެ ކުޅެން ޖެހޭނީ އިންޑިއާއާ އެވެ. އަދި ދެ ވަނަ މެޗުގައި ބުދަ ދުވަހު ސްރީ ލަންކާއާ އެވެ. އެކަމަކު މިހާރު އޮތްގޮތުން ލީގު އުސޫލުން ކުޅޭގޮތަށް ބަދަލުކުރުމުން ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ވަރަށް ބޮޑަށް މުބާރާތުގެ އިންތިޒާމުތަކަށް ފާޑުކިޔައިފަ އެވެ. ސެގާޓް ސިފަކުރީ އިންޑިއާ އަށް ނުކުޅެވޭތީ އެހެން ޓީމުތަކުން ފައިދާނެގޭނެ ގޮތްތަކެއް ވިސްނައިގެން ކުރި ކަމެއްގެ ގޮތުގަ އެވެ.

"ކޮންމެ ގޮތެއްވިޔަސް އޮންނަން ޖެހޭ އުސޫލަކީ ޝެޑިއުލް ނެރެފައި ޓީމެއް ވަކިވެއްޖިއްޔާ އެ މެޗު އަނެއް ޓީމަށް ލިބޭނީ. އެހެންވީމަ އިންޑިއާ މެޗުން އަހަރެމެން މޮޅުވީ 3-0 އިން. އެ ގޮތަށް ބަލާފައި އަހަރެމެންނާ ލަންކާ ކުޅެން ޖެހޭނީ ގްރޫޕުގެ އެއް ވަނަ އަށް. އެކަމަކު އެހެނެއް ނޫން މިވީ. އިންޑިއާ ނުކުޅޭތީ ހުރިހާ ގެއްލުމެއް މި ލިބުނީ ކުޅެން އައި ޓީމުތަކަށް،" ހިތްހަމަނުޖެހިފައި ހުރެ ސެގާޓް ބުންޏެވެ.

ސެގާޓް ވަނީ މިސާލެއްގެ ގޮތުން އަންހެން ވޮލީ ޝެޑިއުލަށް ގެނައި ބަދަލު ދައްކައިފަ އެވެ. އެއީ އަންހެން ވޮލީގައި ރާއްޖެ އާއި ޕާކިސްތާން އަދި ލަންކާ އެއް ގްރޫޕެއްގައި ހިމެނުނުއިރު، ފަހު ވަގުތު ޕާކިސްތާން ވަނީ މުބާރާތުން ވަކިވެފަ އެވެ. ޕާކިސްތާން ވަކިވުމާ އެކު މުބާރާތުގެ ޝެޑިއުލް އެންމެ ފުރަތަމަ އޮތްގޮތަށް ކުރިއަށް ގެންގޮސް ޕާކިސްތާނާއި ދެކޮޅަށް ކުޅެން އޮތް މެޗު ރާއްޖެ އާއި ލަންކާ އަށް ލިބި ދެ ޓީމަށް ވެސް މެޗެއް ނުކުޅެ ސެމީ ކަށަވަރުވީ އެވެ.

"ކީއްވެ އެގޮތަށް (ވޮލީގެ ޝެޑިއުލްގައި އެ ދިޔަ ގޮތަށް) ފުޓްބޯޅައިގައި ނުވާންވީ. މީގެ އެނގޭ ކަމަކީ ރާއްޖެ އަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަން. މި މުބާރާތަށް ވެސް އައީ އެ ޓާގެޓާ އެކު. އެކަމަކު މީގެ ޝެޑިއުލް އޮތީކީ ވަކި ގޮތަކަށް ބައްޓަންވެފައި. ވަކި ބަޔަކަށް ރަނގަޅަށް ހެން ހީވަނީ. އެންމެ ބޮޑު ހައިރާންކަމެއް މި ލިބެނީ އިންޑިއާ ވަކިވީމަ ވަކި ގޮތްތަކެއް އަންނާތީ،" ސެގާޓް ބުންޏެވެ.

މިހާރު އޮތްގޮތުން މިއަދު ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު ދެ ވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހު ބޫޓާނާއި ކުޅުމަށް ފަހު ހުކުރު ދުވަހު ލީގު ބުރުގެ ފަހު މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި ގޮތަށް ބަލާނަމަ ރާއްޖޭން ފަސް ދުވަހު ތެރޭގައި ހަތަރު މެޗު ކުޅޭނެ އެވެ.

ސެގާޓް ބުނީ މިއީ ކުޅުންތެރިން ހަލާކުވާނެފަދަ ގޮތަކަށް ނެރެފައިވާ ޝެޑިއުލެއް ކަމަށާއި މި ގޮތަށް އޮއްވައި ކުރިއަށްދިއުމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމާނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ އަދިވެސް އެއް ފަހަރު ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

"އަހަންނަށް އެނގިފައިވާ ގޮތުގައި އިންޑިއާ އިން ބައިވެރިނުވީ ކްލަބްތަކުން ކުޅުންތެރިން ދޫކުރަން ބޭނުންނުވުމުން. އެއީ މިއީ ފީފާ ދުވަސްތަކުގައި ކުޅޭ މުބާރާތަކަށް ވެސް ނުވީމަ. އެކަމަކު މީގައި އޮތްގޮތުން އަހަރެން ބޭނުމެއް ނެތް މި 20 ކުޅުންތެރިން ހަލާކުކޮށްލަން. އެ މީހުންގެ ސިއްހަތާ މެދުވެސް ވިސްނަން ޖެހޭ. އަހަންނަށް އެނގިހުރެ އެ ކުޅުންތެރިންނަށް ގެއްލުންވާނެ ކަމެއް ކުރަން އުނދަގޫވާނެ،" ސެގާޓް ބުންޏެވެ.

ގޭމްސްގެ ޝެޑިއުލާ ބެހޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. ޖަވާޒް ވިދާޅުވީ މިކަމުގައި ރާއްޖޭން ހެދި ދެކޮޅު ހެދުންތަކަށް، ނޭޕާލުގެ އޮލިމްޕިކް ކޮމިޓީން ވެސް އަދި ނޭޕާލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ގައުމީ ކެޕްޓަން އަކޫ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ގޭމްސްގައި ވާދަކުރަނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އެކަމަކު ދޮށީ ތިން ކުޅުންތެރިއަކަށް ކުޅެވޭ ގޮތަށް އޮވެ އެވެ. ރާއްޖޭގެ ޓީމުން ސީނިއާ ކުޅުންތެރިންގެ ޖާގައިގައި ޖަހާފައިވާ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ ފުޓްބޯޅަ މުބާރާތެއް މި ގޮތަށް ނުކުޅެވޭނެ ކަމަށާއި ވަރުގަދަ މެޗުތަކެއް އެއް ދުވަހުން އެއް ދުވަހުން ކުޅުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"ހަގީގަތުގައި މައުލޫމާތެއް ވެސް ނުދޭ ރަނގަޅަކަށް. މިހެން ޝެޑިއުލް އޮއްވައި ކުޅެގެން ކުޅުންތެރިން ހަލާކުވާކަށް ބޭނުމެއް ނޫން. މި ޓީމުގައި މި ތިބީ ކްލަބްތަކުގެ މުހިއްމު ކުޅުންތެރިން. އެ ކުޅުންތެރިންނަށް ބޮޑު އަނިޔާއެއްވިއްޔާ ކްލަބްތަކުން އެފްއޭ ބޮލުގައި އެ ޒިންމާ އަޅުވާނީ. މީގެ ފެޑެރޭޝަނާ ވާހަކަ ދައްކާފައި ގޮތެއް ނިންމާނީ،" އަކޫ ބުންޏެވެ.

ގައުމީ ކޯޗު ސެގާޓް ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނަމުންދިޔައީ ކުރީގެ ޝެޑިއުލް އޮތްގޮތަށް ބަދަލުކުރުމަށެވެ. ޝެޑިއުލް މައްސަލައިގައި ގިނަ ޓީމުތަކުގެ ހިތްހަމަނުޖެހުން އޮތްއިރު، ދެން އެންމެ ބޮޑަށް ޝުއޫރުފާޅުކުރީ ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ އާއި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް ލަންކާގެ ކޯޗު ޕަކީރު އަލީ އެވެ.

ކުރިން ރާއްޖޭގައި ކުޅުމުގެ އިތުރުން ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި ޕަކީރު އަލީ ބުނީ އިންޑިއާ ވަކިވުމަކީ އޭގެ އަދަބު އެހެން ޓީމުތަކަށް ލިބެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ފުޓްބޯޅައިގައި ފެއާޕްލޭ އޮންނަނީ ދަނޑުމަތީގައި ހަމައެކަނި ކުޅޭ ވަގުތު އެކަންޏެއް ނޫން ކަމަށާއި ފެއާޕްލޭ އަކީ އިންތިޒާމުތަކުގައި ވެސް އޮންނަންޖެހޭ ކަމެއް ކަމަށެވެ.

"އަހަރެމެންނަށް ވެސް އެބަހުރި މި ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާން އުނދަގޫތަކެއް. އެކަމަކު މީގައި ގޮތެއް ނިންމާނީ ފެޑެރޭޝަނުން. އަހަންނަކީ ޓީމުގެ ކޯޗު ވީމަ އެވަރުގެ ނިންމުންތައް ނިންމަން އުނދަގޫވާނެ. އަހަރެމެން ވެސް ބޭނުންވަނީ ކުރިން އޮތް ޝެޑިއުލް. އެކަމަކު މިހާރު އޮތް ގޮތަށް ލީގު ބުރެއް ކުޅޭނަމަ ވެސް އެބަޖެހޭ ދެ ދުވަސް ވަރުގެ ވަގުތެއް އޮންނަން. އެހެންނޫނީ 20 ކުޅުންތެރިންގެ ބަދަލުގައި 30 ކުޅުންތެރިން ޖެހޭގޮތަށް އޮތް ނަމަވެސް މިކަން ވާނެ،" ޕަކީރު އަލީ ބުންޏެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު މި ފަހަރުގެ ގޭމްސްގެ އިންތިޒާމްތައް ދަށެވެ. ތަކުރާރުކޮށް އެކި ފަހަރު މަތިން ފަސްކުރަން ޖެހުނު މި ފަހަރުގެ ގޭމްސް ބާއްވަން ކަނޑައެޅި ތާރީހުގައި ފެށޭނެ ކަމާ މެދު ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ޝައްކު އުފެދިފަ އެވެ. ރަސްމީކޮށް ރޭ ގޭމްސް ފެށިއިރު، މި ގޭމްސްގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ފުޓްބޯޅައިގައި މި އޮތީ ބޮޑު ނުތަނަވަސްކަމެކެވެ. ގިނަ ޓީމުތަކުން އަދިވެސް އޮތީ ބައިވެރިވުމާއި ވަކިވުމާ މެދު ގޮތެއްނުނިމި އެވެ.

ރާއްޖެ އާއި ލަންކާ ކުޅެން އޮތް މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނަމަ މިއަދު ރާއްޖެ ގަޑިން 16:15 ގައި ފަށާނެ އެވެ.

8 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 9%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙްސެނު

03 December 2019

ބަަަސާމު ބޭރުކުރޭ

The name is already taken The name is available. Register?

ނަމާލް

02 December 2019

އަހަރުމެންގެ ޕްލެޔަރުން މިގޮތަށް ހަލާކުކުރުމުގެ އެއްވެސް ބޭނުމެއް ނެތް..އުއްމީދު ކުރަނީ ބައްސާމް ވަރުގަދަ ފިޔަވަޅު އަޅާނެކަމަށް

The name is already taken The name is available. Register?

އައްޔ

02 December 2019

ތިހުރިހާ ޓީމްތަކަކީވެސް ރާއްޖެއަށްވުރެ ރޭންކިންގަ ދަށް ތީމްތަކެއް. އެކަމު ސެގާޓް މިއުޅެނީ ބިރުން ހުންއަސްގެން

The name is already taken The name is available. Register?

ދައްސޫރަ

02 December 2019

ނުކުޅު ނަސް ނުކުޅު ނަސް ބަލިވާ ނީ

The name is already taken The name is available. Register?

އަސްލު ހަގީގަތް

02 December 2019

އަހަރެންނަކީ ސެގާޓުގެ ސަޕޯރޓަރެއް ނޫނަސް މިފަހަރު ސެގާޓް ދެއްކި ވާހަކަތަކަށް ތާއިދުކުރަން. 5 ދުވަހުން 4 މެޗު ކުޅެވޭ ފެންވަރެއްނެތް ޔޫރަޕުގެ ކުޅުންތެރިންގެ ގައިގަވެސް. ދެން ރާއްޖެޔަށް އަދި މާ އުނދަގޫވާނެ. މިއީ ނޭޕާލުން ރާވައިގެން ކޮށްފައިއޮތް ކަމެއް. ހަމަ ސީދާ ބޮޑު ޖަރީމާއެއް.

The name is already taken The name is available. Register?

ހަމަ ގޮތް

02 December 2019

އަސްލު ޖެހޭނީ ލަންކާ / މޯލްޑިވުސް އެއް މެޗް އުޅެފައި އެ ގުރޫޕް 1،2، ކަށަވަރު ކުރުމަށް ފަހު ސެމީ ފައިނަލަން ލަންކާ/ މޯލްޑިވުސް ކޮލިފައި ވާށެވެ. ސަބަބަކީ މުބާރާތް ފެށިފަހުން ގްރޫޕް ޓީމެއް ވަކިވުމާއި ގްރޫޕަކުން ސެމީއަށް ދާނީ ކުރިން އޮތް ގޮތުން( އިންޑިއާ ކުޅުނަސް) ދެ ޓީމު ކަމަށް ވާތީއެވެ.

The name is already taken The name is available. Register?

އިޙްސާސް

02 December 2019

މުބާރާތު ން ވަކިވޭ.

The name is already taken The name is available. Register?

އަޙްމަދު ޒަކީ

02 December 2019

ދެންކީވެ، ތި މުބާރާތް ތި ކުޅެނީ އަދިވެސް މުބާރާތުން ވަކިވެވޭނެ. ކުޅުންތެރިންނަށް ތިހާ ގެއްލުންވާ ކަމުގައިވަނީ ނަމަ، އެންމެ ރަނގަޅުގޮތަކީ، ތިޔަ މުބާރާތް ނުކުޅުން. އަހަރެމެން އަހަރެމެންނާ ނުވިސްނިވަރަކަށް އެހެންބަޔަކު އަހަރެމެންނާ މެދު ނުވިސްނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454