ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާއާ އެކު "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބޭއްވި ހަރަކާތުގައި، ކުރީގެ ރައީސް އަދި ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރު މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުން އެގާ އަށް ވެސް މިވަނީ ހައިރާންކަން ލިބިފަ އެވެ.
"ލިވަޕޫލަށް ސަޕޯޓްކުރާތާ ވަރަށް ގިނަ ޒަމާންތަކެއް ވެއްޖެ. އެގާ ވެސް އުފަންވުމުގެ މާ ކުރިން އެއީ. އެގާ އުފަންވީ 1984 ވަނަ އަހަރު. އަަހަރެން ލިވަޕޫލަށް ސަޕޯޓްކުރަން ފެށީ 1960 ގެ އަހަރުތަކުގެ ތެރޭގައި. އޭރު ޓީވީ އަކުން މެޗެއް ނުފެންނާނެ. ޖެހޭނީ ރޭޑިއޯ ކޮމެންޓަރީ އަޑުއަހަން،" އާދިއްތަ ދުވަހުގެރޭ ސޯލްޓް ކެފޭގައި އޮތް އިވެންޓުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ދެން ހަނދުމަފުޅު އާ ކުރެއްވީ ލިވަޕޫލުން 1990 ވަނަ އަހަރު ލީގު ކާމިޔާބުކުރުމަށް ފަހު ތަށި ދިފާއުކުރަން 1991 ވަނަ އަހަރު ލިބުނު ފުރުސަތު ގެއްލުމުގެ ހަނދާންތަކެވެ. އެ ފަހަރު ލީގުގެ ފަހު މެޗުގައި އާސެނަލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮއްވައި ލިވަޕޫލް ބަލިވީ 2-0 އިންނެވެ.
ލިވަޕޫލްގެ ސަޕޯޓަރުންގެ ގްރޫޕުގައި ރައީސް މައުމޫން އެކްޓިވްކޮށް އުޅުއްވާކަން ފާހަގަކުރައްވައި ލިވަޕޫލް ސަޕޯޓަރުންގެ ކްލަބްގެ ޗެއާޕާސަން ބައްސާމް ރަޝީދު ވަނީ އެގާ އަށް ވެސް ރައީސް މި ގްރޫޕްގައި ފާހަގަވެގެންދިޔަގޮތް ކިޔައިދީފަ އެވެ. އެގޮތުން ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުގައި ރައީސް މައުމޫންގެ ނަމުގައި ނަމްބަރެއް އިނުމުން ފުރަތަމަ ގިނަ ބަޔަކަށް ބެލެވުނީ އެއީ އެހެން މީހެއް ކަމަށެވެ. އެކަމަކު ފަހުން ރައީސްކަން އެނގުމާ އެކު ގިނަ ސަޕޯޓަރުންނަށް ލިބުނީ ހައިރާންކަން ކަމުގައި ބައްސާމް ބުންޏެވެ.
"ވައިބާ ގްރޫޕްގައި އެކްޓިވްވާން ފެށީމަ ގްރޫޕްގައި ތިބި މީހުން ރައީސް މައުމޫން ތޯ ޔަގީންކުރަން ބޭނުންވެގެން އެދުމުން ގްރޫޕަށް ފޮނުއްވީ ސެލްފީއެއް. އެ ހިސާބުން ގިނަ ސަޕޯޓަރުންނަށް ޔަގީންވީ އެއީ ރައީސް މައުމޫން ކަން،" ބައްސާމް ބުންޏެވެ.
ދިގު ތިރީސް އަހަރަށް ފަހު ލިވަޕޫލުން މި ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދުމާ ގާތުގައި އޮތްއިރު، ރައީސް މައުމޫންގެ ނަޒަރުގައި މިއީ ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް ވަރަށް ބޮޑު ފުރުސަތެއް އޮތް އަހަރެކެވެ. މިހާރު އޮތްގޮތުން ލީގުގައި ބާކީ އޮތް 11 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގު ޔަގީންކުރެވޭނެ އެވެ.
"މިއީ ލިވަޕޫލް ސަޕޯޓަރުންނަށް ވަރަށް ހާއްސަވާނެ ކާމިޔާބަކަށްވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ކްލަބް ސަޕޯޓަރުންގެ ބަޔަކު އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބޭއްވި މި ފުރަތަމަ އިވެންޓުގައި އެގާއާ ސުވާލުކުރުމުގެ ފުރުސަތު ލިބުމުން ލިވަޕޫލް ސަޕޯޓަރުންގެ އިތުރުން ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް ސުވާލުތަކެއް ކުރިމަތިވި އެވެ. ރައީސް އަރިހުގައި ދަރިކަލުން ފާރިސް މައުމޫން ވެސް ހުންނެވި އެވެ.
ރައީސް މައުމޫންގެ އެންމެ ބޮޑަށް ސުވާލުކުރެއްވީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބޭނުންކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އާ ބެހޭގޮތުންނެވެ. ރައީސް މައުމޫން ވިދާޅުވީ ވީއޭއާރްގެ ސަބަބުން ރެފްރީގެ ނިންމުންތަށް އިންސާފުވެރިވާ ކަމަށެވެ. އެކަމަކު ވާދަވެރި އެހެން ޓީމުތަކުން ދެކޭގޮތުގައި ވީއޭއާރްގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ލިވަޕޫލަށް ކަމަށެވެ. އަދި އެގާ އެކަމާ މެދު ދެކެނީ ކިހިނެއްތޯ އެއްސެވި އެވެ. އެގާ ބުނީ ވީއޭއާރް އަކީ ވަކި ހާއްސަ ނަޒަރަކުން އެއްވެސް ޓީމަކަށް ފައިދާކުރާނެ އެއްޗެއް ނޫން ކަމަށާއި އޭގެ ގެއްލުމާއި ފައިދާ ހުރިހާ ޓީމަކަށް އޮތީ އެއްވަރަށް ކަމަށެވެ.
ރައީސް މައުމޫން އެންމެ ޝައުގުވެރިވާ އެއް ކުޅިވަރަކީ ކްރިކެޓް އެވެ. އެގާ ގާތުގައި ރައީސް މައުމޫން ދެން ކުރެއްވި ސުވާލަކީ ޓެކްނޮލޮޖީގެ އެހީގައި ކްރިކެޓްގައި ވެސް ނިންމުންތައް ނިންމާއިރު ވީއޭއާރްގެ އެހީގައި މި ނިންމާ ނިންމުންތަކުގެ ސަބަބުން އެހާ ބޮޑު ދެބަސްވުންތަކެއް މި ފެންނަނީ ކީއްވެތޯ އެވެ.
އެގާ ބުނީ ފުޓްބޯޅަ އާއި ކްރިކެޓަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ކުޅިވަރެއް ކަމަށެވެ.
"ފުޓްބޯޅަ އަކީ ވަރަށް އަވަސް ގޭމެއް ކުޅޭ ކުޅިވަރެއް ކްރިކެޓާ އަޅާކިޔާއިރު. ކޮންމެ ފަހަރަކު ވީއޭއާރްގެ މަސައްކަތް ފަށާއިރު މެޗު އޮންނަނީ ހުއްޓާލާފައި. މީގެ ސަބަބުން މެޗުގައި ރަނގަޅަށް ކުޅެމުން އައި ޓީމުގެ އެ ރޫހަށް އަސަރުކުރޭ. ވީއޭއާރަކީ ސަޕޯޓަރުންނަށް ވެސް ރަނގަޅު އެއްޗެއް ނޫން. އުފާފާޅުކުރުމާއި އެހެން ކަންތައްތައް މަޑުޖައްސާލާފައި ތިބެން ޖެހެނީ ވީއޭއާރް އަށް ބަލަން. ބައެއް ފަހަރު ދެން ދެ ފަހަރު ވެސް އުފާފާޅުކުރަން އެބަ ލިބޭ،" ޑެންމާކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި އެގާ ބުންޏެވެ.
ލިވަޕޫލްގައި އެގާ ވަނީ ހަތަރު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. މައުމޫން ވަނީ އެގާ އަށް އެންމެ ކަމުދަނީ ކޮން ކޯޗެއް ތޯ ސުވާލުކުރުމުގެ އިތުރުން މިހާރުގެ ކޯޗު ޔާގެން ކްލޮޕްއާ އެހެން ކޯޗުންނާ ހުރި ތަފާތު ކިޔައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އެގާ ބުނީ އެކުގައި މަސައްކަތްކުރި ކޯޗުންގެ ތެރެއިން އޭނަ އަށް އެންމެ ކަމުދިޔަ ކޯޗަކީ ރަފައެލް ބެނިޓޭޒް ކަމަށެވެ. އެއީ އޭނާ ލިވަޕޫލަށް ގެންގޮސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ހެދުމަށް ބެނިޓޭޒް ކުޅުނު އިސް ރޯލުގެ ސަބަބުންނެވެ. އަދި މިހާރުގެ ކޯޗު ކްލޮޕް މުޅި ލިވަޕޫލް ބަދަލުކޮށްލާފައިވާ ކަން އެގާ ފާހަގަކުރި އެވެ.
"ކްލޮޕަކީ އާދަޔާހިލާފު ލީޑަރެއް. އޭނަ ކުޅުންތެރިންނަށް އިތުބާރުކުރޭ އެ ކުޅުންތެރިއަކު އަމިއްލަ ނަފްސަށް ކުރާ ވަރަށް ވުރެ ބޮޑަށް. ކުޅުންތެރިން އުއްމީދު ވެސް ނުކުރާ ވަރަކަށް އެ ކުޅުންތެރިންގެ ޕާފޯމެންސް ރަނގަޅުކޮށްދޭ ފެންވަރުގެ ކޯޗެއް ކްލޮޕަކީ. ލިވަޕޫލްގައި ކްލޮޕަށް އެންމެން އިހުތިރާމްކުރޭ. ކްލަބްގެ ކުޅުންތެރިންނާއި ސްޓާފުން ސަޕޯޓަރުން. އޭނާ އައިސް ބަދަލުކޮށްލީ މުޅި ކްލަބްގެ ވިސްނުން. އެކުގައި ތިބެފިނަމަ ނުވާނެ އެއް ކަމެއްވެސް ނެތްކަން އޭނަ އެ ދަނީ ސާބިތުކޮށްދެމުން،" އެގާ ބުންޏެވެ.
ފުޓްބޯޅައިން ރިޓަޔާކޮށް މިހާރު ޓެޓޫ ވިޔަފާރިތަކެއް ކުރަމުން އަންނަ އެގާ ވަނީ އަލުން ފުޓްބޯޅައިގެ ކޯޗިން ތެރެއިން މުސްތަގުބަލުގައި ފެންނާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ އެންމެ ފުޅާކޮށް ބޭރުގެ ކްލަބެއްގެ ސަޕޯޓަރުންގެ ގްރޫޕެއް ހިންގަމުން އަންނަ ލިވަޕޫލްގެ މި ގްރޫޕްގައި ރައީސް މައުމޫން ވަރަށް ހަރަކާތްތެރިކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ގޮތުން ރައީސް މައުމޫން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗު ގިނަ ސަޕޯޓަރުންތަކަކާ އެކު ބައްލަވާލައިފަ އެވެ.
އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް ވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) އެއީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި 1987 ވަނަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. އަދި ރާއްޖޭން ބޭރަށްދާ ފުޓްބޯޅަ ޓީމުތަކަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އެހީތަކެއް ވެދިނެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލް މެޗު ބައްލަވަން ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެން ހުންނެވި ނަމަވެސް 2009 ވަނަ އަހަރުގެ ފައިނަލް މެޗު ބައްލަވާލައްވަން ބަންގްލަދޭޝަށް ވެސް ވަޑައިގެންނެވި އެވެ.