އޭއެފްސީ ކަޕުގައި އިއްޔެ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވި އެއް ސަބަބަކީ ބަޝުންދުރާގެ އާޖެންޓީނާގެ ފޯވާޑް ހެނާން ބާކޯސްގެ ތަފާތު ކަމަށް ޓީސީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފި އެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 2012 ވަނަ އަހަރު ލިއޮނަލް މެސީއާ އެކު ކުޅެފައިވާ ބާކޯސް ގެނައީ މި މުބާރާތަށް ހާއްސަކޮށްގެން މަހަކު 20،000 ޑޮލަރުގެ މުސާރައަކަށް 10 މަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭނާ ވަނީ ބަޝުންދުރާ އަށް ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަތަރު ގޯލް ޖަހައިފަ އެވެ. އަނެއް ގޯލް ޖެހީ ބަޝުންދުރާގެ ކެޕްޓަން، ކޮސްޓާ ރީކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންޑްރެސް އެވެ.

ޝާޒްލީ ބުނީ މި ގްރޫޕުގެ އެހެން ޓީމުތަކާ ބަޝުންދުރާއާ ހުރި ތަފާތަކީ ބިދޭސީ ފޯވާޑްކަމަށް މެޗުގެ ކުރިން ވެސް ބުނެފައިވާނެ ކަމަށާއި އެކަން މެޗުގައި ފެނިގެން ދިޔަ ކަމަށެވެ. އަދި އޭނާ ހުއްޓުވަން ފަސޭހަނުވާނެ ކަން ވެސް އެނގޭ ކަމަށް ވެސް ޝާޒްލީ ބުންޏެވެ.

އެކަމަކު ޝާޒްލީ ބުނީ މެޗު އެނބުރިގެން ދިޔައީ ބަޝުންދުރާ 2-1 އިން ކުރީގައި އޮއްވާ މެޗު 2-2 އިން އެއްވަރުކުރަން ޓީސީ އަށް ލިބުނު ފުރުސަތު ގެއްލި އޭގެ ފަހުން ބަޝުންދުރާ އިން ޕެނަލްޓީ ކާމިޔާބުކޮށް 3-1 އަށް ނަތީޖާ ބަދަލުކުރުމުން ކަމަށެވެ.

އަދި އެ ހިސާބުން އޭނާ ވިސްނީ މަދުވެގެން ޕޮއިންޓެއް ހޯދުމަށްޓަކައި އޯލް އައުޓް އެޓޭކަށް އަރަން ކަމަށާއި އެ ރިސްކު ކާމިޔާނުބުވެ ބައިކޮޅަށް އިތުރު ގޯލްތަކެއް ވަނީ ކަމަށް ޝާޒްލީ ބުންޏެވެ.

"ބަޝުންދުރާ 2-1 އިން، 1-0 އިން، 3-1 އިން ނުވަތަ 5-1 އިން މޮޅުވިޔަސް އަހަންނަށް ތަފާތެއް ނޯންނާނެ. އެހެންވެ 3-1 އިން ބަޝުންދުރާ ކުރި ހޯދީމާ އަހަރެމެން ދެން ވިސްނީ ޕޮއިންޓެއް ހޯދަން. އެހެންވެ އަހަރެން ޑިފެންޑަރުން ކުރިއަށް ޖައްސައި ގޭމް ޗޭންޖްކޮށްލީ ޕޮއިންޓެއް ހޯދަން. އަހަރެން ގޭމް ޗޭންޖްކުރުމަކީ ރިސްކެއް. އެއާ އެކު ވެސް ތަފާތު ބޮޑުކޮށް ބަލިވި ސަބަބަކީ ބޭރު ކުޅުންތެރިޔާ އަކީ މޮޅު ކުޅުންތެރިޔަކަށް ވެފައި އޭނާ މޮޅަށް ކުޅުމުން،" ޝާޒްލީ ބުންޏެވެ.

ބާކޯސް އިސްކޮޅުން ދިގުވުމަކީ ޓީސީ އަށް ލިބުނު ޑިސްއެޑްވާންޓޭޖެއްތޯ ބަންގްލަދޭޝް ނޫސްވެރިޔަކު ސުވާލުކުރުމުން ޝާޒްލީ ބުނީ ތަފާތަކީ އޭނާގެ ފެންވަރު ކަމަށެވެ. އަދި ބާކޯސްގެ ވީޑިއޯތައް ބެލި ނަމަވެސް ބަޝުންދުރާއާ އެއްކޮށް އޭނާ މެޗެއް ކުޅެފައިނުވަތީވެ އެ ޓީމާ އެކު އޭނާގެ ކޮމްބިނޭޝަން ކުޅުން ހުންނާނެ ގޮތެއް ވަޒަންކުރަން ނޭގުން ޑިސްއެޑްވާންޓޭޖަކަށްވި ކަމަށް ޝާޒްލީ ބުންޏެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ ވަނީ ޗެންނާއީގައި ކުޅެ 2-2 އިން އެއްވަރުވެފަ އެވެ.