04 މެއި 2020 - 16:51
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ރީޖަނަލް އެސޯސިއޭޓް މެމްބާސް ބޯޑުގައި އޭޝިއާގެ އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރަކަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.
އޮންލައިން ވޯޓިން މަރުހަލާއެއްގެ ތެރެއިން ބޭއްވި މި އިންތިހާބުގައި އަފްލާހުގެ ނަން މި މަގާމަށް ނޮމިނޭޓްކުރީ އީރާނުންނެވެ. އޭނާއާ ވާދަކުރީ ސައުދީ އަރަބިއާ އިންނެވެ.
އަފްލާހު ވިދާޅުވީ އިތުރު ދެ އަހަރުގެ ދައުރަކަށް އޭނާ އަށް މި މަގާމް ލިބުމުން ދައްކުވައިދެނީ، މިދިޔަ ދައުރުގައި ކުރި މަސައްކަތް މެމްބަރުން ބަލައިގަތުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަފްލާހުގެ ދައުރަކީ އެސޯސިއޭޓް މެމްބަރުގެ އަޑު، ރީޖަނަލް އެސޯސިއޭޓް މެމްބާސް ބޯޑަށް ގެންގޮސްދިނުމެވެ. މި ބޯޑަށް ވުރެ މަތިން އެންމެ ފަހުގެ ނިންމުންތައް ނިންމާނީ ޗީފް އެގްޒެކެޓިވް ބޯޑުންނެވެ.
އަފްލާހު ތަމްސީލްކުރާ އެސޯސިއޭޓް މެމްބަރުންނަކީ، ފުލް މެމްބަރުން ފިޔަވައި ދެން ތިބޭ 16 މެމްބަރުންނެވެ. އޭޝިއާ އިން ފުލް މެމްބަރުންނަކީ އިންޑިއާ، ބަންގްލަދޭޝް، އަފްގާނިސްތާން، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ. އެ ގައުމުތަކުގެ މަންދޫބުން ޗީފް އެގްޒެކެޓިވް ބޯޑުގައި ހިމެނެ އެވެ.
ކްރިކެޓުގެ ބޯޑުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި އަފްލާހު، ކުރިން ވިދާޅުވެފައިވާ ގޮތުގައި އަބަދުވެސް ކްރިކެޓުގައި ވީހާ ވެސް ދުރަށް، ދުނިޔޭގެ އިދާރާތަކާ ހަމަޔަށް ދިއުމަށް ވިސްނާ ކަމަށާއި އެކަން މި ހާސިލްވީ ދުރާލާ ކުރި މަސައްކަތުން ކަމަށެވެ.
ރާއްޖޭން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުއްވި އަފްލާހް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކްރިކެޓް މިހާރު އޮތީ ވެސް އެހާ ދަށް ލެވެލެއްގައި ނޫން ކަމަށާއި އެކަމަކު އިތުރަށް ކުރިއަށް ގެންދަން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. މި މަގާމާ އެކު އެ މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީނި
05 May 2020
ކުރިކެޓު ކުޅޭ 100 ސަތޭކަ މީހުން މިތާނޫޅޭ .......
އަހައްމަދޫ
05 May 2020
މަރުހަބާ އަފޫ
ޝާޑު
04 May 2020
މަރުހަބާ.