ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާގެ ފިޓްނަސް ޕާޓްނަރެއްގެ ގޮތުގައި ބޮޑީޓެކް ޖިމް ހަމަޖައްސައިފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހެދި އެއްބަސްވުމާ އެކު މާޒިޔާގެ ޖިމް ސެޝަންތައް ކުރިއަށް ގެންދާނީ ބޮޑީޓެކް ޖިމްގަ އެވެ. މީގެ ކުރިން މާޒިޔާ އިން ޖިމް ސެޝަންތައް ކުރިއަށް ގެންދަމުން އައީ އެހެން ޓީމުތަކެކޭ އެއްގޮތަށް އެފްއޭއެމްގަ އެވެ. ވަކި ހާއްސަ ޖިމެއްގައި ފިޓްނަސް ސެޝަންތައް ކުރިއަށްގެންދަން ފުރުސަތު ލިބުމަކީ މާޒިޔާ އަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މާޒިޔާގެ ބޯޑު މެމްބަރު ހަސަން ޝިފާން ބުނީ ބޮޑީޓެކް އަކީ މި ވަގުތު މާލެ ސަރަހައްދަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅު އަދި ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ ޖިމެއް ކަމަށާއި އެ ފަދަ ވަސީލަތެއްގައި ތަމްރީންތައް ހެދުމުގެ ފައިދާ ޓީމަށް ކުރާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ބޮޑީފިޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މާޒިޔާގެ ޕާޓްނަރަކަށް ވީތީ،" ޝިފާން ބުންޏެވެ.

ބޮޑީޓެކްގެ މެނޭޖިން ޑިރެކްޓަރު މުސައިދު ވިދާޅުވީ މާޒިޔާ ފަދަ ކްލަބަކާ އެކީ މި ފަދަ އެއްބަސްވުމެއް ވެވުނީތީ ވަރަށް ބޮޑަށް އުފާކުރާކަމަށެވެ.

"މި އެއްބަސްވުމަކީ ދެ ފަރާތަށް ވެސް ފައިދާވާނެ އެއްބަސްވުމެއް. މާޒިޔާގެ ޕާޓްނަރަކަށް މިވީ މާޒިޔާ އަކީ މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގާ ކްލަބަށްވެފައި އެ ކްލަބަކީ ގިނަ ބަޔެއްގެ މަގުބޫލު ކްލަބަކަށްވާތީ،" މުސައިދު ވިދާޅުވި އެވެ.

މި އެއްބަސްވުމާ އެކު މާޒިޔާގެ ޓްރެއިނިން ކިޓްގައި ބޮޑީޓެކްގެ އިސްތިހާރު ކުރާނެ އެވެ. މާޒިޔާ ޖޯޒީގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.

އަންނަ މަހު ކުރީކޮޅުގައި މާޒިޔާ އިން އާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އާ އެކު ޓްރެއިނިންތައް ފަށާނެ އެވެ. މާޒިޔާ އިން އަވަހަށް ޓްރެއިނިންތައް ފަށަނީ އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ކުރިއަށްގެންދަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. މާޒިޔާގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވަނީ ޑިސެމްބަރު މަހުގަ އެވެ. މިހާރު އޮތްގޮތުން ސީޒަން ހުޅުވާ މެޗު ކުޅޭނީ ޑިސެމްބަރު އަށް ވަނަ ދުވަހުގަ އެވެ.