ކުރިއަށް ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމާފައިވީ ނަމަވެސް އެ ނިންމުން ބަދަލުކޮށް ބިދޭސީ ގޯލްކީޕަރުން ގެނެވޭތޯ މަސައްކަތްކުރުމުގެ ވިސްނުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ އެބަހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން އެންމެ ފުރަތަމަ ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭގޮތަށް ހަދަން ނިންމައިފަ އެވެ. އެކަމަކު މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.
އެކަމަކު ދާދި ފަހުން އެފްއޭއެމުން ވަނީ ކްލަބްތަކުން އެދޭނަމަ ބިދޭސީ ކީޕަރުން ނުނެގެނެވޭ ގަވާއިދަށް ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތަކުން މިހާރު އަންނަނީ ބިދޭސީ ކީޕަރުންނާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި ބައެއް ކްލަބްތަކުން ވަނީ ކީޕަރުންނާ އެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ ޓީމުތަކުގެ ގޯލުން އަންނަ ސީޒަނުގައި ވެސް ފެންނާނީ ބިދޭސީ ކީޕަރުންނަށް ވުމުގެ ފުރުސަތު ބޮޑެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ބިދޭސީ ކީޕަރުންނަށް ކުޅެވޭގޮތް ހަދަން ހުރިހާ ކަމެއް އަދިވެސް އެއްކޮށް ފައިނަލްވެފައިނުވާ ކަމަށާއި އެކަމަކު އެންމެ އަވަހަށް އޮންނަ އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި އެކަމަށް ފައިނަލް ގޮތެއް ނިމިގެންދާނެ ކަމަށެވެ.
އެފްއޭއެމުން ބޭއްވި "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި މިދިޔަ މެއި މަހު ވާހަކަ ދައްކަމުން މަޝްހޫރު ދެ ކޯޗުން ކަމަށްވާ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އަލީ ސުޒޭން ވަނީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފެށުން ފަސްކުރަން ފެންނަ ކަމަށް ބުނެފަ އެވެ. އެއީ އަދި ހާލަތު އޮތްގޮތުން ކޮންމެ ޓީމެއްގައި ދިވެހި ކީޕަރުން ބެހެއްޓޭނެ ގޮތެއް ނެތް ކަމަށާއި އޭއެފްސީ ކަޕް ފަދަ މުބާރާތްތަކަށް ބޮޑު ހަރަދެއް ކޮށްގެން ނުކުންނައިރު ކްލަބްތަކަށް ފައިދާ ބޮޑު ގޮތަކަށް ބަލާނަމަ ރަނގަޅީ ބިދޭސީ ކީޕަރެއް ގޮވައިގެން ކުރިއަށް ދިއުން ކަމަށް ފެންނާތީ އެވެ. އަދި ދިވެހި ކީޕަރުންނަށް އެކަނި ފުރުސަތު ލިބޭ ގޮތަށް ހެދޭނީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ގިނަ ދިވެހި ކީޕަރުންތަކެއް ނެރެގެންކަމަށް ވެސް ކޯޗުން ގަބޫލުކުރެ އެވެ.
ރާއްޖޭގެ ލޯކަލް ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. މިދިޔަ ދެ އަހަރު ލީގު އެކަނި ބޭއްވި ނަމަވެސް އަންނަ ސީޒަނުގެ ޝެޑިއުލް ހަދާނީ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ފުރިހަމަކުރެވޭގޮތަށް ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.