ކުޅިވަރު / މާޒިޔާ ސ.ރ.ކ

މާޒިޔާގެ ކުރީގެ ކޯޗު ސެކުލޮސްކީ މެސެޑޯނިއާ ޓީމަކާ ހަވާލުވެއްޖެ

މާޒިޔާގެ ކުރީގެ ކޯޗު ސެކުލޮސްކީ: އޭނާ ވަނީ މެސެޑޯނިއާގެ ކްލަބަކާ ގުޅިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އަށް މިދިޔަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު މަރުޖާން ސެކުލޮސްކީ އޭނާގެ އުފަން ގައުމު މެސެޑޯނިއާގެ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އެފްކޭ ބްރިގަލްނިކާ ސްޓިޕްއާ ހަވާލުވެއްޖެ އެވެ.

މާޒިޔާ އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ސެކުލޮސްކީ ދެ ފަހަރު ވެސް އެ ޓީމު ދޫކޮށްލީ ކޮންޓްރެކްޓް ހަމަވުމުންނެވެ. އެ ގޮތުން 2017 ވަނަ އަހަރު އެންމެ ފުރަތަމަ މާޒިޔާއާ ހަވާލުވެ އެ ޓީމަށް އެ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

ފަހުން މިދިޔަ އަހަރު އަލުން މާޒިޔާއާ ހަވާލުވެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން އޭނާ ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު ކަޓުވާލުމަށް ފަހު މާޒިޔާ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިކޮށްދީފަ އެވެ. ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން އޮތީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނަައަޅައި ދިއުމަށް ވަރަށް ބޮޑަށް އަމާޒުހިފައިފަ އެވެ. ފަހުން ކޮވިޑް-19އާ ހެދި އޭއެފްސީ ކަޕް ކެންސަލްކުރީ އެވެ.

އުމުރުން 47 އަހަރުގެ ސެކުލޮސްކީ އަށް ބްރިގަލްނިކާ އިން ކޮންޓްރެކްޓް ދިނީ 2022 އާ ހަމައަށެވެ. އެ އެއްބަސްވުމުގައި ވަނީ ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް މާއްދާއެއް ހިމަނައިފަ އެވެ. ކޮވިޑާ ހެދި މެސެޑޯނިއާ އާއި ރާއްޖެ ލޮކްޑައުންއެއްގައި އޮތުމުން ރާއްޖޭގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުނުއިރު، ސެކުލޮސްކީ އޭރު "މިހާރު" އަށް ބުނީ ކޮވިޑްގެ ހާލަތު އޮތްގޮތުން މާޒިޔާ އަށް ފަހު ދެން އޭނާ ހަވާލުވާ ވަޒީފާއެއް ބޮޑަށް ބައްޓަންވާނީ އާއިލާ އަށް ވަގުތު ދެވޭ ގޮތަކަށް ކަމަށެވެ. އެކަމަކު ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާ ގޮތާއި ހުށަހެޅުން ލިބޭނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށާއި އެކަންކަމަށް ބަލާއިރު އެ ވިސްނުން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.

ބްރިގަލްނިކާގެ ވެރިޔާ ކިރިލް ގޯގޯވް ބުނީ ސެކުލޮސްކީ އަކީ މެސެޑޯނިއާގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބެލިޔަަސް ތަޖުރިބާ ބޮޑު އަދި ކާމިޔާބު ކޯޗެއް ކަމަށާއި ބްރިގަލްނިކާ ބޭނުންވާ މިސްރާބަށް ސެކުލޮސްކީގެ ކޯޗުކަމުގައި ދެވޭބެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ ކުރިން ސެކުލޮސްކީ ވަނީ މެސެޑޯނިއާގެ ބައެއް ކްލަބްތައް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން އެހީތެރިވެދީފަ އެވެ. ކިރިލް ބުނީ އުއްމީދަކީ ބްރިގަލްނިކާގައި ވެސް ސެކުލޮސްކީ އެ ފަދަ މަސައްކަތެއް ކުރުން ކަމަށެވެ.

މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވާއިރު އޭނާ ވަނީ 2012 ވަނަ އަހަރު އެ ގައުމުގެ ޕެލިސްޓާ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދީފަ އެވެ. ސެކުލޮސްކީ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.

ސެކުލޮސްކީގެ ކޯޗުކަމުގެ ދަށުން މިޔަންމާގެ ޓީމުތައް ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. އެ ގޮތުން ޔަންގޮން ޔުނައިޓެޑުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ދެކޮޅަށް ކުޅުނުއިރު 2015 ވަނަ އަހަރު ސެކުލޮސްކީ ކޯޗުކޮށްދިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް، ސެކުލޮސްކީގެ އަޔެޔަވާދީ ނުކުތެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ސެކުލޮސްކީ ވަނީ ހަ މެޗުގައި ކޯޗުކޮށްދީފަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަކަލި

11 November 2020

މީނަ އަށް ހެޔޮއެދޭ މީހަކު ނެތްތަ މީނަޔަށް ކޮމެންޓެއް ކޮށްލާނެ މީހަކު މިގައުމުގައި ނެތްތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454