20 މާޗް 2021 - 14:09
ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އޭގެ ސަބަބުން ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލިއިރު، ހާއްސަ ގައިޑްލައިނެއްގެ ދަށުން ކުޅެމުން އައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ގިނަ މަޝްވަރާތަކެއްކޮށް އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ވަނީ ކްލަަބްތަކުން ފަރިތަކުރުންތައް ފަށައިފަ އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިގޮތަށް ހުއްޓާލާފައި އޮންނަން ޖެހޭތީ ޖުމްލަކޮށް ހުރިހާ ކުޅިވަރަަކަށް ވެސް ގެއްލުންވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ކުޅިވަރުތައް ފެއްޓޭތޯ ޔޫތު މިނިސްޓްރީން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމަށް ފަހު ފުޓްބޯޅައިގެ އިތުރުން އެހެން ހުރިހާ ކުޅިވަރެއް ފަށަން ހުއްދަ ލިބޭތޯ ކުރެވުނު މަސައްކަތުގައި ގޮތެއް ކަނޑައަޅަން އޮއްވައި ބުރާސްފަތި ދުވަހު ކޮވިޑް ކޭސްތައް އިތުރުވުމާ އެކު ކަންތައްތައް އަނެއްކާ ވެސް މަޑުޖެހުނީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މި ގޮތަށް ކުޅިވަރުތައް ހުއްޓާލާފައި އޮތުމުން ހަގީގަތުގައި އެންމެ ގެއްލުންވާނީ ފުޓްބޯޅަ އަށް ކަމަށެވެ. އެއީ އެހެން ކުޅިވަރުތަކަށް ބުނެވޭ ދެރަބަހެއް ނޫން ކަމަށާއި ފުޓްބޯޅަ އަށް ލިބޭ ގެއްލުން ބޮޑު ކަމަށް ބުނަން ޖެހޭ ސަބަބަކީ ފުޓްބޯޅަ ކްލަބްތަކުން ކުރާ ހަރަދުތައް އެހެން ކުޅިވަރުތަކަށް ވުރެ އެތައް ގުނައެއް އިތުރުވުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދެން ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ހަރަދެއް ކްލަބްތަކުން މުބާރާތަކަށް ކުރާނެ ބަޔަކީ ފުޓްބޯޅަ. އެހެންވެ ފުޓްބޯޅަ އަށް ގެއްލުންވަނީ. ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕްގެ މެޗުތައް ވެސް އެބައޮތް ވަރަށް އަވަހަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އީގަލްސްގެ މެޗު އެބައޮތް އަންނަ މަހު ހަތް ވަނަ ދުވަހު،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހަައްދުގެ އެހެން ގައުމުތަކުގެ ލީގުތައް އަންނަނީ ކުޅެމުންނެވެ. ރާއްޖޭގެ ޓީމުތަކުން މި ވަގުތު ހަމައެކަނި ކުރަނީ ޕްރެކްޓިހެވެ. މަހުލޫފް ވިދާޅުވީ މި ގޮތަށް ޕްރެކްޓިސްތަކެއް ކޮށްގެން ސީދާ މެޗަށް ނުކުމެގެން ބައިނަލްއަގުވާމީ ލެވަލްގެ މެޗުތަކުގައި ނަތީޖާ ނެރުންވާނީ ވަރަށް އުނދަގޫކަމަކަށް ކަމަށާއި އެ ސަބަބަށްޓަކައި އެކަނި ވިސްނާލިޔަސް މީގެ ވީ އެންމެ އަވަހަކަށް ލީގު ފެށުން މުހިއްމު ކަމަށެވެ.
މި މަހު 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ކޮންމެ ޓީމެއް ވެސް ވަނީ އިތުރު ކުޅުންތެރިންތަކެއް ހޯދައި ޓީމު ވަރުގަދަކޮށްފަ އެވެ. ކްލަބްތަކުން ގެނައި ކުޅުންތެރިންގެ ބޮޑު ނިސްބަތަކީ ބިދޭސީ ކުޅުންތެރިންނެވެ.
"ޓީމުތައް ވަރުގަދަކުރަން ކުރި މަސައްކަތަށް އެޅިފައި އޮތް ހިޔަންޏަކީ ލީގު ނުފެށުން. އެހެންވެ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ވީ އެންމެ އަވަހަށް ލީގު ފެށުމަކީ،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. "އެއީ ލީގު މެޗުތަކެއް ބަރާބަރަށް ކުޅެމުން އައިސް އިންޓަނޭޝަނަލް މެޗަކަށް ނުކުންނަ ޓީމަކާއި ޕްރެކްޓިސް ގިނައިން ކޮށްގެން މެޗުތަކަކަށް ނުކުންނަ ޓީމަކާ ވަރަށް ބޮޑު ތަފާތެއް ހުންނާނެ،"
މިނިސްޓަރު ވިދާޅުވީ މީގެ ކަންތައްތައް ނިންމުމުގެ ބާރު އޮތީ އެޗްޕީއޭ އަތުގައި ކަމަށާއި އެޗްޕީއޭ އިން ކަންތައްތައް ނިންމާއިރު އެ މީހުން ބަލަންޖެހޭ ކަމަކީ ކޮވިޑް އިތުރަށް ފެތުރުނަނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން ކަމަށެވެ. އެކަން އެގޮތަށް ކުރަން ޖެހޭނެކަމަށް އެއްބަސްވާ ކަމަށާއި އެކަމަކު ކުޅިވަރުގެ ހައްގުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަންޑަސްޓޭންޑް ވޭ އެކަން (އެޗްޕީއޭގެ ޒިންމާ). އެކަމު އަޅުގަނޑާ ހަވާލުވެފައި އޮތް ޒިންމާ އަށް ފައިޓް ކުރުން ވެސް އެއީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގައި ފުޓްބޯޅަ ލީގުތައް އެބަ ކުޅޭ. އެހެން ގޮސްފައި ހަމައެކަނި ރާއްޖޭގައި ނުކުޅޭތީ ކަންނޭނގެ ތަންކޮޅެއް ބޮޑަކަށް ނޫން ވަރަށް ބޮޑު އުނދަގުލަކަށްވާނެ ކްލަބްތަކާއި ކުޅުންތެރިންނަށް. އަޅުގަނޑުގެ އެދުމަކީ ވީ އެންމެ އަވަހަށް ލީގު ފެށުން،"
ލީގު އަލުން ފަށަން އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ މާދަމާ އެވެ. އެކަމަކު އެ ތާރީހު އަނެއްކާ ވެސް މި ވަނީ ފަސްވެފަ އެވެ. އެނގިފައިވާ ގޮތުގައި ލީގު ފެށުމާ މެދު ގޮތެއް ނިންމަން މިހާރު ކަނޑައަޅާފައިވަނީ މާދަމާ އެވެ. ކްލަބްތަކާއި ކުޅުންތެރިންގެ ކަންބޮޑުވުމަކީ ލީގު ފެށުމަށް މަޝްވަރާތައް ދިގުލައިގެން ގޮސް އަނެއްކާ ވެސް އިތުރު ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރެ މެޗު ފިޓްނަސް ގެއްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗުން ބެލެނިވެރިން
21 March 2021
ބާސްކެޓް ކުޅިވަރައް ލިބޭ ބޮޑު ގެންލުން ވެސް ބަލާލަ ދިނުން އެދެން
ސަންތި
20 March 2021
ނިއުރޭޑިޔަންޓް ފުޑާލި މީހުންނޭ މި ފޮނައަރުވަނި އިރު އިރު ކޮޅާ ޓީވީއަށް އަރާ ކޮންމެވެސް ހަމަ ނުޖެހޭ ވާހަކަ އެއް ދެށްކޭތޯ ބަލާތި.
ދޫނި
20 March 2021
މަހުލޫފަކީ ވަރަށް އެކުޓް ބޮނޑް މީހެއް. އެކަން އެގޭނެ ސޯސަލު މީޑިޔާ ބަލާލީމަ.
މޯޑް
20 March 2021
ގެއްލުންވޭ ކެފޭ ތަކާއި ފިހާރަތަކާއި އާމްރަށްއިތުން ކާންބޯން ކުރާ އެތަށް މަސައްކަތަކަށް. ކީއްވެ އެވާހަކަ ނުދަށްކަނި. އަހަރަމެންނަށް ހެޔޮ ބޯޅަ ދުވަހަކު ނުކުޅުނަސް
އާރީ
20 March 2021
ގެއްލުންވާ ނަމަ މިލިޔަނުން ކުލަބުތައް ހަރަދެއް ނުކުރާނެ. ހަމަ ޖެހޭ ވާހަކަ ދަށްކަބަލަ
ސައްދާމު ހުސޭންބެ
20 March 2021
ގެއްލުވާކަމެއްނޭންގޭ. ދުނިޔޭގެ ކޮންމެތާކު ކޮންމެކުލައެއްގެ މީހަކުހުއްޓަސް ކުލަބުތަކަށް ފަތުއަޑުކިޔާފާ އެހެރަގެންނަނީ.
1235
20 March 2021
އެބުނާހެން