ކުޅިވަރު / މީހުން

ފާތުން: އަނދިރި ދުނިޔެއްގައި، އެކަމަކު ހުސް ކާމިޔާބު!

އޮލިމްޕިކްސްގެ ޕެރަ ކެޓަގަރީ، ޕެރަލިމްޕިކްސްގައި ދިވެހިން ފަޚުރުވެރިކޮށްދިނީ އޭނާ. ލޮލަށް ނުފެނުނަސް، ޒުވާނާ މިހާރު އެހުރީ އެހެން ދިވެހިންނަށް އަތުލެވޭ ވަރަށް ވުރެ މާ ދުރުގައި، ކާމިޔާބުގެ ތެރޭގައި.

އަހަރެމެންނަށް މި ފެންނަ ކުލަ ދުނިޔެ ފާތިމަތު އިބްރާހީމަށް މިހާރު އެއްގޮތަކަށް ވެސް ނުފެނެ އެވެ. ފެނުނުއިރު ވެސް، އޭނާ އަށް ދުނިޔެ ފެނުނީ ގަދަ އަލީގައި ފަނޑުފަނޑުކޮށެވެ. ލޮލުގެ ބައްޔެއްގެ ސަބަބުން، އޭރު ލޮލުން ކަރުނަ ހުސްނުވެ އެވެ. އެ ބަލީގައި ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ.

އެކަމަކު، އޮގަސްޓް މަހު ޖަޕާންގައި ނިމިގެން ދިޔަ އޮލިމްޕިކްސްގެ ޕެރަ ކެޓަގަރީ، ޕެރަލިމްޕިކްސްގައި ދިވެހިން ފަޚުރުވެރިކޮށްދިނީ އޭނާ އެވެ. ލޮލަށް ނުފެނުނަސް، ޅ. ހިންނަވަރަށް އުފަން 30 އަހަރުގެ އެ ޒުވާނާ މިހާރު އެހުރީ އެހެން ދިވެހިންނަށް އަތުލެވޭ ވަރަށް ވުރެ މާ ދުރުގައި، ކާމިޔާބުގެ ތެރޭގަ އެވެ.

ދިވެހި ފުރަތަމަ ޕެރަލިމްޕިކް އެތުލީޓުންގެ ތެރޭގައި ހިމެނުމަކީ ކުޑަ ޝަރަފެއް ނޫނެވެ. ގައުމީ ދިދަ ހިފައިގެން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އިވެންޓްގައި ފާތުން ދުވެފި އެވެ. ވަރަށް ބާރަށެވެ. ފުރަތަމަ ފަހަރަށް ޕެރަލިމްޕިކުގައި ދިވެހިން ވާދަކޮށް، ފުރިހަމަ ވަގުތުގެ ތެރޭގައި ރޭހެއް ނިންމި ފުރުތަމަ ދިވެއްސަކީ އޭނާ އެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރި އިންސާނުންނަށް ވެސް ހާސިލު ނުކުރެވި ހުރި ކާމިޔާބާއި ވަނަތައް ފާތުން ހާސިލު ކުރި އެވެ.

ކުލަނެތް ދުނިޔެއެއްގައި: ހިތްދަތި ތަޖުރިބާތަކެއް!

ފާތުން އުފަންވީ ފަނޑުފަނޑުކޮށް މަންޒަރު ފެނުނު ދުނިޔެއަކަށެވެ. އެ ހާލަތު އިތުރަށް ގޯސްވީ ގްރޭޑް 3 ގައި ކިޔަވަމުން ދަނިކޮށް އެހެން ކުއްޖަކު އޭނާގެ ލޮލަށް ފަންސުރު ކޮށްޕާލުމުންނެވެ. އެއީ އޭނާގެ ލޮލަށް ލިބުނު އިތުރު ގެއްލުމެކެވެ. ވަރަށް ބޮޑު ވޭނަކަށް ވި ކަމެކެވެ.

ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރަކީ އެތައް އުނދަގޫތަކެއް އޭނާ ތަހަންމަލު ކުރި ދުވަސްވަރެކެވެ. ބައެއް ކުދިން އޭނާއާ އެކު އުޅޭކަށް އެ ކުދިންގެ މައިންބަފައިން ގަބޫލެއް ނުވެ އެވެ. އެ ހުރިހާ ހާލަތެއްގައި މާޔޫސްވެ މޮޅިން އޭނާ އަށް ރޮވެއެވެ. ދެން އޭނާ އަށް ކުރިމަތިވީ މާ އުނދަގޫ ވޭނެކެވެ.

"ގްރޭޑް 9 އަކަށް ދިޔަތަނާ ކަހަލަ ގޮތަކަށް މުޅި މީހާ އަކުނިވަޔަށް ދަމާ ކަހަލަގޮތަކަށް ފިޓް ޖެހިފައި އޮންނަނީ. އޭރު ޑިޕްރެޝަން ވެސް ހުރޭ. އެންޒައިޓީ ހުރޭ. ބައިޕޯލާ ޑިސްއޯޑާ ހުރޭ،" ހިތްދަތި ކަމާއެކު ފާތުން ކިޔައިދިނެވެ.

"އަސްލު ވާގޮތް ފަހުން މި އެނގެނީ. ވާގޮތަކީ ސިކުނޑި އަށް އޯވާލޯޑް ވަނީ ޑިޕްރެޝަންގެ ކަންކަން އެތެރޭގައި ފޮރުވައިގެން އުޅެއުޅެ. ކޮންޓްރޯލް ނުވެގެން ދުވަސްކޮޅަކަށް މީހާ ޝަޓުޑައުން ކޮށްލަނީ."

އޭރު އޭނާ އަށް އެހެން ދިމާވަނީ ވިއްސާރަވެ ފިނިގދަ ދުވަސްވަރުގަ އެވެ. ފާތުންގެ ހަޔާތުގައި އެހީތެރިޔެއްގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ދުވަސްވަރަކީ ވިއްސާރަ މޫސުމެވެ. އެ މޫސުމުގައި ދުނިޔެ ބަނަކޮށް އަނދިރިކޮށްލާހެން އޭނާ އަށް އޭރު ފެންނަމުން ދިޔަ ފަނޑު ދުނިޔެ އެއްކޮށް އަނދިރިކޮށްލާތީ އެވެ.

"ވިއްސާރަ ވެހޭ ދުވަސްވަރު ކްލާހުގައި ތިބޭ ކުދިން ބުނާނެ މިއަދު މީނަ ގޮވައިގެންދޯއޭ ދާން ޖެހޭނީ." ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ކިޔެވި ފާތުން ބުންޏެވެ.

އެއީ ޖެއްސުމަށް ބުނެފައި ހުރި ވާހަކަތަކެކެވެ. އޭގެ ސަބަބުން ފާތުންނަށް އަސަރު ކުރުވަ އެވެ. ހިތުގައި އެ ފަދަ ބަސްތައް ކަނޑައި ނެގިފައި އެބަހުއްޓެވެ. އެކަމަކު ހިތްތިރި ފާތުންގެ ހިތުގައި އެއްވެސް މީހަކަށް ހިތްބަރު ކަމެއް ނެތެވެ. މައްސަލައަކީ އެފަދަ ބައެއް މީހުންގެ ދުނިޔޭގައި ފާތުން ގެންގުޅެން އެމީހުން ބޭނުން ނުވުމެވެ.

ފާތުން (ވ) އާއި އޭނާގެ ގައިޑް ރަނާ ރަބާ

އެކަމަކު ވެސް، ފާތުންގެ ހަޔާތަކީ ކާމިޔާބު ހަޔާތެކެވެ. ނުކުޅެދޭ ކުދިންނަށް ކިޔެވޭނެ މާފަހި ފުރުސަތެއް ނެތް ދުވަސްވަރެއްގައި ވެސް އޭނާ އަށް ކިޔެވުނެވެ. އޯ ލެވެލް އިމްތިހާނުން ފާސްވެ އޭ ލެވަލް އެންޓްރީ އަށް ޝަރުތު ހަމަވާވަރުގެ ނަތީޖާއެއް އޭނާ ނެރުނެވެ.

"ފާތުން އޯ ލެވެލް އިމްތިހާނުގައި ބައިވެރި ނުކުރަން ވެސް އުޅުނު. އެކަމަކު މަންމަ އެޑިއުކޭޝަނަށް ސިޓީ ލިޔެގެން ވަރަށް މަސައްކަތުން އެކަންވީ. އޭރަކީ މިހާރު އޮންނަ ގޮތަށް ސެން ޓީޗަރުން ސްކޫލްތަކުގައި ތިބޭ ދުވަސްވަރެއް ނޫން. އެހާ ހޭލުންތެރިކަން ކުޑަ ދުވަސްވަރެއް،" ފާތުން ކިޔައިދިނެވެ.

ފާތުން ރޭހަށް ނުކުނަން ތައްޔާރު ވަނީ

ދިރިއުޅުމުގައި ހުސް ކާމިޔާބު

މިހާރު އެމްޓީޑީސީގެ ކަސްޓަމާ ރިލޭޝަން އޮފިސާގެ މަގާމު މަސައްކަތް ކުރަމުން ކޮންމެ ދުވަހަކު ޕްރެކްޓިސްއަށް ދަމުން އެކިދުވަސްވަރު އިންޓަނޭޝަނަލް ރޭސްތަކުގައި ވާދަ ކުރަމުން ފާތުން ކުރިއަށްދަނީ ކުޅެދޭ މީހަކަށް ވެރެ މުރާލިވެ ހަރަކާތްތެރި ކޮށެވެ.

ދުވުން އެކަންޏެއް ނޫނެވެ. އޭނާ އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ ދިވެހި ރެޑް ކްރޮސެންޓްގެ އެންމެ ހީވާގި ވޮލެންޓިއަރެވެ. ލޯފަން ކުދިންގެ ޖަމިއްޔާ ބްލައިންޑް އެސޯސިއޭޝަންގެ އެކްޓިވް މެންބަރެކެވެ. އެތުލީޓެކެވެ. ރެހެންދި އެވޯޑް ވިނާއެކެވެ. އާންމު މީހެއްގެ ހަޔާތަށް ވުރެ ފާތުން ހާސިލުކޮށްފައިވާ ކާމިޔާބު ބޮޑެވެ. އޭނާގެ ހިދުމަތުގެ ސީވީ ދިގެވެ.

ދުވުމުގެ ތެރެއަށް ފާތުން އަށް ވަދެވުނީ ބީއެމްއެލްއިން 2016 ގައި ބޭއްވި ޗެރިޓީ ރަންއެއްގެ ތެރެއިންނެވެ. ބްލައިންޑް އެސޯސިއޭޝަނުން ބައިވެރި ފަސް ކުދިންގެ ތެރެއިން ފަސް ކިލޯ މީޓަރުގެ މެރަތަންއެއް ފުރިހަމަ ކުރާ ކޮންމެ ދުވުންތެރިޔަކަށް 20،000ރ. ދޭން ބޭންކުން ހުށަހެޅި އެވެ. އެ ރޭހުގައި ފާތުން އަށް ކުރިމަތިވީ މާ އުނދަގޫ ޗެލެންޖެކެވެ. އޭނާ ޑިސްކޮލިފައި ނުވީ ކިރިޔާ އެވެ.

"ކަށިގަނޑު ފުމެލީމަ ދުއްވައިގަތް ތަނުން ކައިރީގައި ހުރި އެހީތެރިޔާ ދޫވެގެން ހިނގައްޖެ. ދެން ދައްތައާއެކު ހިނގަމުން ދުވަމުން އައިސް ފުރަތަމަ ވޯޓާ ސްޕޮޓް (ފެން ބޯން މަޑުކުރާ ޕޮއިންޓް) ކައިރީގައި ހުރި އެހީތެރިޔެއް ނަގައިގެން ފުރަތަމަ ފައިވްކޭ ރޭސް ފުރިހަމަ ކުރީ،" އޭގެ ފަހުން އެމްއެންޑީއެފްހެ އަހަރީ ދުވަހުގައި ބޭއްވި ދުވުމެއްގައި 200 މީޓަރުން އެއް ވަނަ ހޯދި، ފާތުން އޭނާގެ ދުވުމުގެ ފުރަތަމަ ތަޖުރިބާ ކިޔައިދިނެވެ.

"އެމްއެންޑީއެފްގެ ރޭހުން އެއްވަނަ ލިބުނީމަ އެނގިއްޖެ މިއީ ކުރެވޭނެ ކަމެއްކަން،" އޭނާ ބުންޏެވެ.

ފާތުން (ވ) އާއި އޭނާގެ ގައިޑް ރަނާ

ޓްރެކްގައި ފާހަގަ ކުރެވޭ ކާމިޔާބުތައް

- ފަޒާ (ޔޫއޭއީ) 12 ވަނަ ވޯލްޑް ޕެރަ އެތުލެޓިކްސް 100 މީޓަރުން ތިން ވަނަ

- ފަޒާ (ޔޫއޭއީ) 12 ވަނަ ވޯލްޑް ޕެރަ އެތުލެޓިކްސް 200 މީޓަރުން ހަތަރު ވަނަ

- ޓޯކިޔޯ ޕެރަލިމްޕިކްސް 100 މީޓަރު ރޭސް

- ލޯންގް ޑިސްޓެންސްގެ 21 ގެ ރޭސް ފުރިހަމަ ކުރުން

- ހާފް މެރަތޮންގައި ރާއްޖޭގެ ފުރަތަމަ ބްލައިންޑް ރަނާ

ޕެރަލިމްޕިކްސް އަށް ކޮލިފައިވީ ވެސް ދުބާއީގައި ބޭއްވި ދުވުމުން ހޯދި ނަތީޖާއިންނެވެ. ދުވުމުގެ ޓްރެކުގައި ފާތުންނަށް ވެސް ފުރަތަމަ ޖެހުނީ އެކަހެރިވާށެވެ. އޭނާ ބައިވެރިވާން މަސައްކަތް ކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުރުސަތު ދޭން ނިންމާފައި ވެސް ފަހު ވަގުތު އޭނާ އަތުން އެ ފުރުސަތު ނެގުމުން ގައުމު ތަމްސީލު ކުރުމުގެ ފުރުސަތެއް އެފަހަރު އޭނާއަކަށް ނުލިބުނެވެ.

އަލިގަދަ ތަންތަނުގައި ފާތުންގެ ވާތު ލޯ ކޮންމެ ވެސް ވަރަކަށް ސިގުނަލް ދެ އެވެ. ކަނާތު ލޮލުގެ ޖެލްތައް ދަނީ ވިރެމުން ދިޔާވަމުންނެވެ. އެހެންނަމަވެސް އުންމީދެއް އޮވެގެން އެކަމަށް ފަރުވާ ކުރެވޭތޯ މަސައްކަތް ކުރެ އެވެ. ދުބާއީގައި ބޭއްވި ރޭހުގައި އެތަނުގައި ވެސް ލޮލަށް ގޮތެއް ވާން އޮތްތޯ އޭނާ ބެލި އެވެ. މަސައްކަތް ހުއްޓައެއް ނުލަ އެވެ.

ފާތުން (ވ) ޕްރެކްޓިހުގައި

"އަބަދު ވެސް ލޮލަށް ފަރުވާ ކުރަމުން ގެންދަން. ދުނިޔޭގެ ވަރަށް މަޝްހޫރު ހޮސްޕިޓަލްތަކަށް ވެސް ފާތުންގެ ކޭސްގެ ޑޮކިޔުމެންޓްތައް ފޮނުވަން،" ލޮލުގެ ބައްޔެއް ކަމަށްވާ ރެޓިނާގެ ބަލި ހުންނަ ފާތުން ބުންޏެވެ.

"ރައްޓެއްސަކު މެދުވެރިކޮށް އެމެރިކާގެ ހޮސްޕިޓަލަކަށް ފޮނުވީމަ އެކޮޅުން ބުނީ ކެމެރާއެއް ހަރުކޮށް ސިކުނޑިއަށް މަންޒަރު ސިފަ ކުރެވޭގޮތް ހެދިދާނެ ވާހަކަ. ސީދާ މި މައްސަލައަކަށް ފަރުވާއެއް އަދި ހޯދިފައެއް ނެތް."

އޭނާ ދުވަން އޮތް ޓްރެކު ލޮލަށް ނުފެނުނަސް އެ ޓްރެކްގައި އެންމެ ބާރު ދުވުންތެރިޔަކީ އޭނާ އެވެ. އޭނާގެ ނަމުގައި ރެކޯޑްތައް އެބަހުއްޓެވެ.

5 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްޕްލްވިއު

24 September 2021

އިންޑިއާ ފަދަ މާބޮޑު ފައިދާ އެއް ނެތް ތަނަކަށް އެމްބަސީ އަޅަން ހުޅުމާލޭން ބޮޑު ބިމެއް އެމެންނަށް ދިނުމުގެ ބަދަލުގައި ރާއްޖޭގެ ލޯފަން ހުރިހާ ދިވެހިންނަށް މާލެ ސަރަހައްދުން ގޯއްޗެއް ހިލޭ ޑިޒާރވް ވެއޭ އަދި ރާއްޖޭގައި ތިިބި ނުކުޅެދޭ ކޮންމެ ކުއްޖަކަށް ވެސް ހުޅުމާލޭން ޑިޒާރވް ވެއޭ އިނގޭތޭ އެއިރުން ފާތުން ފަދަ ކުޅުންތެރިންނަށް ބިއުޓިފުލް އެން ޗާރމިންގް ލައިފެއް ލިބޭނެއޭ މާލެ ސަރަހައްދު އިޓް އިޒް ވަން އޮފް ދަ ވެރީ ބެސްޓް ޕްލޭސް ޓު ލިވް އޮން އާރތް ދޯ

The name is already taken The name is available. Register?

ނުވާނެޔޭ ނުބުނޭ

24 September 2021

ކަމާ ނުގުޅޭ ވާހަކަ ނުލިޔެ ބަލަ!

The name is already taken The name is available. Register?

ޢަރުތަ

24 September 2021

"ސިޔާސީފޯބިއާ" ޖެހުނީމަ އަބަދުވެސް އެބަލިމަޑިކަމުގަ ހުންނާނީ، މުޅިން ހަމައެއް ނުވާނެ، އެހެންވެ އަބަދުވެސް އެއް ޓްރެކެއް ޖެހިޖެހި ހުންނާނީ.

The name is already taken The name is available. Register?

އަކްރަމް

24 September 2021

ފާތުން ތިޔަ ކުރާ ހިތްވަރަށް ސާބަސް ދެން. އަހަރެން ފާތުންގެ ކުރިމަގު އުޖާލާ ވުމަށް އެދި ދުއާ ކުރަން. ހިތްވަރާ އެކު ފަހަތަށް ބެލުމެއް ނެތި ކުރިޔަށް ދޭ. ﷲ ފާތުން އަށް ހެޔޮ ރަޚްމަތް ލައްވާށި.. އާމީން

The name is already taken The name is available. Register?

ނުވާނެއޭ

24 September 2021

ފާތުން އަށް ކާމިޔާބީ އަށް މަމެން އެދެމޭ ރާއްޖޭގައި ފެނުމުން މަހްރޫމް ވެފައިވާ އަދި އޯޓިސްޓިކް ކުދިން އަދި ނުކުޅެދޭ ހުރިހާ މީހުންނަށް ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނުން 1000 އަކަމީޓަރުގެ ގޯއްޗެއް އެމެންނަށް ހިލޭދީފައި އަދި އެ ގޯތީގައި 25 ބުރިއަށް އިމާރާތް ކުރަން އެމްޓީސީސީ އަށް ދީގެން އެކަން ކުރަންވީއޭ ސަރުކާރުން ސޮވެރިންގް ގެރެންޓީދީގެން ބީއެމްއެލް އިން ލޯން ދީގެން މިކަން ކުރެވޭނެއޭ މިކަން ކުރާށޭ ސަރުކާރުން މިކަމަށް ފަސްޖެހިގެން ނުވާނެއޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454