ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގެ ދަށުން އދ. އަތޮޅުގައި ހިންގަމުން އައި މާފުށިވަރު، މޯލްޑިވްސް ރިސޯޓް އައުޓްރިގާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ގަންނަން ނިންމައިފި އެވެ.

އެ ކުންފުނިން މާފުށިވަރު ގަތުމަށް ފަހު، ރިސޯޓުގެ ނަން "އައުޓްރިގާ މޯލްޑިވްސް މާފުށިވަރު" އަށް ބަދަލު ކުރާނެ އެވެ.

އެ ރިސޯޓް ވިއްކާލަން ނިންމީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.

މާފުށިވަރަކީ ޕެރެޑައިޒް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރި ރިސޯޓެކެވެ. ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު ޖުލައި 2020 ގައި ރިސޯޓް އަލުން ހުޅުވީ ބޮޑު މަރާމާތެއް ކުރުމަށް ފަހު އެވެ.

މާފުށިވަރު އަލުން ހުޅުވަން ގެނައި ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ، އެ ރިސޯޓް 402،500ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.

މާފުށިވަރުގައި ބީޗް ވިލާ އާއި ޕޫލްވިލާ ހިމެނޭހެން 81 ކޮޓަރި ހުރެ އެވެ.

އެ ރިސޯޓާ ހަވާލުވާ އައުޓްރިގާ އަކީ އެކި ގައުމުތަކުގައި ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ގދ. ކޮނޮއްޓާގައި ހެދި އައުޓްރިގާ ކޮނޯއްޓާ ރިސޯޓު ވެސް ހިންގި އެވެ.