އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތު ބަލަން މަޑަގަސްކަރާގެ މަހާމަސީނާ ސްޓޭޑިއަމަށް ވަން މީހުންގެ ތެރެއިން 12 މީހަކު ފިތިގެން މަރުވެއްޖެ އެވެ.
މަޑަގަސްކަރާގެ ބޮޑުވަޒީރު ކްރިސްޓިއަން ސޭ ވިދާޅުވީ އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތު ބަލަން ސްޓޭޑިއަމް މީހުންގެ ތެރެއިން ފިތިގެން 13 މީހުން މަރުވެފައިވާ އިރު، އިތުރު 107 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް މަޑަގަސްކަރާގެ ރެޑްކްރޮސްގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގީ ގިނަ ބަޔަކު އެއް ފަހަރާ ސްޓޭޑިއަމަށް ވަންނަން އުޅުމުގެ ތެރޭގައި އެވެ.
މަޑަކަސްކަރާގެ ވެރިރަށް އަންތަނާނަރިވޯގައި ހުންނަ ސްޓޭޑިއަމަކީ 41،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތު ބަލަން އެތަކެއް ހާސް މީހުން ސްޓޭޑިއަމަށް ވަން ކަމަށް ރިޕޯޓުތައް ބުނެފައި ވެ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އޮންނަ މި ގޭމްސްގައި ރާއްޖޭން ވެސް ވާދަކުރެ އެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ރާއްޖޭން އެންމެ ގިނަ ކުޅިވަރުތަކުގައި ވާދަކުރާ ގޭމެސް އެވެ. މަޑަގަސްކަރާގައި ރާއްޖޭން 11 ކުޅިވަރެއްގައި ވާދަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.