ދާދި ފަހުން ލޯންޗުކުރި "ވަން ގަވް" އަކީ އާއްމުންނާ ސަރުކާރު ގުޅުވާލަދީ، ހިދުމަތްތައް ހޯދުމުގައި ލުއި ގޮތެއް ހޯދައިދިން ޕްލެޓްފޯމެކެވެ. "ވަން ގަވް" އިން ހިދުމަތްތަކާ ބެހޭ މައުލޫމާތު އެއްތަނަކުން ކިޔާލައި، އެޕްލިކޭޝަން ހުށަހެޅުމާއި އެޕްލިކޭޝަންގެ ޕްރޮގްރެސްތައް ޓްރެކުކުރުމުގެ އިތުރުން ހިދުމަތް ހޯދުމަށް ހޭދަވާ މުއްދަތު ވެސް ވަނީ ކުޑަކޮށްދީފަ އެވެ.

ހިދުމަތް ޑިޖިޓަލައިޒްވެ، ޒަމާނީވެ، ހިދުމަތް ހޯދާ އާންމު މީހާ އެކަމުގެ ލުއިފަސޭހަކަން ތަޖުރިބާކުރަމުން އަންނައިރު މި މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ވެސް ވަނީ ބޮޑު ލުޔެއް ލިބިފަ އެވެ.

"ވަންގަވް" ވެބްސައިޓަކީ އާއްމުންނަށް ބޭނުންކުރަން ފަސޭހަ ޑިޒައިނެއްގައި، ހިދުމަތްތައް އޮންލައިންކޮށް ހޯދަންވީ ގޮތުގެ އިރުޝާދުތައް ފަސޭހައިން ދީފައިވާ ވެބްސައިޓަކަށް ވާއިރު، "ވަންގަވް ވޯކްޕްލޭސް" އަކީ މަސައްކަތްތައް ތަރުތީބުކޮށް ބެލެހެއްޓޭ ނިޒާމެއް އެކުލެވޭ، ބޭނުންކުރަން ފަސޭހަ ޑިޒައިނެއްގައި ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

"ވަންގަވް ވޯކް ވޯކްޕްލޭސް" އަކީ "ވަންގަވް" މެދުވެރިކޮށް ހުށަހަޅާ ހުރިހާ އެޕްލިކޭޝަނެއްގެ މަސައްކަތްތައް ފުރިހަމަކުރަން އިދާރާތަކަށް ލިބޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން "ވަންގަވް" މެދުވެރިކޮށް ހުށަހަޅާ ހުރިހާ އެޕްލިކޭޝަނެއް ޕްރޮސެސް ކުރުމުގެ މަސައްކަތްތައް ކުރެވޭނެ އެވެ. މި ޕްލެޓްފޯމުން މީގެކުރިން އެތައް ފައިލްތަކެއްގައި ކަރުދާހުގައި ބަލަހައްޓަމުން ދިޔަ ލިޔެކިޔުންތައް ސްކްރީނަށް ގެނެސްދީ، މަސައްކަތަށް ހޭދަވާ ވަގުތު ކުޑަކޮށްދީ، މުވައްޒަފުންގެ ހައްޓަށް ލުއިކަން ގެެނެސްދީ މަސައްކަތްތައް ފުރިހަމައަށް ނިންމުމުގައި އެހީވެދެ އެވެ.

"ވަންގަވް" މެދުވެރިކޮށް ހިދުމަތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓްކުރުމުން އެ އެޕްލިކޭޝަނެއް ލިބޭނީ "ވަންގަވް ވޯކްޕްލޭސް"އަށެވެ. ވޯކްޕްލޭސްއަށް މަސައްކަތް ވަނުމުން އެކަމާ ގުޅޭ މުވައްޒަފަކު އެ މަސައްކަތަކާ ހަވާލުވާނެ އެވެ. ނުވަތަ އެކަމެއް ބެލުމުގައި އެ އިދާރާއެއްގައި އިސްކޮށް ހުންނަވާ ސުޕަވައިޒަރު އެ އެޕްލިކޭޝަން ބެލުމަށް މީހަކު އެސައިން ކުރާނެ އެވެ. އެޕްލިކޭޝަން ރިސީވްވެ، ޕްރޮސެސްވާކަމުގެ ނޮޓިފިކޭޝަން އެޕްލައިކުރި ފަރާތަށް ލިބޭނީ މި ހިސާބުންނެވެ.

އެޕްލިކޭޝަނުގައި ގޯހެއް އުޅޭ ނަމަ، އެޕްލިކޭޝަނަށް ބަދަލެއް ގެންނަން ޖެހޭކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް އެޕްލިކަންޓަށް "އެކްޝަނެއް" ބޭނުންވާކަމަށާއި ވެބްސައިޓުން "މައި އެޕްލިކޭޝަން" ބެލުމަށް އަންގާނެ އެވެ. "ވަންގަވް"ގެ "މައި އެޕްލިކޭޝަން" އަށް ވަންނަ އިރު އެޕްލިކޭޝަނަށް ގެންނަން ޖެހޭ ބަދަލުގެ ތަފްސީލު ފެންނަން ހުންނާނެ އެވެ.

އެޕްލިކޭޝަނަށް އެޕްލިކަންޓު ގެންނަ އިސްލާހު ފަސޭހައިން "ވަންގަވް ވޯކްޕްލޭސް" ގައި ފެންނަން ހުރުމަކީ އަލުން އެޕްލިކޭޝަން ރިވިއުކުރަން ނުޖެހި އިދާރާތަކާއި އާއްމުންގެ ވެސް އެތައް ވަގުތެއް ސަލާމަތްކޮށްދޭ ކަމެކެވެ.

އެޕްލިކޭޝަނެއް ހުށަހަޅާއިރު އޭގައި އިދާރާއެއް މެދުވެރިކޮށް އިންސްޕެކްޝަނެއް ކުރަންޖެހޭ ނަމަ، ނުވަތަ އިތުރު މަސައްކަތެއް ކުރަންޖެހޭ ނަމަ އެކަމެއް ކުރަންޖެހޭ އިދާރާއަކަށް މި ޕްލެޓްފޯމް މެދުވެރިކޮށް ނޮޓިފައި ކުރެވޭނެ އެވެ.

"ވަންގަވް"ގެ އައިސީޓީ ޖެނެރަލް މެނޭޖަރު އަހުމަދު ޝައްމޫން ވިދާޅުވި ގޮތުގައި "ވަންގަވް ވޯކްޕްލޭސް"އާ އެކު މަސައްކަތްތަކުގެ ނިޒާމު ބަދަލުވެ، މަސައްކަތްތަކަށްދާ ވަގުތު ބޮޑުތަނުންވަނީ ކުޑަކުރެވިފަ އެވެ.

"މީގެ ކުރިން އެޗްޕީއޭ ފަދަ އިދާރާއަކުން އިންސްޕެކްޝަނެއް ހެދުމަށް ގިނަ ފޯމުތަކެއް ފުރަން ޖެހޭ. ތަންތަނަށް ވިޒިޓްކުރުމުގެ އިތުރުން ގިނަ އިދާރާތަކަކީ މުވައްޒަފުން މަދު ތަންތަނަށްވުމުން އެ ފަދަ މަސައްކަތްތަކަށް ވަރަށް ވަގުތު ހޭދަވޭ. އަޅުގަނޑުމެން މި އޮތީ އެ މަސައްކަތްތައް ފަސޭހައިން ނިންމާލެވެނޭ ޑިޖިޓަލް ސޮލިއުޝަނެއް ހޯދާދީފައި. އިންސްޕެކްޝަން ފަދަ މަސައްކަތްތައް ކުރަމުންދާއިރު ވެސް، ޓެބް ހިފާލައިގެން ފޯމު ފުރިހަމަކުރަމުން ދާންވީ. ނިންމާފަ ރިޕޯޓު ލިޔަންވީ ދުވަސް މާޒީވެއްޖެ،" އޭނާ ވިދާޅުވި އެވެ.

"ވަންގަވް" މެދުވެރިކޮށް އިދާރާތަކަށް ހުއްދަ ވެސް ދޫ ކުރެވޭނެ އެވެ. މިފަދަ ހުއްދަތަކުގައި ލިޔެކިޔުން ކަށަވަރުކޮށްދޭ ހާއްސަ ކިއުއާރު ކޯޑެއް ހުންނާނެ އެވެ. އަދި ހުރިހާ ލިޔެކިޔުމެއް ހުންނާނީ ވަކި ސްޓޭންޑާޑެއްގެ ޓެމްޕްލޭޓެއްގަ އެވެ.

"ވަންގަވް" އަކީ އިދާރާތަކަށް ކުރިމަތިވަމުންދިޔަ ގިނަ މައްސަލަތަކަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދާދިން ޕްލެޓްފޯމެކެވެ. މިއީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ގެންދިއުމަށް އޮތް ހައްލެކެވެ. އަދި މުވައްޒަފުންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، އިދާރާތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް އެންމެ ރަނގަޅަށް މޮނީޓާކުރެވޭނެ އެއް ޕްލެޓްފޯމެވެ.

"ވަންގަވް" ޕްލެޓްފޯމާ ގުޅިފައިވާ އިދާރާތަކުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، އެޗްޕީއޭ އަދި ފުވައްމުލަކު ސިޓީ ކައުންސިލް ހިމެނެ އެވެ. މި ޕްލެޓްފޯމްގެ ހިދުމަތްތައް ފުޅާކޮށް އިތުރު މިނިސްޓްރީތަކާއި މުވައްސަސާތަކުގެ ހިދުމަތްތައް ދޭން ފެށުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މި ޕްލެޓްފޯމް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. "ވަންގަވް" ޕްލެޓްފޯމް އިތުރަށް ފުރިހަމަ ކުރުމަށް އާއްމުން ހުށަހަޅާ ހިޔާލުތައް ވެސް ދަނީ ބަލއިގަންނަމުންނެވެ.

"ވަންގަވް" އަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ބޭނުންތެރި، އާއްމުންނާއި އިދާރާތަކަށް ވެސް ނުހަނު ފައިދާ ހުރި އީޖާދީ ސޮލިއުޝަނެކެވެ. މިއީ އާއްމުންނާއި އިދާރާތަށް ގުޅުވާދޭ، އިދާރާތަކަށް ބޮޑު ބަދަލެއް ގެނެސްދިން ޕްލެޓްފޯމެކެވެ.

ނޯޓު: މިއީ ޓްރޭޑްނެޓުން ޑިވެލޮޕްކޮށްފައިވާ "ވަންގަވް" ޕްލެޓްފޯމާ ގުޅޭ އެޑްވަޓޯރިއަލްއެކެވެ.