ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒްކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރޭގައި ފޯޅަވަހި ހިމެނޭކަން ތާރީހު ހެކިދޭ ކަމަށެވެ.
މިގޮތުން، ދިވެހި މަސްވެރިން އެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ، ދިވެހީންގެ މަސްވެރި ސަގާފަތާ އެ ސަރަހައްދު ގުޅިފައިވާކަން ތާރީހީ ލިޔެކިޔުންތަކެއް ވެސް ފެންނަން އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
"...ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒްކޮށް، ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސިވިލާތުގެ ސަރުކާރަށް 8 ނޮވެމްބަރު 2024 އަދި 18 ޖެނުއަރީ 2026 ގަ ލިޔުމުން ހުށަހަޅާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއީ މި އަހަރު ފެށުނު ފަހުން، ޗާގޯސްއާ ގުޅޭގޮތުން ރާއްޖޭން ރަސްމީކޮށް އިނގިރޭސިވިލާތަށް ލިޔުމެއް ފޮނުވިކަން ސަރުކާރުން ހާމަކުރި ފުރަތަމަ ފަހަރެވެ.
އެ ލިޔުން ފޮނުވުމުގެ އިތުރުން، ރައީސް ވިދާޅުވީ، ޑިސެމްބަރު، 15 2025 ގައި، ޔޫކޭގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ އެކު އޮންލައިން ކޯލެއްގައި މިކަން ސަމާލުކަމަށް ގެނެސް، އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ބައިނަލްއަގުވާމީ ގޮތުން ކުރެވުނު ހުރިހާ މަޝްވަރާތަކެއްގައި ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިގޮތުން، ޗާގޯސްގެ އިގްތިސާދީ ސަރަހައްދުގެ ބޭނުންހިފުމުގައި، މޮރިޝަސްއިން ތަންފީޒުކޮށްފާނެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މަސްވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ކަންބޮޑުވުންތައް މޮރިޝަސްގެ އިތުރުން ބައިނަލްއަގުވާމީ ތިމާވެއްޓާބެހޭ ޖަމިއްޔާއާ ވެސް ހިއްސާކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މޮރިޝަސްއިން ޗާގޯސް ހޯދުމުގެ މަސައްކަތުގައި އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށާއި އެތަނުގައި އޮންނަ ޖެހޭނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވާތީ އިނގިރޭސި ވިލާތުން އެތައް އަހަރެއް ވަންދެން މިކަމުގައި ގޮތް ދޫނުކޮށް އޮތުމަށް ފަހު ވިސްނުން ބަދަލުކުރީ އދ.ގެ އާންމު މަޖިލީހުގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހުގަ އެވެ.
އޭގެ ފަހުން މޮރިޝަސް އިން ވަނީ ޗާގޯސްގައި އޮންނަން ޖެހޭނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އައިސީޖޭ އިން ނެރުނު ލަފަޔަށް ބިނާކޮށް، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަހައްދުން ފުށުއަރާ ބައިގެ އިން ވަކިކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެ ޓްރައިބިއުނަލްގައި ރާއްޖޭން އިޖުރާއީ މައްސަލައެއް ނަގައި ބުނަމުން ދިޔައީ ޗާގޯސް އަކީ އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް ތަނަކަށް ވާއިރު އިމުގެ މައްސަލައިގައި ދައުވާކުރުމުގެ ބާރު މޮރިޝަސްއަށް ނޯންނާނެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ރާއްޖޭގެ އެ ހުށަހެޅުން ގަބޫލު ނުކޮށް މައްސަލަ ބަލައި ނިންމީ ނިންމީ އައިސީޖޭގެ ލަފަޔަށް ބުރަވެ އެވެ. ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު ކޮންމެ ގައުމަކަށް 200 މޭލު ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރު ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރު ލިބޭ ގޮތަށެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށާއި މިކަން މިހެންވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި މައްސަލައިގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އާއި އެ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެ ބައި އަލުން ހޯދަން މަސައްކަތްކުރުމަށް ވައުދުވެ ވަޑައިގެންފަ އެވެ.
މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަން ރައީސް މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ކަނޑައެޅިކަން ވެސް އެ މަނިކުފާނު މިއަދު އިއުލާނުކުރެއްވި އެވެ.