ކަނޑުގެ އިމުން ފުށު އަރާ ބައިގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެސް، މައްސަލަ ތަހުގީގުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު އިބޫ ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައަޅާފައި ވަނިކޮށެވެ.

އޭގެ ކުރިން ރާއްޖޭން ވަކާލާތުކުރަމުން ދިޔައީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައި އޮއްވައި އިޓްލޮސް އަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ. އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ބުރަވެ އިޓްލޮސް އިން މައްސަލަ ކުރިއަށް ގެންދަން ނިންމައި އިން ވަކިކުރީ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވައި، ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންގެވި އެންގެވުމާ އެއްގޮތަށް ވިލަރެސް ކޮމިޓީން މަސައްކަތްތައްކޮށް، އެކަމާ ބެހޭ ރިޕޯޓް ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެވެ. ރިޕޯޓްގައި ކަމާބެހޭ މާހިރުން ދީފައިވާ ލަފާތަކަށް ބިނާކޮށް ފިޔަވަޅުތައް އަޅަން ކެބިނެޓުން މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ގާނޫނީ މާހިރުން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް، ރާއްޖޭގެ ކަނޑުން ދޫކޮށްލި ބައި އަނބުރާ ހޯދަން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށައިފިން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ކުރީގެ ރައީސް ސޯލިހު، ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަދީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށާއި އެހެންވެ، އެ ސިޓީ އަނބުރާ ގެންނަން "މި ފަހުރުވެރި ދައުލަތާއި ރައްޔިތުންގެ ހައްގުގައި" ނިންމާފައިވާ ކަމަށެވެ. 

ރައީސް ވަނީ، ރާއްޖޭގެ ކަނޑުގެ ހާއްސަ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ބައި ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ކަނޑައަޅައި އެކަން ވެސް މިއަދު އިއުލާނުކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަަހައްދުތައް ކަނޑައެޅުމާއި ބޭސްލައިންތައް ކަނޑައަޅަން އަދި ސަރަހައްދާ ގުޅޭ އެންމެހާ މައްސަލަތައް ބެލުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަަސައްކަތް ކުރާނެ އޮފީހެއް ގާއިމް ކުރަން ވެސް މާހިރުން ލަފާދީފައިވާތީ، އެކަން ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް ގާއިމްކުރާނެ ކަން ފާހަގަކުރެއްވި އެވެ. 

ކަނޑުގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖެއަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ވެސް މާހިރުން ލަފާ ދެއްވާފައިވާ ކަމަށާއި، އެ ނިންމުންތައް ނިންމެވި ބޭފުޅުންނާ ސުވާލުކޮށް އެ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަނެ، އެކަމުގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެ މައްސަލަ ބަލަން ރައީސަށް ލިބިދޭ ބާރުގެ ދަށުން އިންކްއަރީ ކޮމިޝަނެއް އުފައްދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދަން ވެސް އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެގޮތުން، މޮރިޝަސްއަށް ވުރެ ޗާގޯސް ހައްގީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އިނގިރޭސިވިލާތުގެ ސަރުކާރަށް ދެ ސިޓީއެއް ފޮނުވައި، އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު ފޯނު ކޯލަކުން މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ޗާގޯސް އާއި ރާއްޖެއާ ދެމެދު ޒަމާންވީ ތާރީހީ ގުޅުން ސާބިތުވާން އެބަ އޮތެވެ. 

މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި އެމްޑީޕީގެ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ޗާގޯސް ރާއްޖެއަށް ނުލިބުނީ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަދި އެ ބައި ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.