13 އޯގަސްޓް 2025 - 14:03
ޗާގޯސް އާއި ކަނޑުގެ ސަރަހައްދުގެ މައްސަލައިން ރާއްޖެ ބޭރުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް އޭރު ފޮނުއްވި ސިޓީގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު އިބޫ ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައެޅި ފަހުންނެވެ. އޭގެ ކުރިން ރާއްޖޭން ވަކާލާތުކުރަމުން ދިޔައީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައި އޮއްވައި އިޓްލޮސް އަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ.
އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ބުރަވެ އިޓްލޮސް އިން މައްސަލަ ކުރިއަށް ގެންދަން ނިންމައި އިން ވަކިކުރީ އެވެ.
މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި އެމްޑީޕީގެ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ޗާގޯސް ރާއްޖެއަށް ނުލިބުނީ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަދި އެ ބައި ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ކަނޑުގެ އެ ބައި ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، އިބޫ އެ ސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށެވެ.
ފޮރިން މިނިސްޓަރު ހަލީލް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ؛ މަޖިލިސް
"ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރި ނަމަ، ކަނޑުގެ މައްސަލަ އާއި އޭގެ އިތުރުން ފޯޅަވަހި މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހީންނަށް ކުރިއަށް ދެވެން އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް އެ މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލައި ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވައި، މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކު އެ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމަށެވެ.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970ގެ އަހަރުތަކުގެ ތެރޭގައި ބަދަލުކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އައިސީޖޭ އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު، އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެ ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
13 August 2025
"ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އައިސީޖޭ އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު، އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ."....... ދިވެހިސަރުކާރުން އެއްވެސްއިރަކު އެއްވެސްތަނެއްގަ ޗާގޯސްއަކީ ދިވެހިރާއްޖޭގެ ސަރަހައްދެއްކަމަށް ބުނެފައި އެބައޮތްތޯއެވެ؟
މީޒްލީ
13 August 2025
ވާހަކަ އަކުން ނުފުދޭނެ! ސިޓީ ކޮބައިހޭ! ؟؟ ޕްރޫފް ބޭނުން ވަނީ!
ކޮސް
13 August 2025
މޮރިޝަޝްއަކީ ދިވެހިރާއްޖެ ތަނެކޭ ކިތަންމެ ވަރަކަށް ކިޔަސް , އެތަނުގެ މައްސަލައެއް ރާއްޖެ ކޮޅަކަށް ބުރަވާނެ އެއްގޮތެއްވެސް ނޯންނާނެ. މޮރިޝަޝް މިކަމެއް ޤަބޫލެއް ނުކުރާނެ .އިނގިރޭސިންނެއް މިކަމުގާ އެއްގޮތަކަށްވެސް ދިވެހިންގެ ކޮޅަކަށް ބުރައެއްނުވާނެ. ތިކަހަލަ ވާހަކަ ޚަލީލް މެން ދެއްކުމުން އަމިއްލަ އަގުވެއްޓުންނޫންކަމެއް ނުވާނެ. ޚާރިޖީ ވަޒީރު ފެންވަރު ދިވެހިންނަށް އެނގޭ.
އައްޑޫ ހިތަދޫ
13 August 2025
ކޮމްމެ އެއްޗެކޭ ކިޔަސް މީ ސީދާ އެމްޑީޕީ ކުރި ކަމެއް.
ޝޮކްތެރަޕީ
13 August 2025
މިކަމަކީ އިންޑިޔާ އަޑީގަ އޮވެ މޮރިޝަސް އާއީ ދިވެހި ރާއްޖެ އެއްބަސް ވެގެން މޮރިޝަސްއަށް ދޭން ވެގެން ކުރިކަމެއް. މިކަން ކުރީ އިންޑިޔާ ބުނާގޮތައް ހަދާ ސަރުކާރެއް އައީމަ. ދަޑި ވަޅުގެ ބޭނުން ހިފާލީ.
ހައްގުބަސް.
13 August 2025
އެމްޑީޕީ ވެރިކަމުގަ ހުންނަ ކޮމްމެ ފަހަރަކު މިކަހަލަ ކަމެއްވޭ މީ ކިހިނެއް ވާކަމެއްތަ؟ ދެރަ
ގޭސް
13 August 2025
ދިވެހި ރައްޔިތުން ގަމާރު ހެއްދޭނީވެސް ވަކިވަރަކަށް ތިމާމެންނަށް ނުކުރެވޭ ކޮންމެ ކަމެއް ކުރީސަރުކާރު ބޮލަށް ކަނޑާލައިގެން ވެރިކަންކުރާގޮށް އޮޅިގެންއުޅެނީ މަދުބަޔަކަށް އެއީ މިލިޔަނުން ފައިދާ ނަގާބަޔެއް
ރަމަ
13 August 2025
ހަލީލް ކަލޭމެންތިތިބީ ފެއިލްވެފައި ތިޔަބުނާ ސިޓީއެއްއޮތްކަން އެގިހުރެނޫންތޯ ކަރުން ނާރުފުއްޕާފަ ވެރިކަން ލިބިއްޖިއްޔާ ކަނޑުން ގެއްލުނުބައި ހޯދައިދޭނަމޭބުނެ ވަޢުދުވީވެސް ހަނދާންނެތީތޯ؟ ބަލަކަލޭމެންނަކަށް ރައްޔިތުން މިހާރު އިތުބާރެއްނުކުރޭ! ސިޓީއެއް އޮތަސް ނެތަސް ސަރުކާރުން އުޅޭނަމަ ތިކަންވާނެ މިހާރު ތިއުޅެނީ އިންޑިއާގެ އެދުމުގެމަތިން ތިކަން ނުކުރަންވެގެން ނުވަތަ ކޮންމެވެސް އެހެންބަޔެއްގެ އަތުން ހަދިޔާއެއް ލިބިގެން. މުނާފިޤްވާނީވެސް ވަކިވަރަކަށް.
ކުދުބެއްޔާ
13 August 2025
މިހާރު ކޮބާތަ ކުރިން ނުފެނިގެން އުޅުނުސިޓީ. އިބޫ ފައިބައިގެން ދިޔައީ އެސިޓީވެސް ހިފައިގެންބާ!!!! އޭރު ރައްޔިތުންނަށް ފެންނަށްޖެހޭނަމަ މިހާރު ނުފެނިގެން މިއުޅެނީ ކީއްވެބާ!!!!!!
އައުޓު ގުރޫޕް
13 August 2025
މަށެއްނޫން! ކުރީސަރުކާރު...
2838383
13 August 2025
ކޯޓަކުން ނިންމާ މައްސަލައަކާ ސިޓީއަކާ އޮތީ ކޮން ގުޅުމެއް. މަށަށް ވެރިކަން ދީފިއްޔާ ލަންކާ ހޯދަދޭނަން