ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް: ޗާގޯސް ހޯދަން ރާއްޖެއިން ނޫޅޭ ކަމަށް ސަފީރު ވިދާޅުވިޔޭ ކިޔަނީ އޮޅުވާލަން ކަމަށް ވިދާޅުވި.-- ފޮޓޯ: މިހާރު
16 ޖުލައި 2025 - 19:41
ރާއްޖެއިން ޗާގޯސް ހޯދަން ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މި ޚަބަރު ފެތުރި މީޑިއާތައް ކުށްވެރިކުރައްވައި، ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެތަން ހޯދަން ވެސް ރާއްޖެއިން ނޫޅޭ ކަމަށް ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ސަފީރުގެ ވާހަކަ ރިޕޯޓްކޮށްފައި އޮތީ ހަގީގަތް އޮޅުވާލައިގެން ކަމަށެވެ.
ހަލީލް ވިދާޅުވީ ޔޫރަޕިއަން ޕާލިމެންޓުގައި ސަފީރު ހާމަކުރައްވާފައި ވަނީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދުގައި ދެކޭގޮތް ކަމަށެވެ. ހަލީލް ވިދާޅުވި ގޮތުގައި ސަފީރު ފާހަގަކުރެއްވީ ފޯޅަވައްސަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް މާ ކުރިންސުރެ ގާއިމްކޮށްފައި ހުރި ތަނެއްކަމާއި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމެވެ.
"ހަގީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއް ނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައި ވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ،" ހަލީލް ވިދާޅުވި އެވެ.
މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި އެމްޑީޕީގެ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ޗާގޯސް ރާއްޖެއަށް ނުލިބުނީ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަދި އެ ބައި ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ނަމަވެސް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުމާ އެކު ސޮއިކޮށްފިކަން އިނގިރޭސިވިލާތުން އިއުލާންކުރީ މިދިޔަ މެއި މަހު އެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އެކަން އިއުލާނުކުރައްވައި ވިދާޅުވެފައި ވަނީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި)ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.
ބައި ގަރުނަށް ފަހު ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހުގަ އެވެ.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970ގެ އަހަރުތަކުގެ ތެރޭގައި ބަދަލުކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު، އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެ ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓާލާ
17 July 2025
ޗާގޯހާ ބެހޭ ގޮތުން ހުރިހާ ޕާޓީތަކުން ހަދަމުންދާ ދޮގުތަކާ އޮޅުވާލުން ހުއްޓާލަންވެއްޖެ. އެއްވެސް ނޫހަކުން މައުލޫމާތު ދިރާސާކޮށްފިތަ ކީއްވެކަން ޗާގޯސް ހޯދަން ހަގީގަތުގެ ނުއުޅެނީ. ހަގީގަތަކީ އެއީ ނުވާނެކަމެއްކަން އަސްލު އެނގޭތީ. ދިގު 30 އަހަރުގައި މިގައުމު ދުނިޔެއަށް ހުޅުވުނީއްސުރެ އެއްވެސް ވެރިއަކު މިއަދާ ހަމައަށް ޚިޔާލުކޮށްފަ އޮތްކަމެއް ނޫން ޗާގޯސް ހޯދަން އުޅުމަކީ. އެއްދުވަހަކުން ކަނޑު ބަހަންޖެހޭނެކަން އެނގުނު އިރުވެސް ޗާގޯސް ހޯދަން އުޅެފައެއްނެތް
ހުސްވާހަކަ
17 July 2025
ޗާގޯސް ހޯދަން މިސަރުކާރުން އެބަ އޮތްތޯ؟ ރަސްމީ ސިފައެއްގައި ރާއްޖޭގެ ތަނެއްކަމަށް ހާމަކުރަން ނުކެރޭތާ އެކަމަށް މިއަދާ ހަމައަށް ކުރި އެއްވެސްކަމެއްނެތް
އަލީ!!
17 July 2025
ދެން ޗާގޯސް ހޯދަން ކުރާކަންތަށް ބުނެދޭންވީނުންތޯ؟!
އެނަލިސްޓްް
17 July 2025
ޗާގޯސް އަތުލީ އިގިރޭސިވިލާތް އަޑީގައި އޮވެ މޮރިޝަސް މެދުވެރިކޮށް ރާއްޖޭގައި އެކަމާ ދެކޮޅަށް އުޅުނު އިސް މީހުންނަށް ރިޝްވަތު ދީގެން، މޮރިޝަސް އަކީ ހުޅަގުގެ ޕަޕެޓް ޤައުމެއް، މޮރިޝަސް އޮތީ އެފްރިކާ ބައްރުގައި، އެހިސާބުގައި އޮތްތަނަކަށް ރާއްޖެ ސަރަހައްދަށް ބާރު ފޯރުވޭނީ ފައިސާއާއި ނުފޫޒު އިންޓަރނޭޝަނަލް ލެވެލްގައި ފޯރުކޮށްގެން. އެމެރިކާ އާއި އިގިރޭސި ވިލާތް އެތަން ދޫނުކުރާނެ، އެއީ އަދުގެ ދުނިޔޭގެ އެންމެ މުހިންމު އަސްކަރީ މަރުކަޒު.
ކެނަލިސްޓް
17 July 2025
އިހަށް ތާރީޚު ދިރާސާކޮށްފަ ބަލާބަލަ މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ފެށީ މިގައުމުގެ ކާކުގެ ވެރިކަމެއްގަތޯއާ މިގައުމަށް މިނިވަންކަން ލިބުނު ފަހުން މިގައުމުގެ އެއްވެސް ވެރިއަކު ދުވަހަކުވެސް އެންމެ ޖުމްލައެއްވިއަސް ބުނެފަ އޮތްތޯ އެ ރަށްތައް ރާއްޖެއަށް ހޯދުމާ ބެހޭ ގޮތުން
ޝޮކްތެރަޕީ
17 July 2025
އެންޑީޕީ ކުރީ ވަރައް ކަޑަ ކަމެއް. ވަޒީރުންގެ މަޖުލީހުގަވެސް މަސްވަރާ ނުކޮއް. މީގެ ފަހަތުގަ އޮތީ އިންޑިޔާ
ރމ2028
17 July 2025
އިންޝާﷲ ރައީސް މުއިއްޒު ރާއްޖެއަށް ޗާގޮސް ހޯދަ ދޭނެ. ރައީސް އަކީ ކެރޭ، ކުޅަދާނަ، ރައްޔިތުންގެ އިހްސާސް ދަންނަ ވެރިޔެއް. މި ނިމިގެން މިދާ 2 އަހަރަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެން ކުރި އަރާ ގޮސްފައިވާ ދެ އަހަރު. މި ރައީސް ރާއްޖޭގައި 30 އަހަރު ވެރިކަމުގަ ބަހައްޓައިފިނަމަ ސިންގަޕޫރަށް ވުރެެއް ކުރި އަރާނެ. ރައީސް ޔާމިނު ހަޖަމް ކުރަން ދަސްކުރާތި.
މުސްތަފާ މުހައްމަދު
17 July 2025
ޗާގޯސް ދޫކޮށްލީ އެމްޑީޕީން ދެން މިއަދު ކޮން ވާހަކައެއް ދައްކަން
ރަގަޅުކޮށްލާ
17 July 2025
މާ ކުރިއްސުރެ ޗާގޯސް އޮތީ ދިވެހިން އަޅާނުލާ ދޫކޮށްލާފަ. އެތަން ހޯދަން އެއްވެސް ސަރުކާރަކުން އެއްވެސް އިރަކު ނެތް މަސައްކަތްކޮށްފައެއް. ނުކޮށް އޮތީ އެތަން ހޯދަން ބައިނަލްއަގްވާމީ ގޮތުން ދާން ޖެހޭ ތަންތަނަށް ގޮސްގެން މަސައްކަތްކޮށްފަ އޮތީ މޮރިޝަސްއިން ކަމަށްވާތީ. އެކަކުވެސް އެކަމާ ޗެލެންޖްނުކޮށް އެއޮތީ އެހާ ސާފުކޮށް ފެންނަން އޮތް މައްސަލައަކަށްވާތީ
ހުސެން އަލީ
17 July 2025
އެމްޑީޕީން އުޅޭނީ ފިތުނަ އުފައްދަން
ފުއްކިބަ
17 July 2025
ތިބުނާސިޓީގައި މައްސަލައެއް ނެތްކަމަށް މި ސަރުކާރުން ވަނީ ބުނެފަ. އެހެންވީމާ ދޮގުހަދާ މީހުން އެބަ އެނގޭ.
އަޙްމަދު
17 July 2025
ޚަލީލުމެން ޔާމިން ދައުރުގައި ޗާގޯސް ހޯދަން ނޫޅުނީ ކީއްވެ. ތިކަމަކީ ސީދާ ސިޔާސީ ގޮތުން ޚަލީލްމެން ވެރިކަމަށް އަންނަން ވެގެން ބޮޑު ކޮށްގެން އުޅޭ ވާހަކަތައް. އިންޑިއާ އައުޓް ގޮވައި، މުޅި ރާއްޖޭގެ ނަން ކިލަނބު ކުރި ބައެއް ރާއްޖެއަށް ހެވެއް ވާނެކަމަށް ޤަބޫލު ނުކުރެވޭ. މިހާރުވެސް ތި އުޅެނީ އަމިއްލަ އެދުމައިގެން. އެނގިއްޖެ.