މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމުމުން ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ފޯޅަވަހި ހިމެނޭ ޗާގޯސް އަތޮޅުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް އިނގިރޭސިވިލާތުން ނިންމައި، އެކަން ވަނީ މިދިޔަ ހަފުތާގައި މަޑުޖައްސާލައިފަ އެވެ. 

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޗާގޯސްގެ މުސްތަގްބަލާއި އެތަން ހިންގުމާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ނިންމުމަކީ އެކަމާ ގުޅޭ މަޝްވަރާތައް އާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރާއްޖެއިން ބުންޏެވެ.

އެ ބަޔާނުގައިވަނީ ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކޮށް، ސަރަހައްދީ ހަމަޖެހުމަށް އިސްކަންދީ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އިންޑިއާ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތަށް ގޮވާލާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާ ކަނޑުގެ އެ ޖަޒީރާތައް މޮރިޝަސްއަށް އަނބުރާ ދިނުމަށް ބޭނުންވާ ގާނޫނީ މަރުހަލާތައް ނިންމުމަށް ޕާލަމެންޓަށް ހުށަހަޅާފައިވާ ކަންކަމަށް ކަނޑައެޅި ވަގުތު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ހަމަވެފަ އެވެ.  

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖެނުއަރީ މަހު ވަނީ މޮރިޝަސްއަށް ޗާގޯސް ދޭން އެއްބަސްވުމަކީ އިނގިރޭސިވިލާތުގެ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިދިޔަ މެއި މަހު ހެދި ޗާގޯސް އެއްބަސްވުމުގެ ދަށުން، މޮރިޝަސްއާ ގާތްގަނޑަކަށް 2,000 ކިލޯމީޓަރު (1,200 މޭލު) އިރުއުތުރުގައި އޮންނަ އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރަން އޮތީ ނިންމައިފަ އެވެ. އަދި އެތަނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހީގައި ހުންނަ އަސްކަރީ މަރުކަޒު، އެއް ގަރުނުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ.