ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މި ވާހަކަ ތަކުރާރު ކުރެއްވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭ ގޮތުން ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ފޮނުވި ސިޓީ އާއި އެކަމާ ގުޅޭ މުއާމަލާތްތަކެއް ހިނގާފައިވާކަން ހާމަކުރައްވަމުންނެވެ.
ރައީސް މުއިއްޒު ވަނީ އިނގިރޭސި ވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތައް ސިޓީފުޅެއް ފޮނުއްވިކަން 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވައިފަ އެވެ.
އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ރައީސް ވަނީ ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. މިކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"... ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި - އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި - އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،" ރައީސް ވިދާޅުވެފައިވެ އެވެ.
"ރާއްޖެއަށް ޗާގޯސް ލިބެންޖެހޭނެ ކަމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެ މަޝްވަރާގެ ތަފްސީލެއް އަދި ހާމަކުރެވޭކަށް ނެތް. އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް އަޅުގަނޑުމެން ދެކޭ ކަމަށް ބުނަމުން މި އަންނަ ވާހަކަ ތަކުރާރުކުރެވިދާނެ."
ރައީސް މުއިއްޒު ޗާގޯސްގެ މައްސަލައިގައި ވާހަކަ ދައްކަވާފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ ޗާގޯސް ދޫކޮށްލުމަކީ އިނގިރޭސި ވިލާތުގެ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
ރާއްޖެ އާއި ޗާގޯސްގެ ތާރީހީ ގުޅުންތަކުގެ ހެކީގެ ގޮތުގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ޗާގޯސް އިން ފެނިފައިވުމާއި މޮރިޝަސް އަކީ ޗާގޯސްއާ 1،300 މޭލު ދުރުގައި އޮތް ތަނަކަށް ވާއިރު ރާއްޖެއާ ދެމެދު ހުރީ 310 މޭލު ކަމަށް ވެފައި ރާއްޖެއާ ހިލާފަށް މޮރިޝަސް އަކީ 17 ވަނަ ގަރުނާ ހަމަޔަށް ވެސް މީހުން ވަޒަންވެރިވެފައި އޮތް ތަނަކަށް ނުވުމުން ޗާގޯސްއާ ދިވެހިންގެ ގުޅުން މާކުރިން އުފެދިފައި އޮތުން ހިމެނެ އެވެ.
ނެދަލޭންޑްސް، ފްރާންސް އަދި އޭގެ ފަހުން އިނގިރޭސީންގެ އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާގެ މީހުން މޮރިޝަސްގައި ވަޒަންވެރިކުރުވީ 17 ވަނަ ގަރުނުގަ އެވެ. އެކަމަކު ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ 2،500 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޗާގޯސް އިން ފެނިފައިވާ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަށް 900 އަހަރު ވެފައިވާކަން އެނގެން އޮންނައިރު އެއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރި އެވެ. އަދި ރާއްޖޭގެ ކުރީގެ ރަސްކަލަކު ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރައްވާފައި އޮތުމާއި ރާއްޖޭގެ މަސްވެރިންނާއި ދަތުރުވެރިން ފޯޅަވައްސަށް ގޮސް އުޅޭ ވާހަކަ ލިޔެކިޔުންތަކުން ފެންނަން ހުރުން ހިމެނެ އެވެ.
ޔޫކޭއިން ޗާގޯސް ދޫކޮށްލުމާއި ރާއްޖެ-މޮރިޝަސްގެ ދައުވާ
މޮރިޝަސްއިން ޗާގޯސް ހޯދުމުގެ މަސައްކަތުގައި އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށާއި އެތަނުގައި އޮންނަ ޖެހޭނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވާތީ އިނގިރޭސި ވިލާތުން އެތައް އަހަރެއް ވަންދެން މިކަމުގައި ގޮތް ދޫނުކޮށް އޮތުމަށް ފަހު ވިސްނުން ބަދަލުކުރީ އދ.ގެ އާންމު މަޖިލީހުގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހުގަ އެވެ.
އޭގެ ފަހުން މޮރިޝަސް އިން ވަނީ ޗާގޯސްގައި އޮންނަން ޖެހޭނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އައިސީޖޭ އިން ނެރުނު ލަފަޔަށް ބިނާކޮށް، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަހައްދުން ފުށުއަރާ ބައިގެ އިން ވަކިކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެ ޓްރައިބިއުނަލްގައި ރާއްޖޭން އިޖުރާއީ މައްސަލައެއް ނަގައި ބުނަމުން ދިޔައީ ޗާގޯސް އަކީ އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް ތަނަކަށް ވާއިރު އިމުގެ މައްސަލައިގައި ދައުވާކުރުމުގެ ބާރު މޮރިޝަސްއަށް ނޯންނާނެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ރާއްޖޭގެ އެ ހުށަހެޅުން ގަބޫލު ނުކޮށް މައްސަލަ ބަލައި ނިންމީ ނިންމީ އައިސީޖޭގެ ލަފަޔަށް ބުރަވެ އެވެ. ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު ކޮންމެ ގައުމަކަށް 200 މޭލު ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރު ބަހާލީ ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރު ލިބޭ ގޮތަށެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށާއި މިކަން މިހެންވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި މައްސަލައިގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އާއި އެ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެ ބައި އަލުން ހޯދަން މަސައްކަތްކުރުމަށް ވައުދުވެ ވަޑައިގެންފަ އެވެ.