އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލުމަކީ އިނގިރޭސި ވިލާތުގެ "ގަމާރު" ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ވިދާޅުވެއްޖެ އެވެ.
"އިންތިހާއަށް މުހިންމު ރަށެއް އިނގިރޭސި ވިލާތުން ދޫކޮށްލުމަކީ ވަރަށް ގަމާރު ނިންމުމެއް. އަދި އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ދިގު ލިސްޓުގައިވާ ކަންކަމުގެ ތެެރެއިން، ގްރީންލެންޑުގެ ކޮންޓްރޯލް ހޯދަންޖެހޭ އެއް ސަބަބު،" ޓްރަމްޕު އޭނާގެ ޓްރޫތު އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ޓްރަމްޕު މިކަމުގައި ޔޫކޭއަށް މިހާ ބޮޑަށް ފާޑު ވިދާޅުވެފައި ވާއިރު ކުރިން ވަނީ މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމުގެ ނިންމުމަށް ރުހުން ދެއްވައިފަ އެވެ.
އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމަށް އެއްބަސްވީ އެމެރިކާއިން އަސްކަރީ މަރުަކަޒު ހިންގަން ޔޫކޭއިން ކުއްޔަށް ދީފައިވާ ޑިއެގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ދިނުން ހިމެނޭ ގޮތަށެވެ. އެއީ ޗާގޯސް އަތޮޅުގެ އެންމެ ބޮޑު ރަށެވެ.
ޓްރަމްޕުގެ ފާޑުކިޔުމަށް ރައްދު ދީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ޗާގޯސް ދޫކޮށްލީ އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒު ހިމާޔަތްކުރުމަށް ކަމަށެވެ.
"އެ ޑީލްގެ ސަބަބުން ވަނީ އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒުގެ އޮޕަރޭޝަންތައް، އެތައް ޖީލަކަށް ދެމިގެންދާނެކަން ކަށަވަރުކުރެވި، ދުޝްމަނުން ފަހަތަށް ޖެއްސުމުގައި ތަފާތު ގާބިލްކަމެއް ހޯދިފައި،" ޑައުނިން ސްޓްރީޓުގެ ބަޔާނުގައި ބުންޏެވެ.
ޔޫކޭ ސަރުކާރުގެ ތަރުޖަމާނަކު ވަނީ އެ ޑީލަކީ އެމެރިކާ، އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާގެ ތާއީދު އޮތް ނިންމުމެއްކަން އެ ގައުމުތަކުން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ކުރިން ވަނީ މޮރިޝަސް އަށް ޗާގޯސް ދިނުމަކީ ތާރީހީ ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.
މޮރިޝަސް އަށް 1960 ގެ ތެރޭގައި އިނގިރޭސި ވިލާތުން މިނިވަންކަން ދިނީ ޗާގޯސްގެ ކޮންޓްރޯލް ހޯދުމަށް ފަހުގަ އެވެ. އޭގެ ފަހުން އިނގިރޭސި ވިލާތުން ވަނީ ޗާގޯސްގެ ރަށްތަކަކުން ގަދަ ބާރުން މީހުން ބާލުވައި އެކި ތަންތަނުގައި ވަޒަންވެރިކޮށްފަ އެވެ. މިކަމާ ބެހޭ އެކި މައްސަލަތައް ކޯޓުތަކުގައި ހިނގަމުންދެ އެވެ.
ޔޫކޭއިން ޗާގޯސް ދޫކޮށްލަން އެއްބަސްވީ އެ އަތޮޅަކީ މޮރިޝަސްގެ ސިޔާދަތުގައި ހިމެނޭ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމައި، އެތަން މޮރިޝަސްއާ ހަވާލުކުރުމަށް 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފަޔަށް ފަހުގައި ކުރި މަޝްވަރާތަކަށް ފަހުގަ އެވެ.