ޗާގޯސްގެ ޖަޒީރާގެ ރަށްތައް މޮރިޝަސްއަށް ހަވާލުކުރަން އިނގިރޭސި ސަރުކާރުން އެކުލަވައިލަން މަސައްކަތް ކުރަމުންދާ އެއްބަސްވުން ރާއްޖޭން ބަލައިނުގަންނާނެ ކަމަށާއި މިކަމުގައި ރާއްޖޭގެ އަޑުއަހަން ހައްގު ފުރުސަތު އިނގިރޭސި ވިލާތުން ދޭނެ ކަމުގެ އުއްމީދުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
މޮރިޝަސް އިސްތިއުމާރު ކޮށްގެން އިނގިރޭސިން ތިބުމަށް ފަހު، މޮރިޝަސް އަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސި ވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ.
ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
އެ ނިންމުން ބަލައިގަތުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހެދުމަށް ފަހު، މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ ޝަރުތު ކޮށްފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒްކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.
ބީބީސީ ނޫހަށް ލިޔުމުން ދެއްވި އިންޓަވިއުއެއްގައި، ރައީސް ވަނީ ތާރީހީ އަދި ސަގާފީ ގޮތުން ބަލާއިރު ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ހައްގު މާ ބޮޑު ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ގަބޫލުކުރުން ތަކުރާރު ކުރައްވައިފަ އެވެ.
މިގޮތުން، އެއްވެސް ގައުމަކަށް ޗާގޯސް ހަވާލުކުރާ ނަމަ، އެތަން ހަވާލުކުރަން ޖެހޭނީ ރާއްޖެއާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޗާގޯސް ހޯދުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ.
މިގޮތުން، ރާއްޖޭން ވަކާލާތު ކުރާ ނުކުތާތައް އައިސީޖޭ އަށް ރަސްމީކޮށް ހުށަހެޅުމަށްޓަކައި، އެކަން ކުރެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން އިނގިރޭސި ވިލާތުން، ދެފަރާތުގެ ވެސް މަސްލަތު ހިމާޔަތްކުރުމަށްޓަކައި ތާރީހީ ސައްހަކަމުގެ ރޫހެއްގައި މި މައްސަލަ ހައްލުކުރުމަށް މާނަހުރި މަޝްވަރާތަކެއް ކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަން ރައީސް މުއިއްޒު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރަސްމީކޮށް އަނބުރާ ގެނެސް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ކަނޑައެޅިކަން ވެސް ރައީސް މުއިއްޒު އިއުލާނުކުރެއްވި އެވެ.
ޗާގޯސް އެއްބަސްވުމާ ރާއްޖޭން އިއުތިރާޒް ކުރާތީ އެކަމާ ހިތްހަމަނުޖެހި، މޮރިޝަސްއިން މިހާރު ވަނީ ރާއްޖެ އާއެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުވެސް ކޮށްފަ އެވެ.