ރާއްޖޭގެ ދެކުނުގައިވާ ޗާގޯސްއާކިޕެލަގޯ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުން ކުރިއަށް ގެންދިއުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ރަށްތަކާ މެދު ރާއްޖެއާ މަޝްވަރާކުރައްވަން އިނގިރޭސި ބޮޑުވަޒީރު އެންޑްރޫ ބާންހަމް އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

ޗާގޯސްގެ މިލްކުވެރިކަމާ މެދު މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ މޮރިޝަސް އިން ކާމިޔާބުކޮށްފައި ވާތީ އެ ޗާގޯސް އެ ގައުމާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަަކު އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލާފައި ވަނިކޮށް އެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަން މިހާރުގެ ބޮޑުވަޒީރު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ޗާގޯސްއާ ގުޅޭ ގޮތުން، ރަސްމީ މަޝްވަރާތަކަށް ވަޑައިގަންނަވަން ރަައީސް ދައުވަތު ދެއްވީ އިނގިރޭސި ބޮޑުވަޒީރު ބާންހަމް އަށް ފޮނުއްވި ސިޓީއެއްގަ އެވެ. 

އެ ސިޓީގައި، ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޔޫކޭއިން ނިންމި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ. 

"ދިވެހިރާއްޖެ އާއި ޗާގޯސް ހިއްސާކުރާ ތާރީހާއި ރާއްޖެއާ ޗާގޯސްއާ ދެމެދު ސަގާފީ ގޮތުން އޮތް ގުޅުން ރައީސް ފާހަގަކުރެއްވި. ފުޅާދާއިރާއެއްގައި ކަނޑުގެ މާހައުލު ހިމާޔަތްކުރުމާއި ސައިންޓިފިކް ރިސާޗް އެކްސްޕެޑިޝަންތައް އެ ސަރަހައްދުގައި ހިންގަން ރާއްޖޭން ކުރިއްސުރެ ކުރަމުން އަންނަ ތާއީދު ވެސް ފާހަގަކުރެއްވި،" ރައީސްގެ ސިޓީފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ޖެހި ލިއުމުގައި  ބުންޏެވެ.

އެކަމުގައި ޔޫކޭއާ އެކު އިތުބާރު ހިފޭ، ބިނާކުރަނިވި ޕާޓްނަޝިޕެއް ދަމަހައްޓައި، އެއާއެކު ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަން ރާއްޖޭން އެދޭ ކަމަށް ވެސް އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތާ ބެހޭ ގޮތުން ރާއްޖެއާ ޔޫކޭ އިން މާނަ ހުރި މަޝްވަރާތަކެއް ކުރުމުގެ މުހިއްމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޗާގޯސް މޮރިޝަސްއަށް ހަވާލުކުރަން އިނގިރޭސި ސަރުކާރުން އެއްބަސްވުމެއް އެކުލަވައިލި އިރު އެ އެއްބަސްވުން ރާއްޖޭން ބަލައިނުގަންނާނެ ކަމަށާއި އެކަމުގައި ރާއްޖޭގެ އަޑުއަހަން ހައްގު ފުރުސަތު އިނގިރޭސި ވިލާތުން ދޭނެ ކަމުގެ އުއްމީދުކުރާ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ. 

މޮރިޝަސް އިސްތިއުމާރު ކޮށްގެން އިނގިރޭސިން ތިބުމަށް ފަހު، މޮރިޝަސް އަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސި ވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ.

ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުން ބަލައިގަތުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހެދުމަށް ފަހު، މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ ޝަރުތު ކޮށްފަ އެވެ.