ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑު ކަމަށާއި އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން ރާއްޖޭން ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް ގަބޫލުކުރެވޭތީ، އިނގިރޭސި ވިލާތުން މޮރިޝަސްއާ އެކު ހަދަން އުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް އެ ގައުމުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް ގޮވާލައްވައިފި އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ޗާގޯސް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ވެެފައިވާ އެއްބަސްވުމުގެ މައްސަލާގައި އިއްޔެ ބަހުސް ކުރައްވަމުން ފަރާޖް ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.
ފުރަތަމަ މައްސަލައަކީ އޭނާ ވިދާޅުވި ގޮތުގައި، ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑުވުމެވެ. ފަރާޖް ވިދާޅުވީ، ފްރާންސުން ވަނީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ތަނެއްގެ ނަން ބަދަލުކޮށްފަ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭން އައިސީޖޭ އަށް ވަރަށް އަވަހަށް ދައުވާއެއް ހުށަހަޅާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ބަޔަކަށް އޮންނަ ނަމަ އޮންނަންވީ ރާއްޖެ އަށް. މޮރިޝަސްއަކަށް ނޫން،" ޗާގޯސް އަށް ދަތުރުކުރުމަށްޓަކައި ދާދި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ފަރާޖް ވިދާޅުވި އެވެ.
އެ ބަހުސްގެ ތެރެއިން، ފަރާޖް ދެން ފާހަގަކުރެއްވި އަނެއް މައްސަލައަކީ، ޗާގޯސް މޮރިޝަސްއަށް ދީފި ނަމަ އެ ސަރަހައްދުގައި މިހާރު ގާއިމުވެފައިވާ އޮތް ހަމަޖެހުން ގެއްލުމެވެ.
މޮރިޝަސް އިސްތިއުމާރުކޮށްގެން އިނގިރޭސިން ތިބުމަށް ފަހު، މޮރިޝަސް އަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސި ވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ.
ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
އެ ނިންމުން ބަލައިގަތުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހެދުމަށް ފަހު، މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ ޝަރުތު ކޮށްފަ އެވެ.
ފަރާޖް ދާދި ފަހުން ރާއްޖެ އަށް ވަޑައިގެންނެވީ، ޗާގޯސްގައި އަލުން ވަޒަންވެރިވުމަށް އެ ތަނަށް ކަނޑުމަގުން ދިއުމަށް މަސައްކަތްކުރާ ޗާގޯސްގެ ބަޔަކަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސަމާނު ފޮނުވުމަށް އެހީވުމަށެވެ.
ނަމަވެސް، އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރުގައި އެދިގެން، އޭނާގެ ދަތުރަށް ހުރަސްއެޅި ކަމަށް ތުހުމަތު ކުރައްވައި، އެ ދަތުރު އޭނާ ވަނީ ކެންސަލް ކުރައްވައިފަ އެވެ.
ދިވެހި ސަރުކާރުން ފަހުން ވަނީ ފަރާޖްގެ ތުހުމަތު ދޮގުކޮށް، އެ ދަތުރަށް އެއްވެސް ގޮތަކަށް ހުރަސްއަޅާފައި ނުވާނެ ކަމަށް ބުނެފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒްކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.
އަދި މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރަސްމީކޮށް އަނބުރާ ގެނެސް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ކަނޑައެޅިކަން ވެސް ރައީސް މުއިއްޒު އިއުލާނުކުރެއްވި އެވެ.